ހަބަރު

އެފްޓީއޭގެ ދަށުން ޑިއުޓީ ނުނަގަން އޮތީ ރާއްޖޭގައި ނުބާނާ މަހަށް

Oct 12, 2020
2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް އެތެރެކުރެވޭ މަހުގެ ބާވަތްތަކުގެ ތެރެއިން، ސުން ޕަސަންޓުގެ ލިސްޓުގައި ހިމަނާފައިވަނީ ރާއްޖޭން ނުބާނާ މަހަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި އެ އެފްޓީއޭގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓާފައިވާކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ކުރެއްވި ސުވާލުގެ ތެރެއިން، ނަޝީދު މިއަދުވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.

އެގޮތުން، އެ އެފްޓީއޭއަކީ ވުޖޫދުގައި ނެތް އެއްޗެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަހުގެ ބާވްތަކުގެ ތެރެއިން ޑިޔުޓީ ނުނަގާ ޗައިނާއަށް އެތެރެކުރެވޭނެ ލިސްޓުގައި ހިމަނާފައިވަނީ ރާއްޖޭން ނުބާނާ މަހުގެ ބާވަތްތައް ކަމަށެވެ.

އަދި ރާއްޖޭން ބާނާ މަހުގެ ބާވަތްތަކަށް ގާތްގަނޑަކަށް ޔޫރަޕުން ނަގާ ޑިޔުޓީއާ މިންވަރެއް ހިމަނާފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމާއެކު، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ރިޔާސަތުން ވިދާޅުވީ ރަނގަޅު ނޫން ވާހަކަފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން އެ އެފްޓީއޭގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވި ސައީދު ވިދާޅުވީ އެފްޓީއޭގެ ދަށުން ޒީރޯ ޓެރިފްގައި ޗައިނާއަށް އެތެރެކުރެވޭ ބާވަތްތަކުގެ ތެރޭގައި މަސްވެރި އުފެއްދުންތަކުގެ 300 އެއްހާ ބާވަތް ހިމެނޭކަމަށެވެ. އަދި ނަޝީދު ވިދާޅުވީ އިތުރުފުޅެއް ކަން ސައީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ސައީދުގެ ނިޒާމީ ނުކުތާގެ ރައްދުގައި ކުރީގެ ސަރުކާރަށާއި މަޖިލީހަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގައި ހިމެނޭ އެއްޗެއް އެއްވެސް މިންވަރަކަށް ބަލާފައިނެތް ކަމަށެވެ.

"އިއްޒަތްތެރި މެންބަރު ތިހެން ވިދާޅުވުމަކީ ހިތާމައެއް. އަޅުގަނޑުގެ އަތުގައި މި އޮތީ އެ އެގްރީމަންޓުގެ ކޮޕީ. މި ތަނުގައި ވޯޓު ދީގެން މިކަން ކުރީ. މީގައި އެބައޮތް ދިގު ލިސްޓެއްވެސް. އެކަމަކު ސުން ޕަސަންޓް ލިބޭ ބާވަތްތަކުގެ ތެރޭގައި ނެތް ރާއްޖޭން ބާނާ މަހެއް،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރަން ރުހުން ދޭން ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެ ގޮތުން ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުމުން ބައްދަލުވުމެއް ބާއްވައި އެންމެ 10 މިނެޓުގެ ތެރޭގައި އެއްބަސްވުމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްލި އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ނޮވެމްބަރު 29، 2017 ގައި އެއްބަސްވުމަށް ރުހުން ދިނުމުން ޑިސެމްބަރު 18، 2014 ގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އެވެ.

އެ އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ ގާނޫނުތައް ނަހަދާ އޮތުމުން، އެއީ ވުޖޫދުގައި ނެތް އެއްޗެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދި ފަހުން ވިދާޅުވެފައިވާއިރު، އެ އެއްބަސްވުމަކީ ސޮއި ކުރަން ހެޔުވާވަރުގެ އެއްޗެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވެސް ވަނީ ވިދާޅުވެފަ އެވެ.