ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވާ ރާވަނީ އިގްތިސޯދީ ކޮމިޓީން ކަމަށާއި ފިޝަރީޒް އަދި އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ކުރައްވަނީ އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތުގެ ގޮތުގައި އޭނާ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޗައިނާއާއެކު ކުރީގެ ސަރުކާރުން ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒަހާ ވަނީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ރާވަނީ އިގްތިސޯދީ ކޮމިޓީން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ.
ޒަހާގެ އެ ވާހަކަފުޅާ ގުޅިގެން، މިނިސްޓަރު މަސައްކަތަކީ ދަނޑުތަކުގެ "ފަނިފަކްސާ ބެއްލެވުން" ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިނިސްޓަރު ކުރައްވަނީ ރެގިއުލޭޓަރީ މަސައްކަތް ކަމަށާއި އެކަން މަޖިލީހުގެ މެންބަރުން ހަނދާނުގައި ބެހެއްޓެވުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންނެވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، ޒަހާއަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވެފައިވާ ވަޒީރެވެ.
މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުވި މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނުހެދި ލަސްވާތީ އެމްޑީޕީގެ މެންބަރުން ވަނީ މިނިސްޓަރު ޒަހާއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒު ކުރައްވައިފަ އެވެ. އަދި ޒަހާގެ އިސްތިއުފާއަށް ގިނަ މެންބަރުންތަކެއް ގޮވާލެއްވި އެވެ.
ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަންޖެހޭ ގަވައިދުތައް އެ މުއްދަތުގައި ނިންމާފައިވާނުވާތީ، މަޖިލީހުގެ ގަވާއިދު ކޮމިޓީން އެ މައްސަލަ ބަލައި ޒަހާގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާ ކަމަށް ކަނޑައެޅި އެވެ.
ނަމަވެސް، އެ ގަވައިދުތައް މިހާރު ހަދައި ނިންމާފައިވާ ޒަހާ ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފަ އެވެ.