މިހާރު ހިނގާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދަން ގާނޫނުގައި ބުނާ މުއްދަތުގައި ގަވާއިދުތައް ހެދިފައި ނުވާތީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާޑުކިއުން އަމާޒުވެފައިވަނިކޮށް ޒަހާ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިނިސްޓަރު ޒަހާ ފޮނުއްވި ސިޓީގައި ވަނީ މަސްވެރިކަމުގެ ގަރާނުގެ ދަށުން ހަދަން ޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އިއްޔެ އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށެވެ.
މަސްވެރިކަމުގެ ގަނާނުގެ ދަށުން ހަދަން ޖެހޭ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމަށް ގަނޫނުގައި ބުނެފައިވާ މުއްދަތަކީ އެއް އަހަރު ދުވަހަށް ކަމަށާއި އެ މުއްދަތު ހަމަވަނީ އަންނަ ސެޕްޓެމްބަރު މަހަށް ކަމަށެވެ. އެ މުއްދަތަށް ޕްލޭންތައް ނިންމުމަށް މިނިސްޓްރީގެ ފަންނީ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަނޑު މަހުގެ ސިނާއަތްތުގައި އަމިއްލަ ކުންފުނިތަކާއެކު ހަތަރު ކުންފުންޏަކާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ އެއް ގޮތަށް މަސައްކަތް ނުކުރާ ހަތަރު ކުންފުންޏަކަށް 30 ދުވަހުގެ ނޯޓިސް ދީފައިވާ ކަމަށާއި އެ ނޯޓިސްގައި އެކަށީގެންވާ މަސައްކަތް ނުކުރެވި ވާތީ އެ އެއްބަސްވުންތައް އުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ކަމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާ ދިނުމުން އެ ކުންފުނިތަކަށް އެއްވެސް އެކްލޫސިވް ރައިޓެއް އެ އެއްބަސްވުންތަކުގެ ތެރެއިން މިހާރު ލިބެން ނެތް ކަމަށް ލަފާ ދީފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ކަނޑުގެ މަހުގެ ބާވަތްތައް އާންމުކޮށް ގަތުމުގެ ފުރުސަތު ކުންފުނިތަކަށް ހުޅުވިފައިވާ ކަމަށް ވެސް ޒަހާގެ ސިޓީގައިވެ އެވެ.
ޒަހާގެ ސިޓީއާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަސްވެރިކަމުގެ ގަވާއިދުތައް ނިމުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ނުކުރެވި އޮތް މުހިއްމު ކަމެއް ވެސް މިނިސްޓަރަށް ނިމިފައިވާ ކަމަށެވެ. އެއީ މަސްވެރިކަމުގެ ސިނާއަތް ހުޅުވާލުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މިނިސްޓަރު ޒަހާއަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.
މިނިސްޓަރު ޒަހާގެ ޖަވާބާ ގުޅިގެން ތަޅުމުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވެފައި ވަނީ މަޖިލީހުން ބަލަން ފެށުމުން ގަވާއިދުތައް ނިންމައި ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް ބޭނުން ވަނީ މާ ކުރިން ވެސް ޒިންމާ އަދާ ކުރައްވައި މަސައްކަތް ކުރުން ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.
ތަޅުމުގައި ވާހަކަ ދައްކަވަމުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވަނީ ގަވާއިދުތައް ނިމިފައިވާތީ މިހާރު ކުރެވޭ މެނޭޖްމަންޓް ޕްލޭންތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ދިރާސާ ކުރުމުގެ ގޮތުން އަލުން އަނބުރާ ކޮމިޓީއަށް ރިޕޯޓް ދިރާސާ ކުރަން ފޮނުވުމަށެވެ. އެ ހުށަހެޅުއްވުމަށް އަދި މެންބަރަކު ތާއީދެއް ނުކުރައްވަ އެވެ.
މީގެ ކުރިން މަސްވެރިކަމުގެ ގަވާއިދުތައް ނުހެދި ލަސްވާތީ އެމްޑީޕީގެ މެންބަރުން ވަނީ މިނިސްޓަރު ޒަހާއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒު ކުރައްވައިފަ އެވެ. އަދި ޒަހާގެ އިސްތިއުފާއަށް ގިނަ މެންބަރުންތަކެއް ގޮވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން އަބަދުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ދެން ތިއްބެވި މިނިސްޓަރުންނަށް ފާޑުވިދާޅުވެއެވެ. މިނިސްޓަރު ޒަހާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި މަގާމުގައި ހުންނެވި ބޭފުޅެކެވެ.