ހަބަރު

ޒަހާގެ އިސްތިއުފާގެ އަޑު މަޖިލީހުގެ ތެރޭގައި ގަދަވެއްޖެ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިސްތިއުފާއަށް މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް މިއަދު މަޖިލީހުގެ ތަޅުމުގައި ގޮވާލައްވައިފި އެވެ.

މީގެ ކުރިން ވެސް މިނިސްޓަރު ޒަހާ ހިމެނޭ ގޮތަށް އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ މިނިސްޓަރުންނަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ތަޅުމުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. ޒަހާ އަކީ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ، އެމްއާރުއެމްގެ ސްލޮޓްގެ މިނިސްޓަރެކެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލަން ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވެގެން ދިޔައިރު ވެސް ގަވާއިދުތައް ހެދިފައި ނުވާ މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީން ދިރާސާކުރި އެވެ. އެ ކޮމިޓީން ނިންމީ މިނިސްޓަރު ޒަހާ ޒިންމާ އަދާ ކުރައްވާފައި ނުވާ ކަމަށެވެ.

އެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ޒަހާގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ. އަދި މިނިސްޓަރު ޒަހާ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނަމަ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭނެ ކަމަށް ވެސް ގިނަ މެންބަރުން ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް އެމްޑީޕީގެ ބޮޑު ތަސައްވުރެއްވާ ކަމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަސްވެރިންނަށް އެތައް ވައުދެއް ވެފައިވާ ކަމަށެވެ. މަސްވެރިކަމާ ގުޅޭ އެތައް ގަރާރެއް ވައްދައި ބޮޑު ގާނޫނެއް މަޖިލީހުން ފާސްކުރީ އެ ސަބަބަށްޓަކައި ކަމަށެވެ.

ނަމަވެސް ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި އެކުލަވާލަން މިނިސްޓްރީއަށް ލާޒިމު ކޮށްފައިވާ ގަވާއިދުތައް ނުހެދި ލަސްވާއިރު އެކަމަށް އެކަށީގެންވާ ސަބަބެއް ވެސް މިނިސްޓަރެއް ދެވިފައި ނުވާ ކަމަށެވެ. އެ ކަމާ ގުޅޭ ގޮތުން ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާ ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވީ މަސްވެރިކަމަށް ޓަކައި މަސައްކަތްތަކެއް ކުރެވުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށެވެ. ދެން މަސައްކަތްތަކެއް ކުރެވުނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މި މަޖިލީހުގެ ތެރެއިން ކަމަށެވެ. ނަމަވެސް އެ ގާނޫނު އެކަށީގެންވާ މިންވަރަށް ތަންފީޒު ކުރެވެމުން ނުދާ ކަމަށެވެ.

"މިއިން ސާފުކޮށް އެނގެނީ އެކަމަނާ (މިނިސްޓަރު ޒަހާ ވަހީދު) އިހުމާލުވެފައިވާ ކަން، މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަން،" ޔާސިރު ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، މަސްވެރިންގެ ހިޔާލު ހޯދުމަށް ޓަކައި މި ސަރުކާރުގައި ގދ. ތިނަދޫގައި ބޭއްވި ފޯރަމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަސްވެރިކަމުގެ ތަސައްވުރެއް ހިއްސާ ކުރެއްވި ކަމަށެވެ. މަޖިލީހުން ފާސްކުރި ގާނޫނަކީ އެ ތަސައްވުރަށް ގާނޫނީ ބާރުވެރިކަން ދިން ގާނޫނެއް ކަމަށެވެ.

"ގާނޫނުގައި މިނިސްޓަރަށް މަތި ކުރާ ޒިންމާ އަދާ ނުކުރެވުމަކީ، ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާ ނުކުރެވޭނަމަ، ވަގުތުން މަގާމު ދޫކޮށްލާފައި ދާން ޖެހޭ، މަސްއޫލިއްޔަތު އަދާ ނުކުރެވި، ގަވާއިދުތަކެއް ނުހެދި ދިއުމަކީ މަގާމުގެ ކުފޫ މީހާ ހަމަނުވާ ހިސާބަށް ދިއުން،" ވައްޑެ ވިދާޅުވި އެވެ.

ކޮމިޓީގެ ރިޕޯޓާ ގުޅިގެން އަޅާނެ ފިޔަވަޅެއް އަދި ނުނިންމަ އެވެ. އަދި ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މެންބަރަކު ހުށަހަޅުއްވާފައެއް ނުވެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި މި މައްސަލަ ފެންމަތިކޮށްފައި ވަނީ ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.