ރައްޔިތުންގެ މަޖިލިސް

ޒަހާގެ ޒިންމާ އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ކޮމިޓީއަކުން ނިންމައިފި

ފިޝަރީޒް ޒަހާ ވަހީދު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ އަދާކުރައްވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމައިފި އެވެ.

ގަވާއިދު ކޮމިޓީން އެ ގޮތަށް ނިންމާފައި ވަނީ މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ އާ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާން ކުރާ ގިނަ ގަވާއިދުތަކެއް ފިޝަރީޒް މިނިސްޓްރީން ނިންމާފައި ނުވާތީ އެ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހުގަ އެވެ.

މައްސަލަ ބެލުމަށް ފަހު، ގަވާއިދު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގަނާނުގައި އެކުލަވާލަން ބަޔާން ކުރާ ގަވާއިދުތައް މިނިސްޓްރީން ހަދާފައިނުވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ގާނޫނެއްގައި ވަކި ގޮތަކަށް އަމަލު ކުރަން ބަޔާން ކޮށްފައިވާނަމަ އެއީ ބަރީއަވެވެން ނެތް ވާޖިބެއް ކަމަށް ހަމަތައް ބަޔާން ކުރާ ގާނޫނުގައި ބުނެފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ފިޝަރީޒް މިނިސްޓްރީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ގާނޫނުގައި ކަނޑައެޅިފައިވާނ މުއްދަތަށް އަދާކޮށްފައި ނުވުމުން މިނިސްޓްރީން ގާނޫނާ ހިލާފު ވެފައިވާ ކަމަށާއި މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަގަވާފައި ނުވާ ކަމަށް ނިންމާފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމިޓީން އެ މައްސަލަ ދިރާސާކުރިއިރު ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުންނާ ކޮމިޓީން ވަނީ ސުވާލު ކޮށްފަ އެވެ. ކޮމިޓީ ރިޕޯޓުގައިވާ ގޮތުން ގަވާއިދު ހެދުމަށް ޓަކައި މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލަން ޖެހޭނެ ކަމަށާއި އެ ކަމަށް ދެ އަހަރުގެ މުއްދަތެއް ބޭނުންވާ ކަމަށް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވި އެވެ. ނަމަވެސް އެ ކަމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭ ކަން އެ ބޭފުޅުންގެ ޖަވާބުން ފާހަގަވި ކަމަށް ގަވާއިދު ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން ގާނޫނުގެ ދަށުން ގަވާއިދުތައް ހަދަން ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމުގައި ސިޔާސީ ބޭފުޅުންގެ ފަރާތުން އެއްވެސް ޕްރެޝަރެއް އަންނަނީތޯ ވެސް ކޮމިޓީގެ މެންބަރުން ސުވާލު ކުރި އެވެ. ރިޕޯޓުގައިވާ ގޮތުން މިނިސްޓްރީގެ ބޭފުޅުން ވިދާޅުވެފައި ވަނީ އެފަދަ އެއްވެސް ޕްރެޝަރެއް ވެސް ނާންނަ ކަމަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ޒަހާ ހާޒިރު ކުރި ފަހަރެއްގައި ވެސް މަސްވެރިކަމުގެ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރުން ލަސްވަމުން ދާތީ މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެންބަރުންގެ ނުރުހުން ޒަހާއަށް އަމާޒު ކުރެއްވި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.