ހަބަރު

ތަޅުމުން ނިންމީ ޒަހާގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލަން

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހެދުމަށް ގާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތަށް ގަވާއިދުތައް ނުހެއްދި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އައުމަށް ފަހު މިހާރު ގަވާއިދުތައް ނިންމާފައިވާތީ އެ މައްސަލަ އަނބުރާ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި ފާސްކޮށްފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިނިސްޓަރު ޒަހާ ފޮނުއްވި ސިޓީގައި ވަނީ މަސްވެރިކަމުގެ ގަރާނުގެ ދަށުން ހަދަން ޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އިއްޔެ އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށެވެ.

އެހެންވެ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވީ އެ ގާނޫނުގެ ދަށުން ކުރެވެމުންދާ އެހެން މަސައްކަތްތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންގެ މަސައްކަތްތައް ކުރަމުންދާ ގޮތް ބެލުމަށް އެ މައްސަލަ އިތުރަށް ދިރާސާ ކުރަން އަލުން އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ.

މެންބަރު ނަސީރުގެ ހުށަހެޅުއްވުމާ އެއް ގޮތަށް އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވަން ފާސްކުރީ 69 މެންބަރުންގެ ވޯޓުންނެވެ. އަނބުރާ ކޮމިޓީއަށް މައްސަލަ ފޮނުވަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މީގެ ކުރިން މަސްވެރިކަމުގެ ގަވާއިދުތައް ނުހެދި ލަސްވާތީ އެމްޑީޕީގެ މެންބަރުން ވަނީ މިނިސްޓަރު ޒަހާއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒު ކުރައްވައިފަ އެވެ. އަދި ޒަހާގެ އިސްތިއުފާއަށް ގިނަ މެންބަރުންތަކެއް ގޮވާލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން އަބަދުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ދެން ތިއްބެވި މިނިސްޓަރުންނަށް ފާޑުވިދާޅުވެއެވެ. މިނިސްޓަރު ޒަހާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި މަގާމުގައި ހުންނެވި ބޭފުޅެކެވެ.

މިނިސްޓަރު ޒަހާގެ މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީން ދިރާސާކުރުމަށް ފަހު އެ ކޮމިޓީގެ މެންބަރުންގެ ވޯޓުން ނިންމާފައި ވަނީ ޒަހާގެ ޒިންމާ އޭނާ އަދާ ކުރައްވާފައި ނުވާ ކަމަށެވެ. ގަވާއިދުތައް ހަދައި ނިންމާފައި މި ވަނީ އެ މައްސަލަ ތަޅުމަށް ފޮނުވައި މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވި ފަހުންނެވެ.