މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ދެއްވި ޖަވާބުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރެއްވިއިރު، މިއަދުގެ ޖަލްސާގައި ޒަހާ ދެއްވި ޖަވާބުތަކަށް ނަޝީދު ވަނީ އޭ ރިޕޯޓެއް ދެއްވާފަ އެވެ.
މިހާތަނަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރުން ދެއްވި ޖަވާބުތަކަށް ރައީސް ނަޝީދު "އޭ ރިޕޯޓެއް" ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް އެކަންޏެވެ. އައިޝަތު އަލީ އަކީ އެމްޑީޕީގެ ސްލޮޓްގައި ކެބިނެޓްގައި އިންނަވާ މިނިސްޓަރެކެވެ.
މީގެ ކުރިން މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި މިނިސްޓަރުންގެ ތެރެއިން އެމްޑީޕީ ފިޔަވައި ކޯލިޝަންގެ އެހެން ސިޔާސީ ޕާޓީތަކުގެ ސްލޮޓްގެ މިނިސްޓަރުން ދެއްވާ ޖަވާބުތަކަށް ރައީސް ނަޝީދު އާއި އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅު ކުރައްވަ އެވެ. އެމްއާރުއެމްގެ ސްލޮޓްގެ މިނިސްޓަރު ޒަހާއަށް ވެސް މީގެ ކުރިން ނުރުހުން ފާޅުކުރައްވައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޒަހާ ހާޒިރުވެ ވަޑައިގެންނެވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ދެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އެއީ ޒަމާނީ މަސްވެރިކަމެއް ތަރައްގީ ކުރުމަށް އެއްވެސް ދިރާސާ ކުރެވިފައިވޭތޯ އާއި މިހާރު ހުއްޓާލާފައިވާ ލޭނުގެ މަސްވެރިކަން އަލުން ފަށާނަމަ ފެށޭނީ ކިހާތާކުތޯ އެވެ.
އެ ދެ ސުވާލަށް އެކަނި ޒަހާ ޖަވާބު ދެއްވުމާ އެކު، އިތުރު ސުވާލުތަކަށް މެންބަރުންނަށް ފުރުސަތު ހުޅުވާލުމުގެ ކުރިން ރައީސް ނަޝީދު ވަނީ ޒަހާ ދެއްވި ޖަވާބުތަކަށް ތައުރީފު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ "ރިޕޯޓް ފޮތުގައި ޖަހާ ނަމަ އޭ ރިޕޯޓަކާ ހަމައަށް މިހާރު އިއްޒަތްތެރި ވަޒީރު [ޒަހާ] އަށް ވަޑައިގެންނެވިއްޖެ" ކަމަށެވެ.
މީގެ އިތުރުން ޒަހާ ދެއްވި ޖަވާބަށް މެންބަރު ޖާބިރު ނުރުހުން ފާޅު ކުރެއްވުމުން ނަޝީދު ވަނީ ޒަހާގެ ދިފާއުގައި ވެސް ވާހަކަ ދައްކަވައިފަ އެވެ. ޒަހާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބު ނުދެއްވާ ކަމަށް ޖާބިރު ވިދާޅުވުމުން ނަޝީދު ވަނީ ޒަހާ ވަރަށް ފުރިހަމައަށް ޖަވާބު ދެއްވި ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން މެންބަރު ކުރެއްވި ސުވާލާއި އެއަށް ޒަހާ ދެއްވި ޖަވާބު ފާހަގަ ކުރައްވައި ނަޝީދު ވާހަކަ ދެއްކެވި އެވެ.
އީޔޫގެ މެރިޓައިމް އެފެއާޒް އަދި ފިޝަރީޒް ޑައިރެކްޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ރާއްޖެއަށް 2015 ވަނަ އަހަރު ޒިޔާރަތްކޮށް، އޭރު ރާއްޖޭގައި މަސްވެރިކަމުގައި ދާއިރާގައި ހިނގަމުން ދިޔަ ގަވާއިދާ ހިލާފު ކަންކަމާ ގުޅިގެން އެ ކަން އިސްލާހު ކުރަން އެންގި އެވެ.
އެކަމަކު 2019 ވަނަ އަހަރާ ހަމައަށް އެއިން ކަމަކަށް ފިޔަވަޅު އެޅިފައި ނުވާއިރު، ލޭނުގެ މަސްވެރިކަމުގައި އިތުރު ގަވާއިދާ ހިލާފު ކަންކަން ފާހަގަކުރެވިގެން ރާއްޖެއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ އިޔޫއިން ވަނީ އިންޒާރު ދީފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ މި ސަރުކާރުން އެ ކަމާ ގުޅިގެން ކުރި މަސައްކަތުން އީޔޫއިން ފާހަގަ ކުރި މައްސަލަތަކަށް ހައްލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެއާއެކު އީޔޫއިން ފިޔަވަޅު އެޅުމުގެ ބިރު ވެސް މިހާރު ފިލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުފަލާ އެކު ފާހަގަ ކުރަން ބޭނުންވަނީ ވޭތުވެދިޔަ އަހަރު މި ސަރުކާރުން ކުރި މަސައްކަތުން އީޔޫއިން ފާހަގަ ކުރި މައްސަލަތައް ހައްލު ކުރެވި ފިޔަވަޅު އެޅުމުގެ ބިރު އެއްކޮށް ދުއްވާލެވުނު ކަމަށް. މިޝަން މި ފަހަރު ވެސް އައި، އަދި ނިންމަމުން އީޔޫ އިން ވަނީ ސަރުކާރާއި މިނިސްޓްރީން ކުރި މަސައްކަތް ފާހަގަކޮށްފައި،" ޒަހާ ވިދާޅުވި އެވެ.
ގޭދޮށު މަސް ޕްލާންޓްގެ އަމަލީ މަސައްކަތް ވެސް މިހާރު ފެށިފައިވާ ކަމަށް ޒަހާ މިއަދު ވިދާޅުވި އެވެ. މި ގޮތުން އޭގެ ކޮންސެޕްޓް ތައްޔާރުކޮށް ލާމަރުކަޒީ އުސޫލުގެ ތެރެއިން ކައުންސިލްތަކަށް ޓެންޑާއަށް ދޫކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގޮތުން އިންޑިއާގެ އެހީގައި އައްޑޫ ސިޓީގެ ތިން ރަށެއްގައި ގޭދޮށު މަސް ޕްލާންޓް ގާއިމު ކުރުމަށް ޓެންޑާއަށް ހުޅުވާލަން އައްޑޫ ސިޓީ ކައުންސިލުން ތައްޔާރީތައް ވަމުންދާ ކަމަށް ޒަހާ ވިދާޅުވވި އެވެ. އިތުރު މަސް ޕްލާންޓްތަކެއް އެޅުމަށް ފައިސާ ހަމަޖެއްސުމުުގެ ކަންކަން ކުރަމުންދާއިރު، އޭޑީބީ ފަންޑުން ވަނީ އެ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް މ. އަތޮޅުގައި އެ ކަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.
ޒަހާ ދެއްވި މިފަދަ ޖަވާބުތަކާއި ބައެއް މެންބަރުން އެ މެންބަރުންގެ ދާއިރާއާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބައެއް ކަންކަމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވިދާޅުވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ޒަހާއަށް ތަރުހީބު ދެއްވައިފަ އެވެ.
އީޔޫގެ މައްސަލާގައި ވެސް ޒަހާ ދެއްވި ޖަވާބު ދިފާއު ކުރައްވައި ރައީސް ނަޝީދު ވާހަކަ ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، އިޔޫއިން ރާއްޖޭން މަސް ނުގަންނަ ހިސާބަށް ކަންކަން ގޮސްފައި އޮތްވާ މިނިސްޓަރު ކުރެއްވި މަސައްކަތުން އެ ހާލަތުން އަރައިގެންފައިވާ ކަމަށެވެ. އެ ކަމަށް މިނިސްޓަރަށް މަރުހަބާ ވިދާޅުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.