ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ޒިންމާތައް އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ، މަގާމުން ވަކި ކުރުމުގެ ނުސީދާ އިންޒާރެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ވުޖޫދުވި މަސްވެރިކަމުގެ އާ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަން ޖެހެ އެވެ. ނަމަވެސް، އެ މުއްދަތުގައި އެ މަސައްކަތް ކުރެވިފައި ނުވާތީ، މަޖިލީހުގެ ގަވާއިދު ކޮމިޓީން އެ މައްސަލަ ބަލައި ޒަހާގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާ ކަމަށް ކަނޑައެޅި އެވެ.
އެއާއެކު، ނަޝީދަށް ޒަހާ ފޮނުއްވި ސިޓީގައި ވަނީ މަސްވެރިކަމުގެ ގަރާނުގެ ދަށުން ހަދަން ޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، މިހާތަނަށް އެ ގަވައިދުތައް ގެޒެޓުކޮށްފައި ނުވާއިރު، މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.
"އަޅުގަނޑުމެނަށް މި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިދާނެ، އެކަމަކު އެ ކޮމިޓީން ވެސް އަނެއްކާ ނިންމަން އޮންނާނީ ވަޒީރުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް، އަޅުގަނޑު މަޖިލީހުގެ މެންބަރުން އަންގަން އޮތީ ވަޒީރު މަސްއޫލިއްޔަތު އަދާ ނުކުރީމަ ކަން ކުރަން ޖެހޭ ގޮތް ސާފުވާން ވާނެ،" ނަޝީދު ވިދާޅުވި އެވެ.
ސީދާ ވިދާޅުނުވި ނަމަވެސް، ނަޝީދު އިޝާރާތް ކުރެއްވީ ޒަހާގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވައްދައި، ފާސްކުރުމަށް ކަމަށް ބެލެވެ އެވެ.
ނަޝީދު އެ ގޮތަށް ވިދާޅުވި ފަހުން، ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ތިން ގަވައިދެއް ގެޒެޓު ކުރުމަށް މިއަދު ހެނދުނު ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް ނަޝީދު ވަނީ ހާމަ ކުރައްވާފަ އެވެ. ނަމަވެސް، އަދިވެސް ތިން ގަވައިދެއް ހެދިފައި ނުވާކަމަށް މިނިސްޓްރީގެ މައުލޫމާތާ ހަވާލާ ދެއްވާ ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިހެން، އަމަލު ކުރައްވާނެ ގޮތެއް އެނގިވަޑައިގަންނަވާނީ އިއްޒަތްތެރި މެންބަރުންނަށް،" ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން މަސްވެރިކަމުގެ ގަވާއިދުތައް ނުހެދި ލަސްވާތީ އެމްޑީޕީގެ މެންބަރުން ވަނީ މިނިސްޓަރު ޒަހާއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒު ކުރައްވައިފަ އެވެ. އަދި ޒަހާގެ އިސްތިއުފާއަށް ގިނަ މެންބަރުންތަކެއް ގޮވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން އަބަދުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ދެން ތިއްބެވި މިނިސްޓަރުންނަށް ފާޑުވިދާޅުވެއެވެ. މިނިސްޓަރު ޒަހާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި މަގާމުގައި ހުންނެވި ބޭފުޅެކެވެ.