އަބްދުﷲ ޖާބިރު

ޒަހާއަށް އިތުބާރުކޮށް ޖާބިރު ސޮއި ނަންގަވައިފި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހަށް ހުށައެޅި މައްސަލާގައި ސޮއިކުރެއްވުމަށް ފަހު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސޮއި އަނބުރާ ގެންދަވައިފި އެވެ.

އެކަން ހާމަކޮށް ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން އެކަން ދަންނަވާފައެވެ. ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވަނި ޒަހާގެ އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވީ އެކަމަނާއަށް ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެއްވުމުގެ ސަބަބުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބި އަދި ވަޒީރަކު މަސްއޫލިއްޔަތު އަދާނުކުރައްވާނަމަ ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކަށްވާތީ ޖަވާބުދާރީ ކުރުވުމުގެ މަތިވެރި ނިޔަތުގައި ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ކަނޑުގެ ހަޒާނާ ހުޅުވާލުމާއި ދަނޑުވެރިންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ މި ވަގުތަށް މިނިސްޓަރު ޒަހާއަށް އިތުބާރުކޮށް އިތުބާރު ނެތް މައްސަލާގައި ކޮށްފައިވާ ސޮއި އަބުރާ ގެނެސްފައިވާ ކަމަށް އެ ސިޓީގައި ވިދާޅުވެފައިއެވެ.

ޖާބިރުގެ ސިޓީގައި ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށް ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ފުރިހަމަަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު 10 މެންބަރުން ސޮއިކުރައްވާ ހުށައެޅުއްވި ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، އަދި މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ނުދެވި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދާ މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ކުރެވިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް ޔަގީން ކޮށްދިނުމަށްދީ، ކަންނެލި ޖަގަހަތަކާއި ގޭދޮށު ފެކްޓްރީތައް ގާއިިމު ކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކެއް ނަމަވެސް އެ ވައުދުތައްވެސް ފުއްދިފައިނުވާ ކަމަށެވެ.

އެހެން ކަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދާނުކުރެވޭތީ އެކަމަަނާ މަގާމުގައި ހުންނެވުމަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށްވެސް އިތުރު ނިކަމެތި ކަމެއް ލިބޭނެ ކަމެއް ކަމަށްވާތީ ޒަހާގެ އިތުބާރު ނެތް މައްސަލަ ހުށައަޅާ ކަމަށެވެ.

އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށައެޅެނީ 10 މެންބަރުން ސޮއި ހަމަކޮށްގެންނެވެ. އެހެން ކަމުން ޖާބިރުގެ ސޮއި އަނބުރާ ނެންގެވުމާއި ގުޅިގެން ދެން އެ މައްސަލަ ކުރިއަށް ގެންދާނެތޯ ވަނީ ސުވާލު އުފެދިފައެވެ. ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ޒަހާއަށް މައްސަލައިގެ ނޯޓިސް ފޮނުވާފައެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ މަސްވެރިކަމެއް ކޮށްގެން ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާނެ ކަމަށާއި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ގޮވާލާ އެންމެ ހަރުކޮށް ވާހަކަ ދައްކަވާ އެއް ބޭފުޅަކީ ޖާބިރެވެ. ޖާބިރުގެ ތާއީދު މިހިނދަށް ޒަހާއަށް ދެއްވީ އެ ނިންމުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.