ޕޮލިޓިކްސް

ޒަހާގެ މައްސަލާގައި ޖާބިރާއި ފަލާހުގެ ޒުވާބެއް

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ހާޒިރު ކުރަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމުން އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި ޖާބިރާ ދެމެދު ކޮމެޓީގައި ޒުވާބު ހިނގައިފި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓްގައި ވަޒީރު ކަމުގައި ހުންނެވި ޒަހާގެ މަސްއޫލިއްޔަތު އެކަމަނާ އަދާ ނުކުރައްވާތީ ކޮމިޓީއަށް ހާޒިރުކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންގޮސް ދިނުމަށް އެދިވަޑައިގެން ޖާބިރު ފޮނުއްވި ސިޓީއެއް ދިރާސާ ކުރުމެވެ.

ޖާބިރުގެ ސިޓީ ހުށަހެޅުއްވަމުން އޭނާ ވިދާޅުވީ ސްކޫބާ ޑައިވް ކުރާއިރު ޑިކޮމްޕްރެސް ނުކޮށް މައްޗަށް އެރުމުން ދިމާވާ މައްސަލަ ރަނގަޅު ކުރަން މީހުންނަށް ފަަރުވާދޭ ޗެމްބަރެއް ހަދަން ސަރުކާރުން ނޫޅޭ ކަމަށެވެ. އެފަދަ ކަންކަމަށް ދޭން ޖެހެ ހުއްދަ ވެސް މިނިސްޓަރު ނުދެއްވާ ކަމަށެވެ.

ކޮމިޓީއަށް އެ ސިޓީ ޖާބިރު ހުށަހެޅުއްވުމުން ކޮމިޓީގެ މުގައްރިރު ފަލާހް ވިދާޅުވީ ޖާބިރު އެ މައްސަލަ ހުށަހެޅުއްވީ އޭނާގެ އަމިއްލަ މަސްލަހަތާއި އަމިއްލަ ވިޔަފާރިއާ ގުޅުން ހުރި ކަމެއްގައި ކަމަށެވެ. ޒަހާ އަދާ ނުކުރެއްވީ ސީދާ ކޮންމެ ޒިންމާއެއް ކަމެއް ވެސް ޖާބިރުގެ ސިޓީގައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮމިޓީ، އެއްވެސް މެމްބަރަކު ބޭނުން ކުރައްވައިގެން ނުވާނެ އަމިއްލަ ވިޔަފާރި އާއި އަމިއްލަ މަސްލަހަތު ހުރި ކަންތައްތަކުގައި އެ ކަމެއް ނުވީމާ މިނިސްޓަރަކު ޖަވާބުދާރީ ކުރުވަން ގެނައުމަށް." ފަލާހު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމުން ޖާބިރު ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. ވިދާޅުވީ، މިނިސްޓަރު ޒަހާ ހާޒިރު ކުރަން ހުށަހެޅުއްވީ އެއްވެސް ގޮތަކަށް މިނިސްޓަރުގެ ޒިންމާ އަދާ ނުކުރައްވާތީ ނޫން ކަމަށެވެ. ހުވަދު އަތޮޅުގައި މަސްވެރިކަން ކުރާ މީހުނަށް ދިމާވާ ދަތިތަކަށް ހައްލެއް ނުގެނެސް ދެވުމަކި ވެސް ޒިންމާ އަދާ ނުކުރުން ކަމަށެވެ.

ޖާބިރު އެހެން ވިދާޅުވުމުން ފަލާހް ވިދާޅުވީ ކަން ހިނގައިދިޔަ ގޮތް އޭނާ ސާފު ކުރެއްވި ކަމަށެވެ. ހުވަދު އަތޮޅުގެ ފަޅު ރަށެއްގައި ޗެމްބަރެއް އަޅަން ޖާބިރު ބޭނުންފުޅުވާ ކަމަށައި ނަމަވެސް އެފަދަ ރަށެއްގައި އެ ކަން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެ ރަށަކީ ޖާބިރުގެ ވަރުވާއަށް ލިޔެފައި އޮތް ރަށެއް ކަމަށެވެ.

"މި ދިމާވާ މައްސަލައަކީ މި މައްސަލަ ހުށަހެޅުއްވި އިއްޒަތްތެރި މެމްބަރު [ޖާބިރު] ބޭނުންފުޅު ވަނީ ހުވަދު އަތޮޅު ކޮންމެ ވެސް ރަށެއްގައި ޗެމްބަރެއް އަޅުއްވަން، ފަޅު ރަށެއްގައި، އެ ރަށަކީ މީގެ އެތައް ޒަމާނެއް ކުރިން އިއްޒަތްތެރި މެމްބަރުގެ ވަރުވާގެ ދަށުގައި އޮތް ރަށެއް." ފަލާހް ވިދާޅުވި އެވެ.

ފަލާހްގެ އެ ވަހާކައާ ގުޅިގެން ޖާބިރު ކޮމިޓީގައި އަޑުގަދަ ކުރެއްވި އެވެ. އޭނާ ވިދާޅުވަމުން ގެންދެވީ ޒަހާ ހާޒިރު ކުރަން ހުށަހެޅުއްވީ ފަލާހް ވިދާޅުވާ ކަންކަމާ ގުޅިގެން ނޫނީ އޭނާގެ އަމިއްލަ މަސްލަހަތު ކުރި ކަމެއްގައި ނޫން ކަމަށެވެ. ޖާބިރުގެ ވާހަކަތަކަށް ފަލާހް ވެސް ގެންދެވީ ރައްދު ދެއްވަމުންނެވެ.

ފަހުން ފަލާހް ވިދާޅުވީ މިނިސްޓަރު ޒަހާ ހާޒިރު ކުރުމަށް އޭނާ ދެކޮޅު ނުހައްދަވާނެ ކަމަށެވެ. އެއަށް ފަހުގައި ޖާބިރުގެ ހުށަހެޅުއްވުމަށް އޭނާ ވޯޓެއް އެހި އެވެ. ނަމަވެސް ޖާބިރުގެ ހުށަހެޅުއްވުމާ އެއް ގޮތަށް ޒަހާ ހާޒިރު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެހެންކަމުން ޒަހާ ހާޒިރު ކުރަން ފާހެއް ވެސް ނުވި އެވެ.