ރައީސް މުހައްމަދު ނަޝީދު

"ޝާހިދަށް އަޅުގަނޑުގެ ތާއީދު އެބައޮތް"

Aug 21, 2020
1

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފުރިހަމަ ތާއީދާއި އިތުބާރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޓްވީޓެއް ކުރައްވާ މިއަދު ވިދާޅުވީ "ޝާހިދަށް ހަމަ ކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް" ކަމަށެވެ. އަދި މާލެގޭ ބޮޑު އާއިލާއަކަށް ނިސްވަތްވާ ފޮރިން މިނިސްޓަރު ޝާހިދަށް ސާބަސް ވެސް ދެއްވާފައި ވެއެވެ. ރައީސް ނަޝީދު އެ ޓްވީޓް ކުރެއްވުމާއެކު ޝާހިދު ވަނީ ރައީސް ނަޝީދަށް ޝުކުރު އަދާކޮށް ޓްވީޓެއް ވެސް ކުރައްވާފަ އެވެ. -- ޝާހިދަކީ ދަރަވަންދޫގެ އާއިލާއަށް ނިތްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިހެން ވިދާޅުވި އިރު އެ މަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ޝާހިދުގެ އިތުބާރު ނެތް ކަމަށް 11 މެންބަރުންގެ ސޮޔާއެކު މައްސަލަ މަޖިލީހަށް ވައްދަން ނިންމާވާ އެކަން އިއުލާން ކުރައްވާ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ވޯޓް ނަގާ ގަރާރެއް ވަންދަން ބޭނުން ވަނީ 10 މެންބަރުންގެ ސޮޔެވެ.

ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓް

ޖާބިރު މިއަދު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމަށާއި އެ ޒިންމާ ޝާހިދު ނަންގަވަން ޖެހި ވަޑައިގަންނަވާނެ ކަމަށެވެ. އަދި ގައުމުތަކާއެކު ހަމަހަމަ ގުޅުންތައް ގާއިމް ކުރުމުގައި މި ސަރުކާރު ފެއިލްވީ ޝާހިދުގެ ސަބަބުން ކަމަށެވެ.

"ހުރިހާ މިޝަންތައް އެވަނީ ފެއިލްވެފައި. ވަކި ގައުމަކާއި ނޫނީ ގުޅުން ބަދަހި ކުރެވެނީއެއް ނޫން. ދެން ކޮން ކަމެއްތޯ ޝާހިދަށް މި ކުރެވެނީ. އެހެންވީމަ އެފަދަ މަގާމެއްގައި ބޭފުޅަކު ހުރެގެން ނުވާނެ،" އަވަސްއާ ވާހަކަ ދައްކަވަމުން ޖާބިރު މިއަދު ވިދާޅުވިއެވެ.

"ހޯމަ ދުވަހު އިރާދަކުރެއްވިއްޔާ 10 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ ވައްދާނަން. އެ މައްސަލަ ކާމިޔާބު ވެސް ކުރާނަން. ދަންނަވަންތޯ ވާހަކައެއް. ރައްޔިތުންގެ މަޖިލީހަކު ޝާހިދަށް ތާއީދުކުރާނެ ހަމަ އެއްވެސް މެންބަރަކު ނުހުންނާނެ. ކާކުތޯ ޝާހިދަށް ތާއީދު ކުރަނީ؟" ޖާބިރު ސުވާލު ކުރެއްވި އެވެ.