ރައީސް މުހައްމަދު ނަޝީދު

ރައީސަށް ތާއީދުނުކުރައްވާނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އެމްޑީޕީ ދެބައިވުން ފިޔަވައި އިތުރު މައްސަލައެއް ދިމާ ނުވާ ކަމަށެވެ.

"ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އިތުރު މައްސަލައެއް ދިމައެއް ނުވޭ. އޭތި އަޅުގަނޑުމެން އަލުން ގްލޫކޮށްލެވިއްޖެ ކަމަށްވަންޏާ އެހިސާބުން ދާނީ ބާރަށް ކުރިއަށޭ،" ޖާބިރު ވިދާޅުވި އެވެ.

ހުރިހާ ބޭފުޅުން މަޝްވަރާކޮށް ރައީސް ސޯލިހު އިންތިހާބު ކުރުމަށް ޖާބިރު ގޮވާލެއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވަނީ ޖާބިރުގެ ވާހަކަ ހުއްޓުވާފަ އެވެ.

"އިއްޒަތްތެރި މެންބަރު އަޅުގަނޑު ފާހަގަކޮށްދޭންޖެހޭ ދެނެއް އެކަން އެގޮތަށް ވާކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެމްޑީޕީއާ އެކު މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ އެކު ރޭ ބޭއްވެވި ބައްދަލުވުމަކުން ނިކުމެވަޑައިގެން ގެއަށް ވަޑައިގަންނަވަނިކޮށް ނޫސްވެރިން ކުރެެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ކެންޑިޑޭޓުން ކަމަށްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްއާ އެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.