ދަ ޑިމޮކްރެޓްސް

ނަޝީދުގެ މައްސަލަ އެޖެންޑާ ނުކުރަން ޑިމޮކްރެޓުން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމަނީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާތަކަށް އެޖެންޑާ ނުކުރުމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕުން އެދިއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޯޓަށް ހުށަހަޅާފައި އޮންނަ މައްސަލައެއްގައި ކޯޓުން ގޮތެއް ނުނިންމަނީސް މަޖިލީހުގައި އެކަމުގައި ބަހުސްކޮށް ގޮތް ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން އަމަލުކުރަމުންދާ ގޮތެއް ނޫން ކަމަށެވެ.

"މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން ބަހުސްކޮށް ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ކޯޓަށް ނުފޫޒު ފޯރާނޭ މަސައްކަތެއް ކަމުގައި [ދެކެން]،" އާޒިމްގެ ސިޓީގައިވެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް އެ މައްސަލަ ނުނިންމާ އެހެން އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މަޖިލީހުގެ އިދާރާ އިން ވަނީ މިހަފްތާގެ އާދިއްތަ، ހޯމަ، ބުދަ އަދި މިއަދުވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފަ އެވެ. ނަމަވެސް ޖަލްސާތައް ކެންސަލް ކުރަންޖެހެނީ އެ ޖަލްސާތަކުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކޮންމެ ދުވަހުގެ ޖަލްސާއަށް ވެސް ސަލާމް ފޮނުއްވަވަމުން ގެންދަވާތީ އެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގަ އެވެ. މިމައްސަލަ ކުރިއަށް ނުދާތީ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމްޑީޕީން މިހާރު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. މިމައްސަލައިގެ އަޑުއެހުންތައް ހޯމަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ. އެހެންކަމުން ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އަދި މި ދެ ބޭފުޅުން ނެތް ވަގުތުތަކުގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އަކީ ދަ ޑިމޮކްރެޓްސްގެ ބޭފުޅުންނެވެ. ސުޕްރީމް ކޯޓުގައި އޮތް ނަޝީދުގެ މައްސަލައަށް ތަދައްޚުލްވުމަށްވެސް ޑިމޮކްރެޓުންނާއި ޕީޕީއެމް އިން ވަނީ ނިންމާފަ އެވެ.