ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ފެމިލީ މިނިސްޓަރުކަން ކުރެއްވި ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަތީ އެމްޑީޕީގެ "ބޮޑު 65" ގެ ފިއްތުންތައް ކުރިމަތި ވެގެނެވެ. ހައުސިން މިނިސްޓަރު އާތިފާ ޝަކޫރަށް ވެސް ޖެހުނީ އެފަދަ ހާލެކެވެ. "ކޮއްޕާ ގަޅުވައި ފިއްތަމުން" ގޮސް އެންމެ ފަހުން އެކަމަނާއަށް މަޖުބޫރު ވެގެން ބޭރަށް ފެންނާނެ އުޒުރެއް ލައްވާފައި ދުރަށް ވަޑައިގަތީ އެވެ. ކޮވިޑް ލައިގެނެ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ މައްޗަށް ކޮވިޑް ވެންޓިލޭޓަރު ތުހުމަތުތައް އައީ ވެސް އޭނާ "އޮބައިގަނެގެން" ގޮސް މަގާމު ގެއްލުމާ ނުހަނު ކައިރީގައި ހުއްޓަ އެވެ. އެކަމުގައި ޑިލޭއެއް އައީ ވެސް ކޮވިޑާ ހެދި އެވެ. އެންމެ ފަހުން ހިޔާނާތުގެ ތުހުމަތުތަކުގެ ތެރެއިން މަޖުބޫރުވެގެން މަގާމުން އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަތީ އެވެ. ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު "ދުއްވާލީ" ވެސް ބާރުގަދަ ރައްޔިތުންގެ މަޖިލީހުންނެވެ. މިއާ ކުޑަކޮށް ވެސް ހިލާފު ގޮތަކަށް ކެބިނެޓުން ވަކިވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އެކަމަކު އެއީ މުޅީން ތަފާތު ގޮތަކަށް ލިޔުނު "ސްކްރީން ޕްލޭ" އެކެވެ.
އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް މަޖިލިސް އެނބުރޭ ގޮތަކަށް "ތޮވާފުކުރަން" ތައްޔާރަށް އޮންނަ ރައްޔިތުންގެ މަޖިލީހުން "65" ގެ ބާރު ދައްކައިގެން މި ގޮތަށް ފަހަރަކު ވަޒީރަކު ގެއަށް ފޮނުވާލުމުގެ އޮތީ ކޮން ފައިދާ ހެއްޔެވެ؟
ޝިދާތާ އިސްތިއުފާ ދެއްވާ ގެއަށް ވަޑައިގެން އެއް އަހަރު ފަހުން، އޭނާގެ ދިރިއުޅުއްވުމަށް ބޮޑު ބަދަލެއް ގެންނެވި އިރުވެސް ކުރިންސުރެ ވެސް މިނިސްޓްރީގައި ޖެހެމުން އައި މައްސަލަ ފުނި އެބައޮތެވެ. ހަމަ އެއްވެސް ކަމެއް ކުޑައަޑިއެއް ނުވެއެވެ. އެއް ކަމެއް ހައްލެއް ވީއަކީވެސް ނޫނެވެ. އިހުވެސް އޮތް ދަރަޖައެއްގައި އެބައޮތެވެ. ސައިންސް މިިނިސްޓަރު ކަމުން މަލީހު ދުރުކޮށްގެން އިންޓަނެޓް މައްސަލަ ހައްލެއް ވެސް ނުވެއެވެ. އަގެއް ހެޔޮވެ، ގަވައިދެއް ހެދިފައެއް ވެސް ނެތެވެ. އާތިފާއާ ގުޅޭ ކަންކަން ވެސް އޮތީ އެހެނެވެ.
މިއިން ދައްކައި ދެނީ މަޖިލީހުން ވަޒީރުންނަށް ބިރު ދައްކާ ކަމަށް ކުރީގެ ވަޒީރު މަލީހު މަޖިލީހުގައި ކުރެއްވި ތުހުމަތުތަކުގައި މިންވަރެއްގެ ހަގީގަތެއް އޮތް ކަމެވެ. ބިރެއް ނުދެއްކި ނަމަވެސް ޖެއްސުން ކުރުމެއް އޮތީ އެވެ.
އެމްޑީޕީގެ ސަރުކާރެއްގައި ތިބޭ "ނުރުހޭ ވަޒީރުން" ނުވަތަ އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން މަޖިލީހުގައި އޮތް އެމްޑީޕީގެ ސާފު މެޖޯރިޓީގެ ބޭނުންކޮށް ގެއަށް ފޮނުވާލުމަކީ ސިޔާސީ ގޮތުން ކޮން ކަހަލަ ކުޅިއެއް ކުޅުން ހެއްޔެވެ؟ މި ސުވާލު މުހިންމު ވަނީ ސިޔާސީ ޕޮޒިޝަން އިން ގޮތުންނާއި ދައުރެއްގެ މެދުތެރެއާ ހަމައަށް ދެވިފައިވާތީ އެވެ. ނަތީޖާއިން ފެންނާން އޮތް އެއްޗަކުންޏެވެ.
މި މަހުގެ ދެވަނަ ދުވަހު ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން އެމްޑީޕީގެ އަލީ އާޒިމް ވަރަށް އެހެން ކަހަލަ ވާހަކަފުޅެއް ދެއްކެވި އެވެ. މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފު ކުރި ސުވާލަކާ ނުލައި ވަރަށް މުހިންމު ނުކުތާއަކަށް އާޒިމް އެއްބަސްވެ ވަޑައިގެންނެވި އެވެ. އެ ޕްރޮގްރާމްފައި އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރު ކޯލިޝަން ދަމަހައްޓަން ރައީސް ސޯލިހު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަ އެވެ. އެކަމަކު އެކަމުގައި ރައީސަށް ދައްޗެއް، އުނދަގުލެއް ވިޔަސް ކުރިމަތި ވަންޏާ ވާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. -- އެ ވިދާޅުވީ ކީކޭ؟
ހިތް ފަޅައި ބެލުމެއް ނޯވެ އެވެ. އެހެންވީމާ އެތެރެ އާއި ނިޔަތެއް ނޭނގެ އެވެ. އެކަމަކު އާޒިމް ވިދާޅުވިޔަސް ނުވިޔަސް ބޭރަށް ފެންންނާން އޮތް ހަގީގަތަކީ އެއީ އެވެ. ވާހަކައިގެ ހައިލައިޓެއް ގެންނަން ޖެހެނީ ވާހަކަ ވިދާޅުވި ފަރާތުގެ ހައިސިއްޔަތުގެ ގޮތުންނެވެ. އެއީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ވާތީ އެވެ. އޭނާއަކީ ހައުސްގެ މެޖޯރިޓީ ލީޑަރެވެ. މެޖޯރިޓީ ކޮންޓްރޯލް ކުރަނީ އެމްޑީޕީ އެވެ. އާޒިމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ.
ސިޔާސީ ކޮންމެވެސް ހަގީގަތެއް އޮތް ވާހަކަފުޅެއް ނޫނީ އާޒިމް ވިދާޅެއް ނުވާނެ އެވެ. މީގެ ކުރީން އޮކްޓޫބަރު 7، 2020 ގައި އެމްޑީޕީން ނެރުނު އެމްޑީޕީގެ ހަބަރު ސިޓީ ގެ ހަތް ވަނަ ނަމްބަރުގައި "ބައި ކޮޅަށް ޖަހާނެތީ އަންނަ އިންތިހާބަށް ގޮތެއް ނިންމަން ގޮވާލާ" އާޒިމް ދައްކަވާފައިވާ ވާހަކަފުޅާއި ހަމަ އެ މަޒުުމޫނުގައި "އެމްޑީޕީ ނޫން ވަޒީރުން މަސައްކަތް ކުރަނީ އަމާ ބުނީތީ ފަރަށްދާ ގޮތަށް" ކަމަށް ވިދާޅުވެ އާޒިމް ލިޔުއްވާފައިވާ ވާހަކަތައް ރިވިއު ކޮށްލުމުން ސިޔާސީ ހިރަފުސްގަނޑުގެ އެތެރެއަށް ވަދެލާން ފަސޭހަ ވާނެ އެވެ.
އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) އާއި އެމްޑީޕީގައި ވެސް ހިމެނި ވަޑައިގަންނަވާ ބައެއް ސިޔާސީ ބޭފުޅުންނާއި ގިނަ އާންމުން މީހުން ބުނާ ގޮތުގައި ސަރުކާރު ކޯލިޝަން މިހާރު ދެމިއެއް ނެތެވެ. އެހެން ނަމަވެސް ރައީސް ސޯލިހާއި އެގްޒެކެޓިވް ބާރުން ދެކޭ ގޮތުގައި ހެޔޮވަރު ރަނގަޅު ކޯލިޝަނެއް އަދިވެސް އެބައޮތެވެ.
ކޮންމެ ގޮތަކަށް ހާލަތު އޮތަސް މިއީ ކޯލިޝަނަކުން އައި ސަރުކާރެކެވެ. ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުގެ ބޭފުުން ވެސް ވަޒީރު ކަމާއި ވަޒީފާތަކުގައި ތިއްބަވާނެ އެވެ. ސަރުކާރުގެ ތެރެއިން އެހެން ޕާޓީތަކުގެ ބާރު ކެނޑުވުމުގެ ނިޔަތެއްގައި ފަހަރަކު ވަޒީރަކު އޮބައިގަނެ ވަކި ކުރަމުން ދާނަމަ ދެމިއޮންނާކަށް ސަރުކާރަކަށް ފަސޭހައެއް ނުވާނެ އެވެ. ސްޓެޑީކޮށް ސަރުކާރަށް ދެމި ނޯވެވުމަކީ ސަރުކާރު ގެއްލުމެއް / ވެއްޓުމެއް ނޫނެވެ. އެކަމަކު އޭގެ ސަބަބުން ވަރުން އަޅުވައިލެވޭވަރުގެ ނަތީޖާއެއް ހާސިލް ނުކުރެވި އިންތިހާބާބަކަށް ދާން ޖެހުމަކީ ވެސް ދެމި ނެތުމާ ދާދި އެއްފަދަ ކަމަކެވެ.
އަބަދުވެސް ވާހަކަފުޅުތައް ވަރުގަދަ މެޖޯރިޓީ ލީޑަރު ޓީވީގައި ދެއްކެވި ވާހަކައިން ސާފުވާ ގޮތުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ފަހަތުގައި އެލިގެނެގެން އޮޮތް އަދާލަތާއި އެމްއާރުއެމްގެ ބައިވެރިވުން އޮތް ސަރުކާރަކަށް އެންމެ ބޮޑު ދުއްތުރާލެއް އޮތީ މަޖިލީހުންނެވެ. ސަރުކާރަށް އަދި ސަރުކާރެއް ހިންގަވާން ހުންނަ ރައީސުލްޖުމްހޫރިއްޔާ އޮތް އެންމެ ބޮޑު ދައްޗަކީ ވެސް އެމްޑީޕީގެ ސާފު އަޣުލަބިއްޔަތުން ވަޒީރު "އުކަމުން" ދާއިރު މަޝްވަރާއެއް ކުރުމެއް ނެތުމެވެ.
އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތުގެ ބާރު މަޖިލީހުގައި އޮވެމެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ވަޒީރުން ވަކި ކުރުމާއި އެނޫން ވެސް "ޖެއްސުން ކުރުން" އައުމަކީ ސަރުކާރަކަށް ނުފުރުއްޕާން ބޮޑުވާނެ ކަމެކެވެ. އެއީ ޖެއްސުން ކުރުމެކެވެ. ވަޒީރުން، ހާއްސަކޮށް އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ކަންކަން ނުކުރެވޭ ކަމުގެ ތުހުމަތުކޮށް އެކި ވަޒީރުންނާ އެކި ގޮތްގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވާހަކަ ދައްކައި ދިމާ ކުރެ އެވެ.
މިހާރުވެސް އިދިކޮޅުން 10 މެންބަރުންގެ ސޮޔާއެކު އެގެރިކަލްޗަރު މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދައި ޖަވާބުދާރީވެ ވަޑައިގަތުމުގެ ނޯޓިހުގެ 14 ދުވަސް ވަނީ ގުނަން ފަށާފަ އެވެ. ބާރުތައް ހުރި ގޮތާއި މަޖިލިސް އޮތް ގޮތުން މިފަދަ މައްސަލައަކީ އިދިކޮޅު ދެ ޕާޓީ އާއި މިނިވަން މެންބަރުން އެކުވެ، އެކޮޅު ކޮޅުން ޖެހުނަސް ނުވާނެ ކަމެކެވެ. އެކަން ދިމާއަށް އެނގޭއިރު އެ މައްސަލަ އެ އޮތީ ހަފޮޅުން އެތެރެކޮށްފަ އެވެ. އެއީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހަމައްދު ނަޝީދުގެ އިޝާރާތެއް އޮވެގެން އައި ކަމެއް ކަމުގެ އަޑުތައް ވެސް ފެތުރިފައި އެބައޮތެވެ.
ވަޒީރުން ވަކި ކުރުމުގެ ސިލްސިލާގައި އިދިކޮޅުން މިފަހަރު ޒަހާގެ މައްސަލަ ހިފައިގެން ދިޔަ ނަމަވެސް މަޖިލީހުގެ ތަޅުމުހައި ޒަހާއަށް ޖެއްސުންކޮށް އިންޒާރު ދީފައިވާ މިންވަރު ކުރީން ވަކިވާން ޖެހި ވަޑައިގެންނެވި ހުރިހާ ވަޒީރުންނަށްވުރެ ގިނަ އެވެ. "ޒަހާ ވޯޓް" ގައި އެމްޑީޕީ ޒަހާއަށް އިތުބާރު ދީފާނެ އެވެ. އެންމެ ކައިރި ގޮތަކީ ވެސް އެއީ އެވެ. ނަމަވެސް ޖެއްސުމުގެ މި ވޯޓް ހަފޮޅުން އެތެރެ ކުރުމުގައި "65" ބައިވެރި ނުވެ އޮންނާނެ ކަމާމެދު ޝައްކެވެ.
ގިނަ ޕާޓީތަކެއް އެކުލެވޭ، ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، މަޝްވަރާ ކޮށްގެން އެ ފަދަ މައްސަލަތައް ހައްލުކޮށް ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވެ އެވެ.
ރައީސްއަށް އަމާޒުވާ ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު އިންޑިއާގެ "ދަ ހިންދޫ" އަށް ވަރަށް ފަސޭހައިން ލިބެ އެވެ. ދާދިފަހުން އީމެއިލް މެދުވެރިކޮށް "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ސޯލިހު ވިދާޅުވި ގޮތުން ތަފާތު ފިކުރުގެ ޕާޓީތަކެއްގެ ކޯލިޝަނެއްގައި ދެބަސްވުމާއި ހިތްހަމަނުޖެހުން އޮވެއެވެ. ނަމަވެސް، 2018 އިގެ އިންތިހާބު ކާމިޔާބުކޮށް، ޕާޓީތައް ގުޅިގެން ވައުދުވި "ޖަޒީރާ ރާއްޖެ" ކޮންސެޕްޓްގައި ކުލަ ޖެއްސުމަށް ބަދަލެއް ނާދެ އެވެ. ގިނަ ގޮންޖެހުންތަކާއެކު ވެސް، އެ ބަދަލު ގެނެވެން އޮތީ ކޯލިޝަން ދަމަހައްޓައިގެނެވެ. އަދި އެމްޑީޕީ އާއި ކޯލިޝަން ޕާޓީތައް އެއްގަލަކަށް އެރި ސަބަބުގެ މަތީގައި ތިބެގެނެވެ.
އެކަމަކު އެހެނެއް ނުހިނގަ އެވެ. މިދިއަ ބުދަ ދުވަހުގެ ޕްރެސް ގައި ރައީސް ދެއްކެވި ވާހަފުޅުން އެކަން ޔަގީން ވެއެވެ. ފަހަރަކު ވަޒީރަކު ދުއްވާލަމުން ދާދިއުމުގެ ނުތަނަވަސްކަން ރައީސަށް އޮތްކަން އެނގުނެވެ. އެކަން ކަން ނިމިގެން ދަނީ ރައީސާއެކު މަޝްވަރާއެއް ނެތި ކަން ސާފުވި އެވެ.
ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި މިނިސްޓްރީއެއްގެ ތެރޭގައި މައްސަލަތައް ފުނިޖި ހައްލެއް ނާންނަނަމަ އެކަން ބަލަން ރައީސް އޮފީހުގައި އެކަމަށް ޑިޕާޓްމަންޓެއް އޮވެ އެވެ. އެ ޑިޕާޓްމެންޓްގެ މަސައްކަތްތަކާއެކު މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަދަލު ގެނެސް ހަލުއި ކުރުމަށް ކުރަންޖެހޭ ކަންތައް ވެސް ހިނގަ އެވެ. އެ ފުރުސަތު އޮވެ އެވެ. މިހާރު ދިމާވާ ހާލަތް މީގެ ކުރީން އެމްޑީޕީ ވެރިކަމުގައި އޮތްއިރު ވެސް ދިމާވެފައި ކަމަށް ރައީސް ވިދާޅުވެ އެވެ، އޭރުވެސް ޕީޖީ ގްރޫޕުން ކިތަންމެ ފަހަރަކު ވަޒީރުން މަގާމުން ވަކި ކުރަން ނިމި އެވެ.
އަޅުގަނޑުމެން ކުރިން ވެސް ވަޒީރުން ވަކި ކުރަން. ހަމަ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވޯޓު ނަގައިގެން ނިންމީ. އެހެން ނަމަވެސް، އެކަންތައްތައް އޭރު ހައްލު ކުރީ، އޭރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ މަޝްވަރާ ކޮށްގެން، އިންޓާނަލް ކަމެއްގެ ގޮތުގައިއިބްރާހިމް މުހައްމަދު ސޯލިހު | ރައީސުލްޖުމަހޫރިއްޔާ
އޭރު ރައީސް ކަމުގައި ހުންނެވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. އޭރު ޕީޖީ ލީޑަރު ކަމުގައި ހުންނެވީ މިހާރުގެ ރައީސް ސޯލިހެވެ.
"އަޅުގަނޑުމެންގެ ވަޒީރުން ވަކި ކުރަން. ހަމަ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވޯޓު ނަގައިގެން ނިންމީ. އެހެން ނަމަވެސް، އެކަންތައްތައް އޭރު ހައްލު ކުރީ، އޭރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ މަޝްވަރާ ކޮށްގެން، އިންޓާނަލް ކަމެއްގެ ގޮތުގައި." ރައީސް ވިދާޅުވި އެވެ. "އެހެންވީމާ، ދެންވެސް އެކަންތައްތައް އަޅުގަނޑު ހިތުން ކުރިއަށް ގެންދަން ޖެހޭނީ އެގޮތަށް. އެއީ އެންމެ ރަނގަޅު ގޮތަކީ. އެކި ޕާޓީތަކުގެ ވަކި ވަޒީރުން ތިއްބެވި ނަމަވެސް، ސަރުކާރަކީ އެއް ސަރުކާރެއް. އެ ދަމަހައްޓަން އަޅުގަނޑުމެން ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރައްވަން ވާނެ. އެއީ ރައްޔިތުން ނިންމާފައި އޮތް ނިންމުމެއް."
ހިދުމަތް ދިނުމުގައި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް އަދި މަސައްކަތް ކުރުމުގައި ފެއިލްވެއްޖެ ކަމަށް ރައީސަށް ގަބޫލް ކުރެވިއްޖެ ނަމަ ރައީސް ސޯލިހު އިސްވެ އެ ވަޒީރަކު ވަކިކުރައްވާނެ އެވެ. އަދި އެ ހަމައިން ނެއްޓިގެން ދާނަމަ ރައްޔިތުންގެ މަޖިލީހަށް އެ ބާރު ދީފައި ވަނީ ވެސް އެއީ އެކަން އެގޮތަށް ކުރާށެވެ. އެކަމަކު މިހާރު މިދަނީ އެ އުސޫލަށޭ ބުނާން ތަންކޮޅެއް ދައްޗެވެ. ރައީ ސޯލިހު ވެސް "އަޅުގަނޑުގެ މި ކުރަނީ އަޅުގަނޑުގެ އަމިއްލަ މަސައްކަތެއް ނޫނޭ" ވިދާޅުވާން ޖެހި ވަޑައިގަތީ އެހެންވެ އެވެ.
"އަޅުގަނޑުމެން މިކުރަނީ ރައްޔިތުންނަށް ކުރާ ހިދުމަތެއް. އެހެންވީމާ، އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތަށްވުރެ، އަޅުގަނޑުމެންގެ ކުރިމަތީގައި ކުރަން އޮތް މަސައްކަތް މާބޮޑު." ރައީސް ވިދާޅުވި އެވެ.