ރިޕޯޓް

ކުއްލި އިސްލާހުން ހޯދީ ބަދަލު ހިފުމުގެ ބާރު

އާއްމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާ ދުވަހެއްގައި، އިއްޔެ ހަވީރުން ފެށިގެން ގާތްގަނޑަކަށް ރޭ 10:30 އާ ހަމައަށް ކުރިއަށް ގެންދިއަ ޖަލްސާއެއްގައި އެންމެ ފަހުން ވޯޓަށް އެހި ބިލު ފާސްވި ކަމަށް، ރިޔާސަތުން މުގުރުޖެހުމާއެކު މަޖިލީހުގެ ތަޅުމުގައި ތަރުހީބުގެ އަތްތިލަބަޑީގެ އަޑު ގުގުމައިގެން ދިއަ އަޑުއިވުނެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މޫނުފުޅުމަތިން ވެސް ނިންމާލެވުނު މަސައްކަތުގެ ހިތްހަމަޖެހުމާއި އުފާވެރިކަމުން، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އަދި މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ ވިސްނުން ވަރަށް ސާފުކޮށް ފެނިގެން ދިއަ އެވެ.

ވިލިމާލޭ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ފިޔަވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހެޅުއްވާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީ މެންބަރުން އެކަންޏެވެ.

ބިލު ފާސް ކުރުމުގެ ކުރިން، ހަސަން ލަތީފް ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީގެ ސީދާ ވިސްނުމާއި އެއްގޮތައް އެކުލަވާލާފައި އޮތް ފުލުހުންގެ ބިލެކެވެ. މިބިލް ފާސްވެގެން ދިއުމާއިއެކު އޯގާތެރި ސަރުކާރަކުން ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހަދައިދޭނެ އެވެ.

ފުލުސް ބިލު ގޯހެއް ނޫން!

މިދިއަ ފެބްރުއަރީ މަހު ފުރަތަމަ ކިއުން އިއްވި ބިލާމެދު އެކި މަރުހަލާތަކުގައި އެމްޑީޕީން ތަކުރާރުކުރަމުން ދިއައީ އެއް ވާހަކަ އެކެވެ. ރޭ ވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވި ފަދައިން، މި ބިލާއެކު ފުލުހުންގެ މުއައްސަސާއަށް އިންގިލާބީ ބަދަލެއް އަންނާނެ އެވެ. ފުލުހުންގެ ހިދުމަތް ޒަމާނީވެ، ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިފައިވާ މުއައްސަސާއަކަށް ވާނެ އެވެ.

އެއްވެސް ހާލެއްގައި މިއީކީ އެއްވެސް ފުލުސް އޮފިސަރަކަށް ވެސް ފުލުހުންގެ އާދައިގެ މީހަކަށް ވެސް ހާއްސަކޮށް އަމާޒުވެ، ދެކޮޅު ހެދުން. ބަދަލު ހިފުން. ޖަދަލު ކުރުން. މިއިން އެއްވެސް ނިޔަތެއްގައި އެކުލަވާލެވިފައިވާ ބިލެއް ނޫން،
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މި ބިލު ހުށަހެޅުނު ދުވަހުން ފެށިގެން ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ނަމަވެސް، ބިލު ދިރާސާކުރި ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީން ވަރަށް ފުޅާ ދާއިރާއެއްގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ ހިޔާލު ހޯދި އެވެ. އަދަދެއް ދޭންޖެހޭނަމަ ހިޔާލު ހޯދި މުއައްސަސާތަކުގެ ޖުމްލަ އަދަދު 50 އާ ގާތް ކުރެ އެވެ. އެވަރުން ނުވެގެން، އާއްމުކޮށް ހުޅުވާލައިގެން އެ ބިލަށް ރައްޔިތުންގެ ހިޔާލުވެސް ހޯދި އެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ބިލަށް ކޮމިޓީ މަރުހަލާގައި ބަދަލު ގެނެސްފައި ވަނީ އެ ހިޔާލުތަކަށް ރިއާއަތްކޮށެވެ. މިދިއަ ހަފުތާގައި މަޖިލީހުގެ ތަޅުމަށް ފޮނުވި ބިލަށް ބަލާލާއިރު، ޔަގީނުން ވެސް ކަރުދާހުން ފެންނަ ފެނުމަށް އެ ބިލު ފުރިހަމަވެފައި ވަށައި ޖެހެ އެވެ.

މައިގަނޑު ގޮތެއްގައި އެ ބިލުގައި ފުލުހުން ވަޒީފާއަށް އައްޔަނު ކުރުމާއި، ލިބިދޭ އިނާޔަތްތަކާއި ހައްގުތަކާއި، ފިޔަވަޅު އެޅޭނެ ހާލަތްތަކާއި އަދަބުތައް ކަނޑައަޅާފައި ވެއެވެ. އަދި ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމާއި، ހޯމް މިނިސްޓަރުގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، ޒިންމާތައް ވެސް ސާފުކޮށް ބަޔާން ކޮށްފައިވެ އެވެ.

އިތުރަށް ފުލުހުންގެ އޮޕަރޭޝަންތަކާއި، ތަހުގީގުތަކާއި އަމަން ބެލެހެއްޓުމާއި، ބަލާ ފާސް ކުރުމުގައި އަމަލު ކުރަންޖެހޭ ގިނަ އުސޫލުތަކާއި ގަވައިދުތައް ގާނޫނެއްގެ ގޮތުގައި ތަސްދީގުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހެ އެވެ.

އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ކޮމިޓީގައި ގެނައި އިސްލާހުތަކުން ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެކުލަވާލަން ލާޒިމުވާ ބޯޑުތަކާއި ކޮމިޓީތަކެވެ. ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ހިންގަން ވަރަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ދީފައިވާއިރު، ސިޔާސަތުތައް ކަނޑައެޅުމުގައި ހޯމް މިނިސްޓަރަށް ލަފާދޭ އެންމެ އިސް ފަރާތުގެ ގޮތުގައި ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބޯޑެއް އެކުލަވައިލަން ޖެހެ އެވެ.

އެ ބޯޑުގައި ހިމަނަންޖެހޭކަމަށް ބަޔާން ކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރެކެވެ. އެ ދެ މެންބަރުން ބޯޑަށް ހޮވަނީ މަޖިލީހުން އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކުރާ ދެ ނަމެކެވެ.

އިތުރު ކޮމިޓީއެއް އުފައްދަންވެސް ބިލަށް ބަދަލު ގެނެސްފައި އެވެ. މިގޮތުން، ފުލުހުންނާމެދު ފިޔަވަޅު އަޅާ ޑިސިޕްލިނަރީ ބޯޑުގެ ނިންމުންތައް އިސްތިއުނާފު ކުރަން ރައްޔިތުންގެ ތެރެއިން ފަސް މީހަކު ހިމެނޭ، އިސްތިއުނާފު ކޮމިޓީއެއް އެކުލަވާލަންޖެހޭ ގޮތަށް އިސްލާހު ކޮށްފައި ވެއެވެ.

ފެބްރުއަރީ 7 ބަދަލު ހިފުން

ފުލުހުންގެ ބިލާ މެދު އޮތް ކަންބޮޑުވުންތައް ހިސާބަކަށް ހިނދިފައި ވަނިކޮށް، މިދިއަ އަންގާރަ ދުވަހުގެ ރޭ، ރައީސް ނަޝީދު ވަނީ ނިވޭން ދިޔަ އަލިފާންގަނޑަށް ދަރުގަނޑެއް ވައްޓައިލަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. އެމަނިކުފާނު އެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ފެބްރުއަރީ 7، 2012 ގައި ފުލުހުން ނުކުމެ ހިންގި ކަންކަން އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކެ ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަަ އެއީ ޒަމާންތަަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

ޖެހިގެން އައި ދުވަހު މަޖިލީހުގެ ޖަލްސާ ފެށީ އެމްޑީޕީގެ ދެ މެންބަރެއްގެ ކޯޅުމެއްގެ ތެރެއިންނެވެ. ޒުވާބު ހިނގާފައި ވަނީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާ ދެމެދުގަ އެވެ.

ޝަރީފްގެ ނަން އިއްވައި، ތަޅުމުން ނެރޭ ހިސާބަށް އެ ޒުވާބު ހޫނު ވެގެން ގޮސްފައިވާއިރު، އޭގެ ފަހުން އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ބިލަށް ފުލުހުންގެ ކޮމިޝަންޑް އޮފިސަރުން، ގާނޫނުގެ ޒަރިއްޔާއިން ވަކި ކުރާ ގޮތަށް ހުށަހަޅަން އުޅޭ އިސްލާހަށް އޭނާ ތާއީދެއް ނުކުރައްވާނެ އެވެ.

"އަޅުގަނޑުގެ ނަން އިއްވައި، މަޖިލީހުން ބޭރުކުރި ކަމަށް ވިޔަސް، ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކޮށް، ކޮމިޝަންޑް އޮފިސަރުން، ގާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް، ބޭނުންވާ ބަޔަކަށް އަލުން ވަޒީފާ ދިނުމަށް ގެންނަން ހުށަހަޅާ އިސްލާހަށް އަޅުގަނޑު ތާއީދު ނުކުރާނަން" ޝަރީފް ވިދާޅުވި އެވެ.

އަޅުގަނޑުގެ ނަން އިއްވައި، މަޖިލީހުން ބޭރުކުރި ކަމަށް ވިޔަސް، ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކޮށް، ކޮމިޝަންޑް އޮފިސަރުން، ގާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް، ބޭނުންވާ ބަޔަކަށް އަލުން ވަޒީފާ ދިނުމަށް ގެންނަން ހުށަހަޅާ އިސްލާހަށް އަޅުގަނޑު ތާއީދު ނުކުރާނަން
އިބްރާހިމް ޝަރީފް | މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު

ޝަރީފް އެ އިޝާރާތް ކުރެއްވި ފަދަ ނުރައްކާތެރި އިސްލާހެއް ފުލުހުންގެ ބިލު ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓުން ފެންނާކަށް ނެތެވެ. އެކަމާ ކިރިޔާވެސް ގުޅުވެން އޮތީ، ފުލުހުންގެ ތެރޭގައި ބަޣާވަތް ކުރުމާއި، އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ވަޒީފާއަށް ފިލުން ޖިނާއީ ކުށަކަށްވާ ގޮތަށް ބިލަށް ގެނައި އިސްލާހެވެ.

ފުލުހަކު ބަޣާވާތް ކުރި ކަމަށް ބެލެވޭނީ، ފުލުހުންގެ ވެރިއަކަށް ނުވަތަ މުޅި މުއައްސަސާގެ ބާރެއް ނިގުޅައިގަތުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި ވެރިންގެ އަމުރުތަކަށް ނުކިއަމަންތެރިވުމާއި، އެހެން ފުލުހުންގެ ޑިޔުޓީއަށް ހުރަސް އެޅުމެވެ.
އަދި އެހެން ފުލުހަކު ޑިޔުޓީގައި ބަހައްޓާފައިހުރި ތަނަކަށް ގަދަކަމުން ވަނުމާއި، ފުލުހުންގެ ހަތިޔާރާއި އާލަތްތައް ގަދަބާރުން އަތުލުން ވެސް ބަޣާވާތް ކުރުން ކަމަށް ބެލެވޭނެ އެވެ.

އޭގައިވެސް ޝަރީފް އިޝާރާތް ކުރެއްވި ފަދަ ނުރައްކާތެރި ކަމެއް ނެތެވެ. ސަލާމަތީ ހިދުމަތްދޭ ފުލުހުންގެ ތެރޭގައި ބަޣާވާތް ނުކުރެވޭ ގޮތަށް އޮތުމަކީ އެއްވެސް މީހަކު ދެކޮޅު ހަދާނެ ކަމަކަށް ނުވާތީ އެވެ.

އީވާގެ އިސްލާހާއެކު ވާހަކަ އަނެއް ކޮޅަށް

ފެބްރުއަރީ ހަތަކާ ގުޅުވައި ފުލުހުންތަކެއް ވަކި ކުރަން އުޅޭ ކަމުގެ އަޑުތައް މަޖިލީހުގެ ތެރެއިން ވެސް މިދިއަ ހަފުތާގައި އިވިގެން ގޮސްފައިވާއިރު، އިއްުޔެ ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ކުއްލި ގޮތަކަށް އެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިތިބޭނެ އެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަންޖެހޭ ކަންތައްތައް ވެސް އެ އިސްލާހުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.

އީވާގެ އިސްލާހުގައިވާ ގޮތުގައި އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމިދާނެ އެވެ.

އީވާގެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން، ބިލަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ރޭގެ ޖަލްސާގައި ތަކުރާރުކޮށް ވަނީ ބިލު އެކުލަވާލުމާއި، އިސްލާހު ކުރުމުގައި ކޮމިޓީގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އަދި ސަބް ކޮމިޓީގެ މަސައްކަތުގެ ތެރެއިން ޖުމްލަ ސަތޭކައެއްހާ ފަރާތާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ ހިޔާލު ހިމެނި، ފާސް ކުރަން ފައްކާކޮށްފައި އޮތް ބިލުގެ ފުރިހަމަކަމުގެ މައްޗަށް އެ މެންބަރުން ވަނީ ފުލުފުލުގައި ތެދުވެ ވާހަކަ ދައްކަވާފަ އެވެ.

މި ބިލު ފާސްކުރީ ސިޔާސީ ނުފޫޒެއް ނެތި، ފުލުހުންނަށް މަގާމު ކުރިއެރުން ލިބޭނެ ކަމާއި، "ރަނގަޅު" ފުލުހުން ޖެހިލުންނުވެ، ހަމަހަމަކަމާއެކު އިނާޔަތްތަކާއި ހައްގުތައް ލިބޭނެ ކަމުގެ ފޮނި ވައުދާއެކު އެވެ.

މި ހުރިހާ ވާހަކައެއްގެ ތެރެއިން އުފައްދަންޖެހެނީ އެންމެ ސުވާލެކެވެ. މުޅި ބިލަށް ބަލާއިރު، ޔަގީނުން ވެސް އެންމެ ނުރައްކާތެރި މި އިސްލާހު ކޮމިޓީ މަރުހަލާގައި ހުށަނޭޅުނީ ކީއްވެގެން ހެއްޔެވެ؟ އެއްވެސް ފުލުހަކު ކަންބޮޑުވާން ނުޖެހޭ ކަމަށް ނަޝީދު އިސްވެ، އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވިއިރު، އީވާގެ އިސްލާހު ބިލު ފާސް ކުރުމުގެ މަގުމަތީގައި ކުއްލިއަކަށް ވައްދަންޖެހުނު ސަބަބާމެދު ސުވާލު އުފައްދަން ޖެހެ އެވެ.

އެއްވެސް މުއައްސަސާއަކަށް ކަންބޮޑުވުމެއް ހިޔާލެއްހާ ހިސާބުވެސް ހިމެނުމުގެ ފުރުސަތު ގެއްލުވާލީ އެވެ. މިހާރު މަގާމުގައި ތިއްބެވި އެންމެ އިސް އޮފިސަރުން ވަކި ކުރުމުގެ ހަތިޔާރަކަށް، މި ބިލު އެންމެ ފަހު ވަގުތު ފަރުމާކޮށް ނިންމާލީ އެވެ.

އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތަށް މި ބިލަކީ ބަދަލު ހިފުމުގެ ބިލެކެވެ. އަދި ފެބްރުއަރީ ހަތެއްގައި ބަޣާވާތް ކުރި ކަމަށް ބުނެ، އެކަމުގެ ހަސަދަ ފިލުވައިލުމެކެވެ. ރޭ ވެސް ތަކުރާރު އެ ތުހުމަތުތައް އައިސްފައި ވެއެވެ.

"އަޅުގަނޑަށް މަނިކުފާނު ވެސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ފުލުހުންގެ ޔުނީފޯމުގައި ހުންނަތަން މި ފެންނަނީ. އެމްޑީޕީގެ ޖަގަހައަކަށް މި ތަން [ފުލުހުންގެ މުއައްސަސާ] ބަދަލުވެގެން ދާތަން އަޅުގަނޑުމެންނަށް ފެންނަނީ. ބަދަލު ހިފުމަކުން ލިބޭނެ ފޮނި ނަތީޖާއެއް ނޯންނާނެ" މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ކިތަންމެ ފަށުއިކޮށް ބިލުގައި ހިމެނޭ މާއްދާތައް އެމްޑީޕީ މެންބަރުން ސިފަކޮށް ދިން ނަމަވެސް، މި ބިލާ ގުޅިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފެންމަތި ވެގެން އައި ކަންބޮޑުވުންތަކުގެ އަޑު އަނެއްކާވެސް ގަދަވާނެ އެވެ. ބޭނުމަކީ އެމްޑީޕީން ތުހުމަތުކުރާ ބަޣާވާތް ކުރި ފުލުހުން ވަކިކޮށް، އެ މީހުނަށް އަދަބު ދިނުމެވެ. ފުލުހުންގެ ހިދުމަތް ރަނގަޅު ކުރުމުގެ ނިވަލުގައި ވެސް ފޮރުވާފައިއޮތީ ހަމަ އެންމެ މަގުސަދެއް ކަމެއް ބުނެ އެވެ.

ބިލު ފާސްވޭވެ އޮއްވައި، އަވަސް އަރުވާލައިގެން އޭގެ ތެރެއަށް ވައްދާލި އިސްލާހާއެކު، އެމްޑީޕީގެ އިހުލާސްތެރިކަމާއި ނިޔަތާމެދު ކުރާ ސުވާލުތައް ދެން ގިނަ ވާނެ އެވެ.