އެމްޑީޕީގެ ކޯޅުން

ހިތާއި ހިތުގެ ގުޅުމެއް ނެތް!

އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މިޒަަމާނުގެ ތާރީހުގައި އެންމެ ދޮށީ ޕާޓީ އެވެ. އާދަޔާތަފާތު ވަަރުގަދަ ގުޅުމަކާއި ބަދަހި ކަމެއް އޮތް "ރީނދޫ ލަސްކަރެ" ކެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، މާ އިހަކު ލިޔުއްވެވި ސިޔާސީ ވާހަކައެއްގެ ނަމުގައި އޮންނަ ގޮތަށް ޕާޓީގެ މެންބަރުންގެ މެދުގައި އޮންނަނީ "ހިތާ ހިތުގެ ގުޅުމެކެ" ވެ. ސިޔާސީ ގޮތުން "މަސް ފަލަ" އެތައް ބޭފުޅުންނެއް އެ ޕާޓީއާއެކު މަަސައްކަތް ކުރައްވާ ސަބަބުތަކާ ހެދި ވަކިވިއަސް އެމްޑީޕީއަށް ހުއްޓުމެއް އައެކޭ ނުބުނެވޭނެ އެވެ. އެއްވެސް އިރެއްގައި އެމްޑީޕީގެ އޮޑިއެއް ނުފެތެ އެވެ. އެމްޑީޕީ ދިޔައީ "ކުރިއަށް ކުރިއަށް ބާރަށް ކުރިއަ" ށެވެ. މިހާރުވެސް ދައުލަތުގެ ލިޔުމުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު 53،000 ވުރެ ގިނަ އެވެ.

އެކަމަކު މިއަދުގެ ސިޔާސީ ހަގީގަތް ވަރަށް ތަފާތެވެ؛ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ގެއްލިގެން ލިބި ވަޑައިގެންނެވި ޗާންސެއްގައި "ހިތާއި ހިތުގެ ގުޅުމަކުން ގުޅިފައިވާ" ކަމަށް ރައީސް ނަޝީދު އަބަދު ސިފަ ކުރައްވާ އެކުވެރިޔާ އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން އެމްޑީޕީގެ ތެރެއިން ތަފާތު އެކި މައްސަލަތައް އުފަންވެ އައީ ބޮޑުވަމުންނެވެ. ބައެއް ފަހަރު ބައެއް މައްސަލަތައް ހޫނުވަމުން ހޫނުވަމުން ގޮސް ޕާޓީގެ ހަފޮޅުން ބޭރުވެ އެވެ. އެގޮތަށް ފުރަތަމަ އުފެދުނު މައްސަލައަކީ ޕާޓީގެ ރައީސާ ގުޅޭ ގޮތުން އޮތް މާއްދާއެއްގެ މައްސަލައެވެ. -- ކުޑަކުޑަ އެކަމަކު ބޮޑު ކަމެކެވެ.

ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެވަގުތަކު ހުންނެވީ އެމްޑީޕީގެ މެންބަރެއް ނަމަ ޕާޓީގެ ރައީސަކީ އެ ބޭފުޅެކެވެ. ދެހާސް އަށް ވަނަ އަހަރުން ފެށިގެން އެކަން އޮތީ އެހެނެވެ. އޭރު އެގޮތް ރަނގަޅު ވެސް މެއެވެ. ނަމަވެސް ރައީސް ސޯލިހާ ހަމައިން އެކަން އެހެން އޮންނާކަށް ރަނގަޅެއް ނުވިއެވެ. އެހެންވެ ޕާޓީގެ ރައީސަކަށް ވެވަޑައިގެންނެވީ ރައީސް ނަޝީދެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ އިސް ލީޑަރު ކަމެވެ.

އޭގެ ފަހުން ދެން އައީ މަޖިލީސް އިންތިހާބުން ލިބުނު ބޮޑު ކާމިޔާބާއެކު އެ މަޖިލީހުގެ ރިޔާސަތަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލައެކެކެވެ. ރައީސް ސޯލިހަށް ކަމުދާ ބޭފުޅަކު ދެއްކެވިއިރު ރައީސް ނަޝީދަށް ކަމުދާ ބޭފުޅަކީ އަދި މުޅީން އެހެން ބޭފުޅެކެވެ. އެ މައްސަލަ ވެސް އެ ގޯސްވީ އެވެ. އާހިރު، އެކަން ނިމުނީ މަޖިލީހުގެ ރައީސްކަން ރަައީސް ނަޝީދަށް ނާއިބު ރައީސްކަން "ހިތާއި ހިތުގެ ގުޅުމެއް" އޮތް ކޮއްކޯފުޅު އީވާ އަބްދުﷲ އަށް ހަމަޖެހި ގެންނެވެ.

މައްސަލަތައް އުފެދުން ހުއްޓުމަކަށް ނައިސް ދެން އައީ ވަޒީރުންނާ ދޭތެރޭ އުފެދެން ފެށި މައްސަލަތަކެވެ. ފުރަތަމަ ވަޒީރުންގެ މަޖިލީހުން ބޭރު ކޮށްލަންވަން ބޭނުންފުޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ފައްޔާޒަކީ ރައީސް ސޯލިހުގެ އެންމެ އަރިސް އަދި ބާރުގަދަ ކަމަށް ބުނާ ވަޒީރެކެވެ. ސިދާ އެމްޑީޕީގެ ތެރެއިން ސިފަ ކުރާ ގޮތުގައި ސަރުކާރުގެ "ބްރޯ" އެވެ. މި ސަރުކާރުގެ "ބޮޑު ވަޒީރެ" ވެ. މުޅި ސަރުކާރުގެ މެޝީންގެ މައި އެއް ފިސްޓަނެވެ.

ފައްޔާޒު ފިޔަވައި އެހެން ބޭރުކޮށްލާން ދިމާކުރި ހުރިހާ ވަޒީރު ވެއްދި ދޮރުން ނުކުމެގެން ވަޑައިގެންފި އެވެ. ފައްޔާޒު ބޭރުކޮށްލަން ރައީސް ސޯލިހު ފާޅުގައި ދެކޮޅު ހެއްދެވީ އެހެން ދެން ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަންގަވާ ފައްޔާޒު މަގާމުން ދުރުކޮށްފާނެ ކަމުގެ ބިރު ހީފުޅުވުމުން އިތުބާރު ކުރައްވާ ހުރިހާ މެންބަރުން ރައީސް އޮފީހަށް ޖަމާ ކުރައްވާ ރައީސް ސޯލިހު ވަނީ ރައީސް ނަޝީދަށް ސައިޒު ދައްކަވާލައްވާފަ އެވެ. އެކަން ވައިވީ ވެސް އެހެންވެ އެވެ. އެ ކަންކުރާން ދިމާކޮށްފިނަމަ އެވަގުތަށް ބަލިވެ ފަލީހަތް ވެދާނެކަން ކަށަވަރު ވެގެނެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ފައްޔާޒު ދުރު ކުރަން ޖެހޭ ސަބަބަކީ އޭނާގެ ކޮރަޕްޓް ކަމެވެ. ކޮރަޕްޝަނާ އެމްޑީޕީ ދެކޮޅު ވުމެވެ. އެހެންވީމަ އެފަދަ ވަޒީރަކު އެމްޑީޕީގެ ސަރުކާރެއްގައި ނުބެހެއްޓޭނެ އެވެ. ހަރާބުގެ މަގަށް ދާއިރު ބަލަހައްޓައިގެން ހުންނެވުމަކީ އެމަނިކުފާނުގެ ތަބީއަތެއް ނޫނެވެ. އެހެން ނަމަވެސް އެވެސް މީހަކަށް އެއްވެސް ވެރިޔަކަށް މިހާތަނަށް ފައްޔާޒަކީ "ވަގެއް" ކަން "ހިޔާނާތްތެރިއެއް" ކަން ސާބިތު ކޮށްދެވޭނެ ސާފު ހެއްކެއް ކިރިމިނިލް މިންގަނޑުން އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާފުކޮށް ނުދެއްކެ އެވެ. -- ފައްޔާޒު ވިދާޅުވާ ގޮތުން ނުވެސް ދެއްކޭނެ އެވެ. އެއީ އޭނާ ވައްކަން ކުރިއަސް ކުރާނީ އަދި މާ މޮޅަށެވެ.

ރައީސް ނަޝީދު އެހެން ބައެއް ކަންކަމަށް ވެސް ޑިމާންޑް ކުރެއްވި އެވެ. އެއް ކަމަކީ ސަރުކާރު ކޯލިޝަން ރޫޅާލައި އެމްޑީޕީން އެކަނި ސަރުކާރު ހިންގުމެވެ. އެ ކަމަކަށް ރައީސް ސޯލިހް އިޖާބައެއް ނުދެއްވި އެވެ. އަދި ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ހުށައަޅުއްވާ އެކަމުގެ މަޝްވަރާއަށް ވެސް އެދިވަޑައިގަތެވެ.

އެއަށް ރައީސް ސޯލިހު ދެއްވި ޖަވާބު މާސާފެވެ. ނިޒާމުގެ ބަހުސަށް ވަޑައިގަންނަވަން އެ މަނިކުފާނަށް ވަގުތެއް ނެތެވެ. އެއަށްވުރެ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުން މާ މުހިންމެވެ. ރައީސް ސޯލިހުން ސާފުކޮށް އެހެން ވިދާޅުވުމުން ވެސް ރައީސް ނަޝީދު ވަނީ ދޫ ނުކުރައްވާ އެކަން ހުށަހަޅުއްވާފަ އެވެ. ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅު ވެއެވެ. އަދި 2023 ގައި ރިޔާސީ އިންތިހާބެއް ބާއްވައިގެނެއް ނުވާނެ އެވެ. މި ދައުރު ނޮވެންބަރު 17، 2023 ގައި ހަމަވުމުން އޭޕްރީލް 2024 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާނެ ބޭފުޅަކު މަޖިލީހުން ނަގާނީ އެވެ. ނިޒާމު ބަދަލުވުމަށް ފަހު އާންމު އިންތިހާބު 2024 ގައި ބާއްވާނީ އެވެ. ރައީސް ސޯލިހަކަށް އެއްޗެއް ނެތެވެ. އެހެންވެސް ކަންވެސް ނޭނގެ އެވެ. ވާހަކަތައްވެސް މާ ސާފުކޮށް އިވިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް ނުހެއްދެވި އެވެ.

މި ހުރިހާ ވާހަކައެއް ފާހަގަކޮށްލަން ޖެހެނީ މިހާރު އުފެދިފައިވާ މައްސަލަތަކާއެކު އެ ވާހަކަތަކުގެ އަޑު ގަދަވެފައިވާތީ އެވެ. ނަޝީދަށް ވަފާތެރި ބޭފުޅުން އެމަނިކުފާނު ހުށައެޅުއްވި އެއްވެސް ކަމެއް ސަރުކާރުން ގަބޫލު ނުކޮށް ބޮލާލާ ޖަހައި އެމްޑީޕީ އާއި ރައީސް ނަޝީދު އެކަހެރިކޮށް ސަރުކާރު ހިންގައިފި ކަމަށް ބުނާތީ އެވެ.

މިއީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެ ބޭފުޅުންގެ މެދުގައި އުފެދި ސާފުކޮށް ރައްޔިތުންނާއި ހަމައަށް ތިލަވި ބޮޑެތި ކަންކަމެވެ. މިއިން ކޮންމެ މައްސަލައެއް ވެސް ފަޅައިގެންދާން ކައިިރިވުން ދެ ރައީސުން ކުރައްވާ ކަމެއް އޮވެއެވެ. މުލިއާގޭގައި ނޫނީ ގައުމުން ބޭރުގައި ބައްދަލު ކުރައްވާ ފޮޓޯފުޅެއް ނަންގަވާ އާންމުންގެ ތެރެއަށް ދޫކޮށްލައްވަނީ އެވެ. ދެން ޕާޓީގެ އެކްޓިވިސްޓުން ނުކުމެ އެ ފޮޓޯފުޅު ވައިރަލް ކޮށްލުމުން އިސާހިތަކު އަލިފާނަށް ފެން އެޅި ފިނިވަނީ އެވެ. މިދިއަ ހުރިހާ ދުވަހަކު ލޮނުގަނޑު ބޭރަށް އަޔަ ނުދީ އެ ހިފެހެއްޓީ އެ ގޮތަށެވެ. އެކަމަކު އެއްވެސް ކަމެއް އަބަދު ދެމިއެއް ނޯވެ އެވެ.

"ހައެއްފަހެއް" ގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއެއް ދިނެވެ. މުޅި ރާއްޖެ އާއި ދުނިޔެ ސިހުނު އެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ފުން ޒަހަމުތަކެއް ލިބިވަޑައިގަތެވެ. އެ ހަމަލާވީ އެމަނިކުފާނުގެ ފުރާނަފުޅަށް ވެސް ނުރައްކާވާ ވަރުގެ ބޮޑެތި ޒަހަމުތަކެއް ލިބިވަޑައިގެންނެވި ހަމަލާއަކަށެވެ. އޭޑީކޭއަށް ގޮންގޮސް ފަރުވާ ފެށުނެވެ. އެ ރޭ ރައީސް ސޯލިހު އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންނެވި އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ދީ ވެސް ވަޑައިގެންނެވިއެވެ. އެ ހާދިސާ ހިނގިތާ ވީ ގަޑިއެއްހާ އިރެވެ. ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރި ސަޕޯޓަރުންނައިގެން އޭޑީކޭ ގޯތިތެރެ އޮތީ ފުރިފައެވެ. ރައީސް ސޯލިހް ވަޑައިގަތުމާއެކު ގޯތިތެރެ ގުގުމާލީ އިސްތިއުފާގެ އަޑުންނެވެ. މާރިޔާ ދީދީ ވަޑައިގެންނެވުމާއެކު އެ އަޑު އަދި މާގަދަވި އެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި އެރޭ އެ އިވުނު އަޑަކީ ކުރީން އުފެދުނު މައްސަލަތަކަށް ހަގީގީ ފަރުވާއެއް ނުލިބި ނަންގަވާލައްވާ ފޮޓޯއަކުން މައްސަލަ ހައްލުވެއްޖެ ކަމަށް ދެއްކެވުމުގެ ނަތީޖާ އެވެ. އެ ރޭ ފެނުނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތެރޭގައި އޮތް ޒަހަމުތައް އުމުގުވެފައި އޮތް މިންވަރެވެ. ނަޝީދު ހުށައެޅުއްވި އެކި ކަންކަމާއި އެމަނިކުފާނު ބޭނުންފުޅުވި ކަންކަން ނުވެ އޮތުމުގެ ސަބަބުން އުފެދިފައި އޮތް ރުޅިވެރި ކަމާއި ނަފުރަތެވެ.

ތަފާތު ތުހުމަތުތައް ފުލުފުލުގައި ނުކުންނަން ފެށި ހިސާބަކީ އެއީ އެވެ. އާއިލާތެރެއިންނާއި ވަފާތެރިންގެ ބޮޑެތި ތުހުމަތުތައް ރައީސް ސޯލިހާއި ސަރުކާރަށް ދިޔައީ އަމާޒުވަމުންނެވެ. ރައީސް ނަޝީދު ވެސް އެފަދަ ބައެއް ތުހުމަތުތައް ކުރައްވާފައި ވެއެވެ. ތަހުގީގު ލަސްކަމާއި ތަހުގީގު ގަސްތުގައި ލަސް ކުރާ ކަމުގެ ތުހުމަތެވެ.

އެ ތުހުމަތުތަކާއެކު މައްސަލަ ބޮޑުވެ ފަޅައިގެން ދިޔައީ ސިފައިންގެ ސެކިއުރިޓީ ބްރީޗްވި މައްސަލާގައި މަޖިލީހުން ފަށާފައިވާ ޕާލިމަންޓަރީ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގާ އެމްއެންޑީއެފުން މަޖިލީހަށް ފޮނުވި ސިޓީއާއި ގުޅިގެން އެ ސިޓީގައި ސޮއި ކުރައްވާފައިވާ ޑެޕިއުޓީ މިނިސްޓަރުގެ ސުލޫކީ މައްސަލަ ބެލުމަށް އިމްތިޔާޒު ކޮމެޓީއަށް ރައީސް ނަޝީދު ފޮނުއްވެވި މައްސަލަ ކޮމެޓީން ބޭރު ކޮށްލުމުންނެވެ. ނަަޝީދުގެ ހުށައެޅުއްވުމުން ބޭރު ކޮށްލެވީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ވޯޓާ އެކުގަ އެވެ.

ރައީސް ނަޝީދުގެ ވަފާތެރި މެންބަރުންގެ ނަޒަރުގައި އޭގެ އަޑީީގައި ހުުންނެވީ ރައީސް ސޯލިހެވެ. އެމަނިކުފާނުގެ ޅިޔަނު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލައްވާ މެންބަރުންނަށް ގުޅުއްވާ ނުފޫޒު ފޯރުވައިގެން މައްސަލަ ކޮމެޓީން ބޭރަށް ހޫރާލީ އެވެ.

އެކަމަކު ބިގޭ ވިދާޅުވި ގޮތުގައި އެއީ އޭނާ ދެނަހުރި ކަމެއްނޫނެވެ. އޭގެ ކުރިއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުވެވޭނެކަން ސާފުކޮށް އަންގާ އެކަން ސިޓީއަކުން މަޖިލީހަށް އެންގެވީ ރައީސް ސޯލިހުގެ މަޝްވަރާއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަންގަވައިގެން ކަމަށް އޮތީ ތުހުމަތު ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް ސޯލިހް ވާހަކަ ދެއްކެވި އެވެ. އަދި އެކަން ދޮގު ކުރެއްވިއެވެ. ބަސްމަދު މެންބަރު ބިގޭ ވެސް ބޭރަށް ނުކުންނަވާ ތުހުމަތުތައް ދޮގުކޮށް ވަރުގަދައަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި "ތުތިމަހަށް ކޮށާ ކާޅަށް ދިނަސް" ދޮގު ތުހުމަތުތަކުން ފަހަތަށް ޖެހުމެއް ނެތެވެ.

"ހައެއް ފަހެއް" ގެ ހަމަަލާއަށް އިންސާފު ނުލިބިދާނެ ކަމަށް ފެންނާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހުރިހާ ގޮތަކުން ތަހުގީގުތަކަށް ފާރަވެރިވުމަށް އެމްޑީޕީން ކޮމެޓީއެއް ނެގި އެވެ. ގައުމީ މަޖިލީހުގެ 100 މެންބަރުންގެ ވޯޓާއެކު ކޮމެޓީ ނަގަން ފާސްކުރީ ގައުމީ މަޖިލީހުގައި ރައީސް ސޯލިހަށް ވަފާތެރި މެންބަރުންގެ އަޑެއް ނެތި އެވެ. ހަގީގީ ބައިވެރިވުމެއް ވެސް ނެތެވެ. މަތިން އޮމާންކޮށްލަން ވޯޓް ގަޑީގައި ވަދެ ބައެއް މެންބަރުން ވޯޓުގައި ބައިވެރިޔަސް އެ ބޭފުޅުންގެ ބައިވެރިވުމެއް ނެތެވެ.

ކުރީން ގައުމީ މަޖިލީސްތަކުގައި އެންމެ ހަރުއަޑުން ވާހަކަ ދެއްކަވާ އެތައް މެންބަރަކު އުޅުއްވީ ބައްދަލުވުމަށް އޮންލައިން ވެގެންނާއި އޮފްކޮށް އެެހެން ކަންކަމުގަ އެވެ. އޮންލައިން ވެލީވެސް މައްސަލަ އިތުރަށް ގޯސްވެދާނީ އެ ނޫން ގޮތެއް ނެތީމަ އެވެ. އެކަމަކު އެކަންވީ ސާފުކޮށް އެމްޑީޕީ ދެބައިވެ ކުރީން އޮތް "ހިތާ ހިތުގެ ގުޅުން" ކެނޑިފައިވާ ކަމަށް ފުރަތަމަ ފަހަރަށްވި އިޝާރާތަށެވެ.

މިދިއަ ބުރާސްފަތި ދުވަހުގެ ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާއަށް ފަހު ހުކުރު ދުވަހު ރާއްޖެ ޓީވީގެ ޝޯއެއްގައި މެންބަރު ބިގޭ ބައިވެރިވެ ވަޑައިގެންނެވި އެވެ. ރާއްޖެ ޓީވީއަކީ ރައީސް ސޯލިހުގެ ފެކްޝަނުގެ ކޮންޓެންޓަށް ބުރަކޮށް އޮންނަ ޓީވީއެއް ކަަމަށް މީހުން ބުނެ އެވެ.

އެ ޝޯގައި ބިގޭ ވަނީ އެމްޑީޕީ ބައިބައިވެފައިވާ ކަމަށް ސާފުކޮށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ބާރުގައި އެމްޑީޕީ އޮތް ނަމަވެސް ބައިބައިވުން ނޫން އެއްޗެއް ނެތެވެ. މަޖިލީހުގެ މަސައްކަތުގައި އޮތީ ބައިބައިވުމެވެ. ސަރުކާރާއި މަޖިލީހާ ގުޅުމެއް ވެސް ނެތެވެ.

ބިގޭގެ ވާހަކަތަކަށް ފަސްޓް ލޭޑީ، މެޑަމް ފަޒުނާ އަހުމަދު ނުކުންނަވައި ތައުރީފު ކުރައްވާ ފޭސްބުކްގައި ލިޔުއްވެވި އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ބިގޭއަކީ ވެސް ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި ކެރޭ ހީވާގި ލީޑަރެއްކަން ހާމަވެއްޖެ އެވެ. އެކަމަނާ އެ އިޝާރާތް ކުރައްވެވީ ރައީސް ސޯލިހް ފަދަ ލީޑަރަކަށް ބިގޭ ވެސް ވެވަޑައިގެންފި އެވެ. ރައީސް ސޯލިހުވެސް މަޝްހޫރުވެ ވަޑައިގެންފައި ވަނީ ބަސް މަދު ބޭފުޅެއްގެ ގޮތުގަ އެވެ.

ބިގޭއަކީވެސް ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި ކެރޭ ހީވާގި ލީޑަރެއްކަން ހާމަ ވެގެން ހިނގައްޖެ
މެޑަމް ފަޒްނާ އަހުމަދު | ފަސްޓް ލޭޑީ

ވާހަކަ ވެސް އޮންނަ، ދުލާއި ގަލަން ވެސް ހިނގާ އަމަލުވެސް އެހާ ގިނަ ރައީސް ނަޝީދު ވެސް ބިގޭއަށް ރައްދު ދެއްވި އެވެ. ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ކަންކަމުގައި ބިގޭ ބަސް ވިދާޅުނުވެ މަޑުން ހުންނެވުން ރަނގަޅެވެ. އެ މައްސަލަ ހޫނުވީ ބިގޭއަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ރައްދެއް ދެއްވައިގެނެވެ.

ހަސަން ކުރެއްވީ މި ވަގުތަށް ވަރަށް މުހިންމު ކަމެކެވެ. އެމްޑީޕީ އާއި ޕާޓީގެ މަަސައްކަތްތައް ބައިބައިވި ގޮތް ތަފްސީލު ކޮށްދެއްވީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންނަށްވީ ވައުދާއި އެމްޑީޕީގެ އުސޫލާއި ފަލްސާއާ މުޅީން ދުރަށް، މާ ދުރަށް ސަރުކާރު ގޮސްފި އެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ބަލަން ސަރުކާރުން "ފޫކަހަ" އެވެ. ސަރުކާރުން އިސްވެ އެމްޑީޕީއާ އޮންނަން ޖެހޭ ގުޅުން ހީނަރުކޮށްފި އެވެ. ރައިސް ނަޝީދާއި އެމްޑީޕީ އެކަހެރިކޮށް ސަަރުކާރު ހިންގަ އެވެ. ބައިބައިވުން އައީ އެ ސަބަބުތަކާއި ހެދި އެވެ.

މަސައްކަތް ދެބައިވީ އެމްޑީޕީން އިން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވީމަ. އެމްއެމްޕީއާރުސީ އާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ. ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ، ޖުމްލަކޮށް ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީ [އެމްޑީޕީ] އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީ
ހަސަން ލަތީފް | އެމްޑީޕީގެ ޗެއާޕާސަން

އެ ވާހަކަތަކަށް ރައީސް ނަޝީދު ތާއީދު ކުރައްވަ އެވެ. އެ މަނިކުފާނު "ފޮރުވިގެން" ހުންނަވާ ކުރައްވާ ޓްވީޓްތަކަށް ހާއްސަ "އެލެކްސް އަހުމަދު" ގެ ނަމުގައި ވިދާޅުވި ގޮތުން އެމްޑީޕީ ބައިބައިވާކަށް ނުޖެހޭނެ އެވެ. ޕާޓީގައި ފިޔަވަޅު އަޅާ ކޮމެޓީ އެއް އޮތްއިރު އެ ކޮމެޓީގެ ބޭނުމަކީ ޕާޓީގެ އަސާސުތަކާއި ހިލާފުވާ މެންބަރުންނަށް ފިޔަވަޅު އަޅާ އެ މީހުން ޕާޓީން ވަކިކުރުމެވެ.

ބިގޭއަށް އޮތް ތުހުމަތު އާ ކުރައްވާ އޭނާ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެއްޖެ ކަމަށް ވިދާޅުވި އެވެ. ބިގޭއަކީ ޕާލިމަންޓަރީ ގުރޫޕްގެ ސެކްރެޓަރީ ޖެނެރަލެވެ. ނަޝީދުގެ މެސެޖުން ވަަރަށް ސާފުކޮށް ސެކްރެޓަރީ ޖެނެރަލްގެ ވާހަކަ ފާހަގަ ވެއެވެ. ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ދެއްވީ ވަރުގަދަ އިންޒާރެކެވެ. އަދި ބިގޭއަކީ އެމްޑީޕީން ވަކިކުރަން ޖެހޭ މެންބަރެއް ކަމަށް ވިދާޅުވީ އެވެ. އެކަން ސުލޫކީ ކޮމެޓީއަށް ކުރެވިދާނެ އެވެ. ކޮމެޓީ އޮތީވެސް އެފަދަ މެންބަރުން ވަކިކުރާށެވެ.

ނަޝީދުގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މިއީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީއެއް އުފައްދަންވީ ވަގުތެވެ. އަދި މި ސަރުކާރު ޖަވާބުދާރީ ކުރުވަން އަލަށް އުފެދޭ ޕާޓީން މަަސައްކަތް ކުރަން ޖެހޭ ވަގުތެކެވެ. އެހެން ބައެއް މެންބަރަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޕީޕީއެމް ހޯއްދެވި ގޮތަށް ރައީސް ނަޝީދު ވެސް އަލުން އެމްޑީޕީ ހޯއްދަވަން ޖެހެ އެވެ. އެކަން ކުރެވޭނީ ރައީސް ޔާމީން އަމަލު ކުރެއްވި ގޮތަށް ކިތަންމެ ބޭފުޅަކު ޕާޓީން ވަކިކޮށްގެންނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ އެއީ އެމްޑީޕީއާ ގައުމަށް ދެން އެންމެ ފައިދާ ހުރި ގޮތެވެ.

"މިހާރު ފެންނަ ބައިބައިވުންތަކުން އަރައިގަަނެވޭނެ ހެނެއް ހީއެއް ނުވޭ. އެއީކީ މައްސަލައެއް ވެސް ނޫން. މައްސަލަ މިހާރު ގަބޫލު ކުރެވޭ. ދެ ޕާޓީއަކަށް ބަދަލު ވާންވީ. އޭރުން ރާއްޖެއަށްވެސް ފައިދާ ބޮޑުވާނީ. އޮޕޮޒިޝަން އެއްގެ ރޯލް އަދާ ކުރެވޭނެ ބައެއް އުފެދޭނެ،" މެންބަރު ލިޔެފައި އޮތެވެ.

އެހެންވީމަ މިފަހަރު މި އުފެދުނީ ޅަ ދުވަހުގެ އެކުވެރި ފޮޓޯތަކާއި މުލިއާގޭގައި ނަންގަވާ ފޮޓޯއަކުން ހައްލު ހޯދޭނެ ފަދަ މައްސަލައެއް ނޫން ކަމަށް ގަބޫލު ކުރާ މެންބަރުން ގިނަވެފައި ވެއެވެ. އަދި ރައީސް ނަޝީދު ލަފާ ދެއްވި ގޮތަށް ފިޔަވަޅު އަޅާ ކޮމެޓީން އަމަލުކޮށް ބިގޭ ވަކިކުރަން ދިމާ ކޮށްފިނަމަ ބިގޭގެ ދިފާއުގައި ރައީސް ސޯލިހުގެ ތެދުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެހެން ވެއްޖެނަމަ މައްސަލަ އިތުރަށް ހޫނުވާނެ އެވެ. ދެ ރައީސުންގެ މެދުގައި އޮތް ކޯޅުން އިތުރަށް ބޮޑުވާނެ އެވެ. ޕާޓީގެ ބާރު ހޯދަން ދެ ރައީސުން ފަށާފައިވާ މަސައްކަތް އެހެން ހަރުފަތަކަށް ދާނެ އެވެ. ޕާޓީ ސާފުކޮށް ދެ ބަޔަށް ބެހި ވާދަވެރި ކަމުގަައި މަސައްކަތް ފެށޭނެ އެވެ. އޭރުން 16 އަހަރު ދަމަހައްޓަމުން އައި "ހިތާ ހިތުގެ ގުޅުން" މުޅީން ކެނޑި "ހިތާ ހިތުގެ ގުޅުމެއް ނެތް" ބަޔަކަށް ވީއެވެ.