ނަޝީދަށް އަމާޒު ކުރި ހަމަލަ

ހައެއް ފަހެއްގެ ހަމަލަ: ގިނަ ބައިވަރު ސުވާލު ހުރީ ނުކޮށް!

ރަ އްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ، "ހައެއް ފަހެއްގެ ހަމަލާ" އަށް މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. ފުލުހުން ގެންދަނީ އެ ހަމަލާގެ ފުނަށް ދާން ތަހުގީގު ކުރަމުންނެވެ. ހަމަލައާ ގުޅުން ހުރި މީހުންތަކެއް ހައްޔަރު ކޮށްގެން ގެންގުޅޭތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. ފުލުހުން ބުނާ ގޮތުގައި ހައްޔަރު ކުރި މީހުން ނިސްބަތް ވަނީ "ހަރުކަށި ފިކުރަ" ށެވެ. އަދި އެއީ ރާވައިގެން ދިން ހަމަލާއެކެވެ. އަދި އެ ހަމަލާ ދޭން ފަންޑުކުރި މީހުން ނޭނގޭ ކަމަށް ވެސް ޕޮލިހުން ބުނެފި އެވެ. މިހާތަނަށް އައިއިރުވެސް ނޭނގޭ އެތައް ކަމެއް އެބަހުއްޓެވެ. މިފަދަ ހައްސާސް ވަގުތެއްގައި މިއީ އެ ކަންވާނެ ވެސް ގޮތެވެ.

ނަމަވެސް އިނގޭ އެއްކަންތައް އެބައޮތެވެ؛ އެއީ، މި ހަމަލާގެ ކުޑަ ދުވަސްކޮޅެއް ކުރިން މިފަދަ ހަމަލާއެއް ދޭން އުޅޭ ކަން ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް އެނގިފައި އޮތް ކަމެވެ. އެ ބޭފުޅާއަށް މިފަދަ މައުލޫމާތެއް އެންގުނު ގޮތަކީ ކޮބައި ކަމެއް އަދި ބޭރަކަށް ނާދެ އެވެ.

އިލްޔާސް ލަބީބު ފޯނުން ގުޅުއްވާ އެ ވާހަކަ ޑިފެންސް މިނިސްޓަރު މަރިޔާ ދީދީ އާއި ހިއްސާ ކުރެއްވި ކަމަށް ވެއެވެ. ސުވާލަކީ، އިލްޔާސް ލަބީބަކީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅަކަށް ވެފައި ސިދާ ރައީސް ނަޝީދައް ބަޔަކު ހަމަލާއެއް ދޭން ރާވަމުން ދާކަން އެނގުމުން، އޭނާ މިކަން ރައީސް ނަޝީދުގެ އަރިހުގައި ވިދާޅުވިތޯ އެވެ؟ ޕާލިމެންޓްރީ ގުރޫޕާއި އެމްޑީޕީގެ އިސް ލީޑަރުންނާއި މަޖިލިސްގެ އިސްވެރިން ގާތު އެވާހަކަ ދެންނެވިތޯ އެވެ؟

ރައީސް ނަޝީދަށް ހެޔޮ އެދޭ ޕާޓީގެ ލީޑަޝިޕްގައި އުޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ކޮއްލައްވާ އެންމެ ވަޓްސްއަޕް މެސެޖަކުން އެކަން ޕާޓީގެ ހުރިހާ މެންބަރުންގެ ސަމާލު ކަމަށް އެކަން ގެނެވޭނެ ކަން ޔަގީނެެވެ. މަޖިލިހަށް ކުއްލި މައްސަލައެއް ހުށައެޅުމުގެ އިހްތިޔާރު ވެސް އޮންނާނެ އެވެ. އެކަންކަން ނުކުރީ ކީއްވެ ހެއްޔެވެ؟

ފުލުހުން ބުނާ ގޮތުން ނަމަ މިފަދަ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިފައެއް ނެތެވެ. ޓެރަރިޒަމް މާނަ ކުރުމުގެ ގާނޫނުގައިވާ ގޮތަށް މެންބަރު އިލްޔާސް ލަބީބް އެ ވާހަކަ ފުލުސް އިދާރާއާ ހިއްސާ ނުކުރީ ކީއްވެ ހެއްޔެވެ؟

މިފަދަ ނުރައްކާތެރި ރޭވުމެއްގެ މައުލޫމާތު ލިބުމުން އެކަން އެންމެ ފޯނު ކޯލަކުން އެފަދަ މެންބަރަކު ނިންމަވާ ލެއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެކެވެ. މިއީ އެއްވެސް ހަމައަކުން ގަބޫލުވެސް ކުރެވޭނެ ކަމެއް ނޫނެވެ. މެންބަރު އިލްޔާސް ލަބީބާއި މިކަމާ މެދު ރަނގަޅު ފެންވަރެއްގައި ސުވާލު ކުރެވެން ޖެހޭނެ އެވެ. ޕާޓީގެ ތެރެއިން އަދި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޭނާ މި ކަމަށް ޖަވާބުދާރީ ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެކަން ޔަގީނެވެ. ގާނޫނީ ނަޒަރަކުން ވިސްނާއިރު ޓެރަރިޒަމްގެ އަމަލެއްގެ މައުލޫމާތު ލިބި އެކަން ފުލުހަށް ނާންގާ ހުރުމަކީ ވަރަށް ބޮޑު ކުށެކެވެ. 

ނަމަވެސް، ފެންނަ ފެނުމަށް މެންބަރު އިލްޔާސް ލަބީބް ވަނީ މި ހުރިހާ ކަމަކުން ރެކިވަޑައިގަންފަ އެވެ. އޭނާގެ ޒިންމާވާން ޖެހޭ ކަމެއް ޖަވާބުދާރީ ވާންޖެހޭ ކަމެއް ނެތް ފަދަ ވެފައި ވެއެވެ. ރައީސް ނަޝީދަށް އެތައް ޒަހަމްތަކެއް ލިބިވަޑައިެގން އެތައް ގަޑިއިރުތަކެއްގެ ސާޖަރީތަކެއް ކުރަމުން ދިޔަ އިރު، މާ ކުރިން އެ ހަމަލާ ހުއްޓުވޭނެ ފަދަ ހަމަ އެކަނި މައުލޫމާތު އޮތް ފަރާތް ގެންދަވަނީ މިކަމުގެ ޒިންމާ އެހެން ބޭފުޅުން ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެ، މި ކަމުން "ރެކި" ވަޑައިގަންނަވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި ޒަހަމްތަކެއް ލިބިވަޑައިގެން އެޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާކަން އެނގިވަޑައި ގަތުމާއި އެކު މިނިސްޓަރު މަރިޔާ އެތަނަށް ވަޑައިގަތެވެ. އެވަގުތު އެކަމަނާގެ އިސްތިއުފާއަށް އެތަނުގައި ތިބި ބަޔަކު ގޮވަން ފެށި އެވެ. ހަމަ އެގޮތަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު އެތަނަށް ވަޑައިގަތުމުން ވެސް އިސްތިއުފާއަށް ގޮވަމުން ދިޔައެވެ. އެކަމަކު ރައީސް ނަޝީދައް އަމާޒުކޮށް ޓަރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމަތު ލިބި އެކަން އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ، "ރެކި" ވަޑައިގެން ހުންނެވި މެންބަރު އެހިސާބުން ފެށިގެން ބަތަލަކަށް ވެގެން ދިޔައީ އެވެ. އެކަމާ ހޭވެސް އަހާލާނެ މީހަކު ނެތެވެ.

ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ކަނބަލަކު ދިފާއީ ވަޒީރުގެ މަގާމާއި ހަވާލުވެލެއްވުން ވެގެން ދިޔައީ ދިވެހި ހުރިހާ އަންހެނުންނަށް ލިބުނު ފަހުރަކަށެވެ. އެކަމަކު ހައެއް ފަހެއްގެ ހަމަލާއަށް ސޯޝަލް މިޑިޔާގައި ވެސް މިނިސްޓަރު މާރިޔާގެ އިސްތިއުފާއަށް ގޮވުން ގިނަ ކުރި އެވެ. އެކަމަކު އެކަމަނާގެ އިސްތިއުފާއަށް މިގޮވަން ފެށީ ފިރިހެނަކު ކުރަން ޖެހޭ ކަމެއް އޭނާ ނުކުރުމުންނެވެ. މިއީ، ދިވެހި ހުރިހާ އަންހެނުންނަށް ދެރައެއް ކަމަށް ނޫނީ ވާނެ ގޮތެއް އެބައޮތް ހެއްޔެވެ؟

އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ ޝޯޝަލް މީޑިޔާގައި މިނިސްޓަރު މާރިޔާގެ އިސްތިއުފާއަށް ގޮވަމުންދާ މީހުންގެ ތެރޭގައި އަންހެނުން ބާރުވެރި ކުރުމަށާއި އަންހެނުން ކުރި އެރުވުމާއި ތަރައްގީއަށް މަސައްކަތް ކުރާ ކަމަށް ވަކާލާތުކުރާ ބަޔަކުވެސް ޝާމިލްވާތީ އެވެ. އެއިން އެކަކަށް ވެސް މެންބަރު އިލްޔާސް ލަބީބުގެ ކުށެއް ނުވަތަ އިހްމާލެއް ނުފެނުނެވެ. ނޫނީ އެއީ ފިރިހެނަކަށް ވުމުން އޭނާ އާއި ސުވަލުކޮއްލަން ފަސް ޖެހުނީ އެވެ!

ސިފައިން ބަލަހައްޓަމުން ދަނިކޮށް ޓެރަރިސްޓުންތަކެއް ރާވައިގެން ދިން ހަމަލާއެއްގައި ބޮޑެތި އެތައް ޒަހަމްތަކެއް ރައީސް ނަޝީދަށް ލިބިގެން ދިޔަކަމީ ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ. އެކަންތައް ވީގޮތް އަވަހަށް ރަނގަޅަށް ތަހުގީގުކޮށް، ބައެއްގެ އިހުމާލު ވާނަމަ އެކަން ރަނގަޅު ކުރަންޖެހެ އެވެ. އެބަޔަކާއި މެދު އެމްއެންޑީއެފާއި ކަމާގުޅޭ އެހެން އިދާރާތަކުން ވެސް އަވަސް ފިޔަވަޅު ތަކެއް އަޅަން ޖެހެއެވެ.

އިންޓެލިޖެންސް ފެއިލްވީތޯ ނޫނީ ހަގީގަތުގައި ވެސް ސެކިއުރިޓީ ބްރީޗްވިތޯ ދެނެގަންނަން ވެސް ޖެހެއެވެ. މިކަންކަން ކުރަން ޖެހޭނީ ޒިންމާދާރުކަމާއި ވިސްނުންތެރިކަމާއި އެކުގައެވެ. ސިޔާސީ ސްޓަންޓްތަކެއްގެ ގޮތުގައި ނުވަތަ ސައުންޑް ބައިޓްތަކެއްގެ ގޮތުގައި އެއްވެސް ހެއްކެއް ނެތް އިލްޒާމްތަކެއްގެ ގޮތުގައި އިނގިލި ދިއްކޮއްގެނެއް ނޫނެވެ.

މިއާއެކު، މެންބަރު އިލްޔާސް ލަބީބް ވެސް، އޭނާގެ އަމަލްތަކާއި ވިސްނުންފުޅުގެ ފުރިހަމަ ތަފްސީލްތައް ރައްޔިތުންގެ ކުރިމަތީގައި ބުނެ ދެއްވަން ޖެހޭނެ އެވެ. ހިނގައިގެން މި އުޅެނީ ވަރަށް ވެސް ބޮޑު ކަމެކެވެ. ކުޑަކަމެކޭ ހިތާ ރައްޓެއްސަކަށް ކޮއްލެވި އެންމެ ފޯނުކޯލަކުން ކަންކަން ނިންމާ ލައްވައިގެން ހުންނެވުމަކީ މެންބަރު އިލްޔާސް ލަބީބް ފަދަ ސިޔާސީ ގޮތުން ތޫނުފިލި އަދި ތައުލީމީ ބޭފުޅުން ކަންކުރަން ޖެހޭ ގޮތް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ އެވެ. އިލްޔާސް ލަބީބް ވާހަކަ އާއި ނުލާ ތަހުގީގު ފުރިހަމަ ވާނެ ގޮތް އެއީ ނެތް ގޮތެކެވެ.