އެމްޑީޕީ

ދައުރު ދެބައި ؛ އެމްޑީޕީވެސް ދެބައި

"މާތް ކަލާކޯ، މި އޮތީ ވާ ސަރުކާރެއް!" މިއީ ވަރަށް ހިނގި އިބާރާތެކެވެ؛ މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައި ދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރު ކޮށްލުމުން އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންގެ މެދުގައި ފެށުނު ހޫނު ގަދަ ބަހުސްގައިި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި ވާހަކަފުޅެކެވެ.

ޒަމީލުގެ މައްސަލަ ބަލައި ދިނުމަށް އެދި އިމްތިޔާޒު ކޮމެޓީއަށް މައްސަލަ ހުށައެޅުއްވީ ރައީސް ނަޝީދެވެ. އެމަނިކުފާނު ވަނީ މަޖިލީހުގެ ކަރާމާތާއި ގަދަރު ހިފެހެއްޓުމަށްޓަކައި ކަމަށް ވިދާޅުވި ޒަމީލަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ވެސް ހުށައަޅުއްވާފަ އެވެ.

ރައީސް ނަޝީދުގެ ހުށައެޅުއްވުމާއި ގުޅިގެން އާދީއްތަ ދުވަހުގެ ރޭ އިމްތިޔާޒު ކޮމެޓީގެ ބައްދަލުވުމެއް ބޭއްވި އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ދެ ހުށައެޅުމެއް އޮތެވެ. އެއް ހުށައެޅުމަކީ ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމާ ކޮމެޓީން އެ މައްސަލަ ބޭރު ކޮށްލުމެވެ. އެ ހުށައެޅުއްވީ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމްގެ ފަރާތްޕުޅުންނެވެ. ދެން އައީ މައްސަލަ ބަލަން ފެންނަ ކަމަށް ހުށައެޅުއްވި ހުށައެޅުއްވުމެކެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށައެޅުއްވި އެ ހުށައެޅުއްވުމަށް މެންބަރުންގެ ތާއީދެއް ނުލިބުނެވެ.

ނާޒިމް ވަނީ މައްސަލަ ބޭރުުކޮށްލަން ހުށައެޅުއްވުމަށް ފަހު އެގޮތަށް ހުށައެޅުއްވި ސަބަބުތައް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފައެވެ. މަޖިލީހަށް މިނިސްޓްރީއަކުން ނުވަތަ ކުންފުންޏަކުން ފޮނުވާ ސިޓީއަކާއި ގުޅިގެން ސިޓީގައި ސޮއިކޮށްފައިވާ މީހާގެ މައްސަލަ ބަލަން ޖެހޭ ސަބަބެއް އޮވެގެންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓަރު ނުވަތަ ކުންފުންޏެއްނަމަ މެނޭޖިން ޑިރެކްޓަރު އެންގެވުމުން ނޫނީ އޭގެ ދަށުން ތިއްބަވާ ބޭފުޅުން ސިޓީއެއްގައި ސޮއިނުކުރައްވާނެ އެވެ. އެހެންވީމަ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ނިންމާ އެމްއެންޑީއެފުން ފޮނުވި ސިޓީގެ މައްސަލަ ބަލާނަމަ ބަލަން ޖެހޭނީ މިނިސްޓަރު މާރިޔާގެ މައްސަލަ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމުގެ އެ ހުށައެޅުއްވުން 13 މެންބަރުން ހިމެނޭ އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމެޓީން ފާސްވެ މައްސަލަ ބޭރުވީ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ތާއީދު ލިބިގެންނެވެ. އެއީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ އިތުރުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމެވެ.

ކޮމެޓީގެ އެ ނިންމުމާއެކު އެމްޑީޕީގެ ތެރެ ފަޅައިގެން ގޮސް ހުޅު ރޯވިއެވެ. މިހާތަނަށްވެސް ރޯވެ ގަދަ އަލިފާނަށް ނުވެ ހުރި އެތައް ކަމެއް ބޭރަށް ނިކުމެ ގަދަކޮށް އަނދަން ފެށިއެވެ. މައްސަލަ އެންމެ ހޫނުވީ އެމްޑީޕީގެ މަޖިލީސް މެންބަރުންނަށް ހާއްސަ ކޮށްފައިވާ ވަޓްސްއަޕް ގުރޫޕާއި އެ ޕާޓީގެ ގައުމީ މަޖިލީސްގެ މެންބަރުން ތިއްބަވާ ގުރޫޕްގައެވެ. ބައެއް އެހެން މެންބަރުން މައްސަލަ އެއަށްވުރެވެސް ތިލަކޮށްލައްވަން ޓްވިޓާގައިވެސް ހިޔާލު ފާޅުކުރެއްވިއެވެ. ރުޅިވެރިކަމާއެކު ސަރުކާރާއި ރައީސް ސޯލިހަށް ވަފާތެރި މެންބަރުންނަށް ފާޑުވިދާޅުވިއެވެ.

ހޫނުވެފައިވާ މައްސަލަގަނޑުގެ ތެރެއަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މެސެޖެއް ދޫކޮށްލެވި އެވެ. އަދި އެއީ ރައީސް ނަޝީދުގެ މެސެޖެއް ކަމުގައި ވިދާޅުވިއެވެ. އެ މެސެޖްގައި ވަނީ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގުމުގެ ފަހަތުގައި ހުންނެވީ ރައީސް ސޯލިހް ކަމަށް ތުހުމަތު ކުރައްވާފައެވެ.

އަދި ރައީސް އެގޮތަށް މަސައްކަތް ކުރައްވާ ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސިއްރު ކުރައްވަން އުޅުއްވަނީ ކޮން ކަމެއްތޯވެސް ނަޝީދު ސުވާލު ކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ވަކިވަކި ސިފައިން 241 ކޮމެޓީއަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބު އަޅުގަނޑަަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ،" ހަސަން ލަތީފް ފޮނުއްވެވި ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވި އެވެ.

އޭގެ ފަހަށް ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲވެސް އެ މައްސަލާގައި ވާހަކަ ދެއްކެވިއެވެ.

އީވާ ތުހުމަތު ކުރެއްވި ގޮތުގައި ކޮމެޓީން މައްސަލަ ބޭރުކޮށްލީ ސަރުކާރުން ރާވައިގެންނެވެ. އެކަމުގައި މެދުވެރިއަކީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ. ބިގޭއަކީ ރައީސް ސޯލިހުގެ ޅިޔަނެކެވެ. މިހާރު ހިނގަމުންދާ މަޖިލީހަށް ރައީސްގެ ފަރާތްޕުޅުން ފޮނުއްވަވާ ހުރިހާ މެސެޖުތަކެއްހެން ޕީޖީ ގުރޫޕަށް ގެނެސް ދެއްވަނީ ބިގޭ އެވެ.

އީވާ ވިދާޅުވީ މައްސަލަ "ފަނި" ކޮށްލެއްވީ ބިގޭ އެވެ. އަދި ރައީސް ސޯލިހާއި ބިގޭއާ އޮތް އާއިލީ ގުޅުމަށް އިޝާރާތް ކުރައްވާ މިއީ ބިގޭމެންގެ ސަރުކާރެއް ކަަމަށް ވިދާޅުވެ އެ ޒާތުން އަމަލު ނުކުރެއްވިޔަސް ސަރުކާރު ނުވެއްޓި އޮންނާނެ ކަމަށެވެ.

"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް، ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އެމްޑީޕީގެ މައި ހިއްސާއޮތް މި ސަރުކާރާއި އެމްޑީޕީއާ ގުޅުމެއް ނެތް ކަމަށް ސިފަވާ ގޮތަށް އީވާ ވިދާޅުވިއެވެ.

އީވާ ވަނީ މިއީ ރަައީސް ނަޝީދާ ގުޅުންހުރި ކަންކަމުގައި ބިގޭ މި ގޮތަށް އަމަލު ކުރެއްވި ފުރަތަމަ ފަހަރު ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އަދި ނަޝީދުގެ ހާލަތަށް ވީ ހަމްދަރުދީގެ "ޑެޑްލައިން" ހަމަވީތޯ ސުވާލު ކުރެއްވި އެވެ.

"ރައީސް ނަޝީދު އެދިވަޑައިގެން އެހެން ކޮމެޓީއެއްގައި ކަމެއް ހިނގިޔަސް ބިގޭ އެޔެއްވެސް އެ ގޯސް ކުރަން މަސައްކަތް ކުރަން ޖެހެނީ ކީއްވެތަ، ކޮންމެ ފަހަރަކު،" ބިގޭއަށް ޓެގްކޮށް އީވާ ކުރެއްވި މެސެޖްގައި ވިދާޅުވިއެވެ.

ގުރޫޕުން މި ބަހުސް ބޭރަށް ނެރުއްވި މެންބަރުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހިމެނިވަޑައިގަތެވެ. މި ތިން މެންބަރުންނަކީ ކޮންމެ ކަމެއްގައިވެސް ރައީސް ނަޝީދު ވަރަށް ބޮޑަށް ދިފާއު ކުރައްވާ ވާހަކަ ދައްކަވާ މެންބަރުންނެވެ.

މެންބަރު ރަޝީދު ކުރެއްވި ޓްވީޓްގައި ވަނީ އިންސާނެއް ވިއްޔާ ލަދުހަޔާތުގެ ކަންފުޅެއް ވެސް ހުންނަންވާނެ ކަމަށް ވިދާޅުވެ ނަޝީދުގެ ހުށައެޅުއްވުން ބޭރު ކޮށްލަން ވޯޓް ދެއްވި ހަތަރު މެންބަރުންނަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކޮށްލުމުގެ އަޑީގައި ތިބި ބައެއްގެ މަޅީގަޖެހި ބައިއަތު ހިފާނީ ފިސާރި ލަދުހަޔާތް ކުޑަވީމަ އެވެ. ބޯދިގު އެ އިޝާރާތް ކުރައްވަނީ މައްސަލަ ބޭރު ކޮށްލަން ހުށައެޅުއްވި މެންބަރު ނާޒިމް އާއި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ހާދިސާއާ ނާޒިމްއާ ގުޅުވާ އެމްޑީޕީން ކުރާ ތުހުމަތަށެވެ.

"އިންތިހާބަށްވީމަ އަރިއަރި މަތީ ރައީސް ނަޝީދުގެ ފޮޓޯ،" ކެންޕެއިންގައި ނަޝީދުގެ މުހިންމުކަން ބޮޑުވެ ހުރިހާ މެންބަރުން ވެސް ނަޝީދުގެ ފޮޓޯ ބޭނުން ކުރައްވާ ކަަމަށް އިޝާރާތް ކުރައްވާ ބޯދިގު ވިދާޅުވި އެވެ.

މެންބަރު މީކާއީލް ނަސީމްވެސް ވަނީ އެ މޭރުމުން ޓްވީޓެއް ކުރައްވާފަ އެވެ.

"ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން އެންމެ ހާލުގާ އޮންނެވި ދުވަހު ކަރަށް ފައިން އަރަން ހިފާލާނީ ހާދަހާވާ ގޮތެއްފޮތެއް ނެތީމައޭ،" މީކާއީލް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި ނަޝީދު ހުށައެޅުއްވި މައްސަލަ ނާޒިމް ލައްވާ ބޭރު ކޮށްލީ ސަރުކާރުން ހުށައަޅައިގެންނެވެ. އަދި ރައީސް ނަޝީދު ބަލި އެނދުގައި އޮންނަވަނިކޮށް އެ ނިންމުމަށް ވޯޓްދީފައިވަނީ ސަރުކާރުގެ ޕްރޮޖެކްޓްތަކެއްގައި "ފިއްތާފައި" ތިބި މެންބަރުންތަކެއް ލައްވާ ކަަމަށް ވިދާޅުވެ ހަތަރު މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

"ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި ކަމެއް ބޭރު ކޮށްލަން، ނާޒިމް ލައްވައި ސަރުކާރުން ހުށައަޅައިގެން ދެ ޕްރޮޖެކްޓް ދޭތެރޭ ފިއްތާފައި ތިބި ބައެއް އެމްޑީޕީ މެމްބަރުން ލައްވައި ބޭރުކޮށްލީ،" ވަހީދު ވިދާޅުވި އެވެ.

މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ފަހުން އެމަނިކުފާނުގެ ވަފާތެރި މެންބަރުންނާއި އާއިލީ ބޭފުޅުންވެސް ގެންދަވަނީ ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ތަފާތު އެކި ވާހަކަތައް ދައްކަވަމުންނެވެ. ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާއަށް ފުރުސަތު ލިބުނީ އިހުމާލުވުމުގެ ސަބަބުން ކަަމަށްވެސް އާއިލާގެ ބައެއް ބޭފުޅުން ތުހުމަތު ކުރެއްވިއެވެ. ފާޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިސްތިއުފާއަށް ބައެއް ބޭފުޅުން ގޮވާލެއްވިއެވެ.

އަދި ރައީސް ނަޝީދުގެ ވަފާތެރި މަޖިލީސް މެންބަރުން ގެންދެވީ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގެން ހަމަލާގެ ފުނަށް ވާސިލުވުން ލަސްވެފައިވާ ކަމަށްވެސް ވިދާޅުވަމުންނެވެ.

މަޖިލީހުގެ އާދިއްތަ ދުވަހުގެ ރޭގެ ނިންމުމާއެކު އެމްޑީޕީގެ އެތެރެ ހޫނުވެ މައްސަލަ ގޯސްވެފައިވާއިރު މީގެ ކުރިންވެސް ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އަޑުތައް އޮވެއެވެ. އެ އަޑުތައް ގަދަވެގަންނަ ކޮންމެ ފަހަރަކުވެސް ދެ ބޭފުޅުން ފޮޓޯއެއް އާންމު ކުރައްވާ އެ އަޑުތައް މަޑުކުރައްވަނީ އެވެ. ނަމަވެސް ސަރުކާރު ހިންގުމަށް އެކި ގޮތްގޮތުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުރަސްތައް ކުރިމަތިވެ އެކަމާއި ރައީސް ސޯލިހް ބައެއް މިނިސްޓަރުންނާއެކު މަޝްވަރާވެސް ކުރައްވާފައިވާކަން އެކި ސޯސްތަކުން ޔަގީން ކުރެވެއެވެ.

ބައެއް ބޭފުޅުންގެ ނަޒަރުގައި މަޖިލީހުގެ ކޮމެޓީއަކުން ރައީސް ނަޝީދާ ދެކޮޅަށް ނިންމި މައްސަލައާ ގުޅިގެން މިދިޔަ ދުވަސްތަކުގައި އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުން އިތުރަށް ބޮޑުވެ ބޭރުވީއެވެ. ކުރީންވެސް މައްސަލަތައް ޖެހި ބޭރުނުވެ އޮތީ ޕާޓީގެ ތެރޭގައި އޮތް ހަރުދަނާ ޑިމޮކްރަސީ އާއި ހިޔާލުފާޅުކުރުމަށް ތަނަވަސް ފުރުސަތާއި ޕާޓީގައި ގަދަފަދަ އެެއްބަައިވަންތަ ކަމަކުންނެވެ. ނަމަވެސް އެކަންކަން ފަހަރަކު ކަމެއް ދޫވެ ކުރިއާ އަދު ތަފާތުވެއްޖެ އެވެ. އެހެންވީމަ ބައިބައިވުން އިތުރަށް ބޮޑުވެ ހިޔާލުތަފާތުވުންތައް ބޭރުވާ މިންވަރު ދާނީ އިތުރުވަމުންނެވެ.

"ކިތަންމެ ކަމެއްގައި ސަރުކާރަށް ޑެމޭޖްދީފި. ރައީސް ސޯލިހް ވަރަށް ކެތްތެރިކަމާއެކު އެ މަޑުކުރައްވަނީ. ނަމަވެސް މިހާރު މި އޮތްގޮތުން ދެން މައްސަލަ ދާނީ ގޯހުން ގޯހަށް. މިހާރު ވަރަށް ފާޅުގައި ރައީސް ސޯލިހަށް އެ 'ބްލޭމް' ކުރައްވަނީ. އެހެންވީމަ އެމަނިކުފާނާއެކު ތިއްބެވި މެންބަރުންނާއި ގައުމީ މަޖިލީސް މެންބަރުންނާއި ޕާޓީގެ މެންބަރުންވެސް މަޑަކުން ނުތިބޭނެ،" ރައީސް ސޯލިހަށް ވަފާތެރި މަޖިލީސް މެންބަރަކު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ނަޝީދަށް ވަފާތެރި މެންބަރުންގެ ވިސްނުން މިއާ ދިމާ އިދިކޮޅެވެ. އެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގޯސް ހައްދަވަނީ ރައީސް ސޯލިހެވެ. ކޯލިޝަނާއެކު ކާމިޔާބު ވެރިކަމެއް ނުހިންގޭނެ ކަމަށް ނަޝީދު ތަކުރާރު ކުރެއްވި އިލްތިމާސަށް ރައީސް ދެއްވީ ބީރު ކަންފަތެކެވެ. އަދި އެކި ކަަންކަން ނިންމަވާއިރު ނަޝީދުގެ ހިޔާލު ހޯއްދެވުން ކުޑައެވެ. އޭގެ ފަހުން އެމަނިކުފާނު އަވަހާރަކޮށްލަން ހަމަލާދިންއިރު އެކަމަށްވެސް ސަރުކާރުގެ "ފޯކަސް" ކުޑަވުމަކީވެސް ޕާޓީތެރޭ އޮތް ހިތްހަމަނުޖެހުން ބޮޑުވެ ބޭރަށް ނިކުތް ސަބަބެކެވެ.

"ރައީސް ނަޝީދު ވިދާޅުވި ގޮތަށް ސަރުކާރުން ކުރެއްވި އެންމެ ކަމެއްވެސް ވިދާޅުވެ ލައްވާ. ނޯންނާނެ. ނަމަވެސް ހުރިހާ ޒިންމާއެއް އެމަނިކުފާނަށް. މެންބަރުންގެ ކަންބޮޑުވުންތައް އެމަނިކުފާނަށް އެ ދަނީ ހިއްސާކުރަމުން. އެހެންވީމަ ވާނެ ގޮތެއްވާން އެމަނިކުފާނު ދޫކޮށްލަވައިގެން ނުހުންނަވާނެ. އެއީ ސަރުކާރު ހަލާކުކޮށްލުން ކަމަށްވާނަމަ އެގޮތަށް ބަލަންވީ،" ރައީސް ނަޝީދުގެ ދިފާއުގައި ވާހަކަ ދައްކަވާ މެންބަރަކު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމާއެކު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަން ރަސްމީކޮށް މަސައްކަތް ފެށުން އޮތީ ދާދި ގާތުގައި ކަމަށް ދެ ރައީސުންނަށް ތާއީދު ކުރާ ގިނަ ބޭފުޅުން ގަބޫލު ކުރެއެވެ. ސަރުކާރުގައި ތިއްބެވި އަދި ރައީސް ސޯލިހަށް ތާއީދު ދޭ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ނޫން ގޮތަކަށް ސަރުކާރު ކާމިޔާބު ކުރެވޭކަށް ނެތެވެ. ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ހިނގާ ގޮތަށް ރައީސް ސޯލިހު ބޭނުންފުޅުވާހާ ކަމަކަށް ފުރުސަތު ދެއްވައިފިނަމަ ހަގީގީ އެމްޑީޕީ ގެއްލިދާނެ އެވެ. ފެށުނީއްސުރެ އެ ޕާޓީން ވަކާލާތުކޮށް ދަމަހައްޓަމުން އައި ކިތަންމެ ކިތަންމެ ކަމެއް ވަޅުޖެހި ޕާޓީގެ އަސްލު ތަސައްވުރު ގެއްލޭނެ އެވެ.

އެހެންވީމަ އާދިއްތަ ދުވަހުގެ ރޭ އިމްތިޔާޒު ކޮމެޓީން ނިންމި ނިންމުން ވެގެންދާނީ އެމްޑީޕީތެރެ ހަގީގީ ފެޅުމަކުން ފެޅުމުގެ ފެށުމަކަށް ކަަމަށް ބެލެވެއެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ދަައުރުގެ ދެބައިވާން ތައްޔާރުވީއިރު އެމްޑީޕީވެސް ދެބައި ވެދާނެ ކަމުގެ ނިޝާންތައް މި ދަނީ ފެންނަމުންނެވެ.