ޕޮލިޓިކްސް

ސިޔާސީ މައިދާން ސާފުކޮށްލަން ނަޝީދުގެ މޫނު އިރަށް!

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޮތީ ވަރަށް ޒަމާންވީ ގުޅުމެކެވެ. ދެ ބޭފުޅުން ވެސް ފަހަކާ ޖެހެންދެން ވެސް ވިދާޅުވާ ގޮތުގައިއޮތީ "ހިތާ ހިތުގެ ގުޅުމެެ" ކެވެ. އެއްވެސް މައްސަލައަކަށް ޖާގައެއް ނެތެވެ. އަދި އެއްވެސް މީހަކަށް އެ ދެ ބޭފުޅުންގެ ގުޅުމަށް ހީނަރުކަމެއް ނުގެވޭނެ އެވެ. ނަމަވެސް އެ ވާހަކަތައް އެއީ މާޒީއެވެ. ރައީސް ނަޝީދު ވެސް އަދި ރައީސް ސޯލިހް ވެސް މިހާރު އެ ވާހަކަތައް ދައްކަވަން ބޭނުންފުޅެއް ނުވެއެވެ. އެއަށްވުރެ ދެ ބޭފުޅުންގެ ގުޅުން މާބޮޑަށް ގޯހެވެ.

ހިތާއި ހިތުގެ ގުުޅުން ކެނޑިއްޖެކަން ރައީސް ނަޝީދު ވަނީ އިއްޔެ އިއުލާނު ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި "ރައީސުލްޖުމްހޫރިއްޔާއާ މިހާރު ފިކުރީ ގޮތުން ހިޔާލު ތަފާތެ" ވެ. އަދި "ރައީސުލްޖުމްހޫރިއްޔާއާ އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތެ" ވެ. އަދި "ރައީސް ޔާމީނާއި ޕީޕީއެމުން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާ ނަމަ އެ ބޭފުޅުންގެ އެހީއަށް އެދޭނެ" އެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅު ވަރަށް ސާފެވެ. އެމްޑީޕީގެ މިވެރިކަން ދެމެހެއްޓުމުގައި ރައީސް ސޯލިހާއެކު ދެނެއް އެމަނިކުފާނު ނުހުންނަވާނެ އެވެ. ސިޔާސީ ގޮތުން ރައީސް ސޯލިހާއި ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ދިފާއުކޮށް ސަރުކާރު ދަމަހައްޓަވަން މަސައްކަތް ކުރައްވާ ބޭފުޅަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ އެވެ. ކޯލިޝަންގެ ލީޑަރެއް ނަމަވެސް އެ ދައުރު ދޫކޮށްލެއްވީ އެވެ. އެ މަަސައްކަތް ކުރެވޭ ވަރަށްވުރެ ފިކުރީ ގޮތުން ދެ ބޭފުޅުންގެ ހިޔާލު މާ ބޮޑަށް ތަފާތުވީ އެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި ރާއްޖެއަށް ހަމަޖެހުން ލިބެން އޮތް ފުރުސަތަކީ އިދިކޮޅު ލީޑަރު، ރައީސް ޔާމީނާއެކު ކުރާ މަސައްކަތަކުންނެވެ. ހަރުކަށި ފިކުރުގެ ވާހަކައަކީ ރައީސް ނަޝީދު އަމިއްލަފުޅަށް ކުރިއަށް ނެރުއްވައި އަބަދު ދައްކަވާ ވާހަކަ އެކެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުން އެ ހަރުކަށި ފިކުރު ވަނީ އެމްޑީޕީވެސް ހިސޯރުކޮށްފަ އެވެ. އަދި އެމްޑީޕީގެ މި ސަރުކާރާއެކު މަަސައްކަތްކޮށް ހަރުކަށި ފިކުރާ ދެކޮޅު މަސައްކަތް ކާމިޔާބެއް ނުވާނެ އެވެ. ހޯދަން ޖެހެނީ މެދުމިނުގެ ދީނީ ސިޔާސަތެކެވެ. ރައީސް ޔާމީނާއި އިދިކޮޅު ޕީޕީއެމްގެ ތާއީދު އެގޮތަށް އޮތްނަމަ ސިޔާސީ އެ ކޭމްޕްގެ އެހީތެރިކަމަށް އެދޭނީ އެވެ.

އެމްޑީޕީ މެންބަރުން ހައިރާންވެ ރުޅިފަޅައިގެން ދިޔައަސް އަދި މެންބަރުން ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް ރައީސް ނަޝީދު ހުންނެވީ އެގޮތުގަ އެވެ. އަދި ރައީސް ނަޝީދުގެ މި ވާހަކަތައް ބައެއް މީހުނަށް ވެފައި ވަނީ ހުޅަނގު ފަރާތުން އިރު އެރުން ކަހަލަ ކަމަކަށެވެ.

ނަޝީދުގެ މި ވާހަކަތަކާއެކު ގިނަ ސުވާލުތަކެއް ފެދެއެވެ. އެންމެ ބޮޑު އެއް ސުވާލަކީ ރައީސް ނަޝީދަށް އެމަނިކުފާނަށް އެ ދެއްކެވޭ ވާހަކަފުޅު ރަނގަޅަށް ސާފުވެ ވަޑައިގަންނަވާތޯ އޮތް ސުވާލެވެ. ނުވަތަ އެ ދައްކަވަނީ ކުރެވެން އޮތް ކަމެއްގެ ވާހަކަ ހެއްޔެވެ؟ އެހާ ފަސޭހަކޮށް މަސައްކަތް ކޮށްލެވޭ ފަދަ ވިސްނުންފުޅެއް ދެ ލީޑަރުންގެ އެއްވެސް އިރެއްގައި އޮތް ހެއްޔެވެ؟ ރައީސް ނަޝީދު ރައީސް ޔާމީން ސިފަ ކުރައްވަމުން އައި "ވަގެއް"ގެ ގޮތުގަ އެވެ. އަދި ވިދާޅުވަމުން ގެންދެވީ ވައްކަން އޯކޭއެއް ނޫނޭ އެވެ. ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމް ދީނާ ގައުމިއްޔަތާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގަ އެވެ. ދީނާއި ގައުމަށްޓަކައި ނަޝީދުގެ ފިކުރު އޯކޭއެއް ނޫނެވެ.

ނަޝީދަށް "ވަގެއް" ރަނގަޅުވެ، ޔާމީނަށް "ދީނާއި ގައުމުގެ ދުޝްމަނެއް" ރަަނގަޅުވާ ގޮތަކީ ކޮބައި ހެއްޔެވެ؟

ފުރަތަަމަ ކަމަކަށް އެމްޑީޕީ އަކީ ސެންޓަރައިޓް ޕާޓީއެކެވެ. މައިގަނޑު ވިސްނުމަކީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވާ ހަރުދަނާ ކުރުމެވެ. އެ މަގުގައި ދާއިރު ބައެއް ސިފަތަކާއި ކަންކަމަކީ ދިވެހިންގެ އާދަކާދަ އާއި ސަގާފަތާއި ނުކުޅޭ އަދި އިސްލާމްދީނާ ވެސް ހިސާބަކަށް ބީރައްޓެހި ކަންކަން ނަމަވެސް އެކަމަށްވެސް އެމްޑީޕީގެ ތެރޭގައި ޖާގަ އެބައޮތެވެ. އެކަން އެންމެ ބޮޑަށް ފެންނާން އޮތީ ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގެ ތެރޭގަ އެވެ. ވަރަށް ފާޅުގައި އެފަދަ ބައެއް ކަންކަން ކުރައްވާފައިވެއެވެ. އެހާމެ ސާފުކޮށް ބައެއް ވާހަކަތައް ވިދާޅުވެފައި ވެއެވެ. އެމްޑީޕީ އެންމެ ކައިރީ އަދި އެންމެ ގާތީ ހުޅަނގާ އެވެ. އޭގެ ކުރިއަށް ދިވެހިންގެ އަވައްޓެރިޔާ އިންޑިއާއާ އެވެ. ހާއްސަކޮށް ރައީސް ނަޝީދާއި އިންޑިއާ އާއި އަދި ހުޅަނގާ ވެސް އޮތީ ހާއްސަ ގުޅުމެކެވެ. އެ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރެއްވުމަށް ދިވެހީން ނުރުހުނަސް ކިތަންމެ ވާހަކަފުޅެއް ދައްކަވާ އެ މީހުންގެ ރުހުން ހޯއްދަވައެވެ.

ރައީސް ޔާމީންގެ ޕީޕީއެމްގެ މައިގަނޑު ވިސްނުމާއި ފިކުރު މުޅީން ތަފާތެވެ. ޑިމޮކްރަސީއަށް އެންމެ ހަރުއަޑުން ވަކާލާތު ކުރާ ބައެއް ގައުމުތަކުން ޑިމޮކްރަސީގެ ނަމުގައި ކުރިއަށް ނެރޭ ބައެއް ކަންކަމާއި ފާޅުގައި ދެކޮޅު ހަދައެވެ. އެއް ކަމަކީ މަރަށް މަރު ހިފުމާ ދެކޮޅަށް ހުޅަނގުން ދައްކާ ވާހަކަތަކާއި ކަނޑައެޅިގެން ދެކޮޅު ހެދުމެވެ. އަދި ރައީސް ޔާމީން ވަނީ އެމަނިކުުފާނުގެ ވެރިކަމުގައި "ހުޅަނގުން އިރަށް ދިވެހިންގެ މޫނު އަނބުރާލާފައިވާކަން" ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ. ހާރިޖީ ގޮތުން ގައުމެއްގެ އުނގަށް ވެއްޓި ގަތުމުގެ ބަދަލުގައި އެ މަނިކުފާނު ބޭނުން ކުރެއްވީ ދުނިޔޭގައި މިހާރު ކުރިއަރަމުން އަންނަ ކޮމާޝަލް ޑިޕްލޮމަސީ އެވެ. ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފުރަތަމަ ތަގުރީރުން ފެށިގެން އެންމެ ފަހުގެ ތަގުރީރާ ހަމައަށްވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި މަރަށް މަރު ހިއްޕަވާނަމޭ އެވެ. އެކަމަށް އެތައް މަސައްކަތްތަކެއް ވެސް ކުރެއްވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ދިވެހިންގެ ވިސްނުމާއި ފިކުރުން ވެސް އިންޑިއާ އޮތީ އެއްފަރާތްކޮށްލާފަ އެވެ. އެގައުމާއެކު ބޭއްވެވީ ކޮމާޝަލް ޑިޕްލޮމެސީގެ ގުޅުމެކެވެ. އެއްޗެއް ދީފިއްޔާ އެއެއްޗެއްގައި ހިފަނީ އެވެ. އެއްޗެއް ދީފައި އެއްޗެއް ހޯދަނީ އެވެ. އެއީ ކޮންމެ ގައުމަކަށް ވިޔަސް ވަރިހަމަ އެވެ. އެހެންވެ އިންޑިއާގެ އަޑެއް ބަޑެއްވެސް ނެތެވެ. ކޮމަންވެލުތުން ވަކިވީ އެކަން ކުރައްވާނެ ކަމަށް ދުނިޔެއަށް އިއުލާނު ކުރުމަށް ފަހު ގައުމުތައް ހައިރާން ވެގެން އަނގަމަތީގައި އަތް އަޅާވަރު ކޮށްލައްވާފަ އެވެ. އިންޑިއާ އާއި އެމެރިކާ އަދި މުޅި ހުޅަނގު އެންމެ ރުޅި އަރާ ޗައިނާ "ބެސްޓްފްރެންޑަ" ށް ވެގެން ރާއްޖޭގެ ތަރައްގީގެ އެންމެ ކައިިރި ބައިވެރިއަކަށް ވެސް އެ ގައުމު ހެދިއެވެ. އެއިން ކޮންމެ ކަމަކަށް އެމްޑީޕީން ރުޅިވެރިކަމާއެކު ރައްދު ދިނެވެ. އިންތިހާ ގިނަ ފާޑުކިޔުން އަމާޒުކުރި އެވެ. ރައީސް ޔާމީން ވެރިކަމުން ބާލަންޖެހޭ ކަމަށް އިއުލާނުކޮށް އިންޑިއާއާ ހުޅަނގުގެ އެހީތެރިކަން ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރިއެވެ.

އެމްޑީޕީން ދެކޭ ގޮތުގައި ރައީސް ޔާމީނަކީ "ބޮޑު ވަގެ" ކެވެ. މިހާރު ވެސް އެމަނިކުފާނު އެ ހުންނެވީ "ވައްކަމު" ގެ ގޮޅިއަށް ފެތި ގާނޫނީ ގޮތުން އެކަން ސާބިތު ކުރުވާފަ އެވެ. ސިޔާސީ ނުފޫޒެއް ނެތް ޝަރީއަތަކުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދިވެސް އެތައް ދައުވާތަކެއް އެހަރަ ދަނީ އަންނަމުން އުފުލަމުންނެވެ. ހުރިހާ ދައުވާތަކެއް ނިމި ހުކުމްތައް ބަރިބަރިއަށް އިއްވައިފިނަމަ މުޅީ ހަޔާތް ހޭދަކުރަން ޖެހި ވަޑައިގަންނަވާނީ ޖަލުގައި ކަމަށް އެމްޑީޕީގެ އިސްވެރިން ތަކުރާރުކޮށް އެ ގެންދަވަނީ ވިދާޅުވަމުންނެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ އެންމެ ވަފާތެރި މެންބަރުން އެ ވާހަކަތައް ދައްކަވަ އެވެ.

އަނެއްކޮޅުން ޕީޕީއެމްގެ ލީޑާޝިޕާއި އާންމު މެންބަރުންގެ ނަޒަރުގައި ރައީސް ނަޝީދަކީ އިސްލާމްދީނާ ދުރު އެ ދީނުގެ އުސޫލުތަކާއި ބީރައްޓެހި ވާހަކަތައް ތަކުރާރުކޮށް ދައްކަވާ ބޭފުޅެކެވެ. "ލާދީނީ" ބޭފުޅެއް ކަމަށް ވިދާޅުވެ ނަޝީދާ ދެކޮޅު ކޮންމެ ކެންޕެއިނެއްގައި އެންމެ ކުރިއަށް ނެރެނީ އެ ލަގަބެވެ. ވެރިކަމުގައި ހުންނަވައިގެން ހައްދުތަކާއި ދެކޮޅަށް ދައްކަވާފައިވާ ވާހަކަތަކާއި ޑެންމާކަށް ވަޑައިގެން ދީނުގެ އަސްލުތަކާއި ހިލާފަށް ދެއްކެވި ވާހަކަތަކާއި ލާދީނީ ހަރުކަށި ޖަމާއަތްތަކުގެ ދިފާއަށް ކުރައްވާ މަސައްކަތްތަކުގެ ހަނދާންތައް އައުކޮށްދީ ނަޝީދުގެ ހަގީގީ ސިފަ ރައްޔިތުންނަށް ހާމަކޮށްދޭން ލައްކަ މަސައްކަތް ކުރެއެވެ.

މިއީ އެމްޑީޕީ އާއި ޕީޕީއެމް އަދި ރައީސް ނަޝީދު އާއި ރައީސް ޔާމީންގެ މެދުގައި ހުރި ބައެއް ބޮޑެތި ތަފާތުތަކެވެ. މި ހުރިހާ ތަފާތުތަކެއް ވަނިކޮށް މިހާރު އެ ދައްކަވަނީ އެކުގައި މަސައްކަތް ކުރައްވާ ވާހަކަ އެވެ. ގައުމަށް ހަމަޖެހުން އަދި ސަލާމަތް އޮތް ހަމައެެކަނި ގޮތަކީ އެއީ ކަމަށެވެ. ރައީސް ޔާމީނަށް ޕީޕީއެމަށް އަމާޒުކޮށް ރައްޔިތުން ކުރިމަތީ ދެއްކި ހުރިހާ ވާހަކަތައް ހަނދާން ނެތޭ މިންވަރަށް މި ސަރުކާރު ގޯސްވެއްޖެ އެވެ. ސަރުކާރުން ރަނގަޅަށް ކުރާ އެއްވެސް ކަމެއް ނެތީ އެވެ. ސަރުކާރާއެކު މަސައްކަތް ކޮށް ދެވޭނެ ރަނގަޅު އަމާޒެއް ނެތް ހިސާބަށް ޅަ ދުވަހުން ފެށިގެން އެކުވެރި ރައީސް ސޯލިހްގެ ހާލަތު ގޯސްވެ ނުބައިވީ އެވެ. އެހެން ނޫންނަމަ ދެން އެކުގައި ނުހުންނެވޭނެ ކަމަށް މިހާ ސާފުކޮށް ރައީސް ނަޝީދު އިއުލާނު ނުކުރައްވާނެ ނޫން ހެއްޔެވެ؟ އަދި ބޮޑެތިހާ ނުބައި ތުހުމަތު ކުރައްވަމުން އައި އިދިކޮޅު ލީޑަރު ކުއްލިއަކަށް ރަނގަޅުވެ ގައުމު ސަލާމަތް ކުރެވެން އޮތީ އެ ދެ ވެރިން ގުޅި "ހިތާ ހިތުގެ ގުޅުމެއް" އުފައްދައިގެން ކަަމަށް ނުބުނާނެ އެވެ.

ދެ ކަމެއްގައި އިދިކޮޅުގެ އެހީތެރިކަން ނަޝީދު ބޭނުންފުޅު ވެއެވެ. އެއް ކަމަކީ ވެރިކަމުގެ ނިޒާމު ފުރޮޅާލެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތެވެ. ދެން ހަރުކަށި ފިކުރުން ގައުމު ސަލާމަތް ކުރުމެވެ. އެކަމުގައި އެހީތެރި ކަމަށް އެދެން އެމަނިކުފާނު ހުންނެވީ ތައްޔާރަށެވެ. އެކަން ސާފުކޮށް ވިދާޅުވެއްޖެ އެވެ. އަދި އެ ކަމުގައި އިދިކޮޅު ލީޑަރާއި ޕާޓީގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވަ އެވެ.

ނަމަވެސް ނަޝީދާއެކު ޔާމީން އެކުގައި މަސައްކަތް ކުރާނެ ފޯމިއުލާއެއް ފެންނާކަށް ނެތެވެ. އަދި އެމްޑީޕީ އާއި ޕީޕީއެމް ދުވަހަކުވެސް އެއް މިސްރާބަކަށް ދަތުރު ކުރާނެ ދުވަހެއް އެއީ ނެތް ދުވަހެކޭ ބުނެވޭހާވެސް ދެ ޕާޓީގެ ވިސްނުމާއި ފަލްސާ ތަފާތެވެ. އެކަން އެ ނޫން މަގަކުން ހިނގާނަމަ ނުވަތަ ހިނގަައިފި ނަމަ ދެ ކަމެއް ޔަގީނެވެ. އެއް ކަމަކީ ރައީސް ނަޝީދު ކުރީން ދެއްކެވި ހުރިހާ ވާހަކަތަކަކީ ދޮގު ވާހަކަތަކަށްވުމެވެ. ނުވަތަ އެ ވާހަކަތައް ދޫކޮށްލައްވާ މުޅީން އެހެން ބޭފުޅެއްގެ ގޮތުގައި ސިޔާސީ މަސައްކަތް ފެއްޓެވުމެވެ.

އިންޑިއާ އާއި ހުޅަނގު ގޯސްވެ ރައީސް ޔާމީންގެ ފޭވަރުޓް ޗައިނާ ރަނގަޅުވާނެ އެވެ. ހަރުކަށި ފިކުރަށް ޕީޕީއެމް ތާއީދު ކުރާ ކަމަށް ކުރެއްވި ތުހުމަތު ނެތިގޮސް އެ ފިކުރު ނެތް ހަމަ އެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށްވާނެ އެވެ. އަދި އެމްޑީޕީން ފެށުނީއްސުރެ ގެންގުޅެމުން އައި ޕީޕީއެމް ގަބޫލު ނުކުރާ ސިފަތައް ދޫކޮށްލައްވާ ޕީޕީއެމްގެ ފިކުރާއި އުސޫލުތައް ގަބޫލު ކުރައްވާނެ އެވެ. 

ދެން އޮތީ ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ކޮންމެ ކަމެއްވެސް ކުރެއްވުމެވެ. ބޭނުންވާ ކަމެއް ހާސިލު ކުރެއްވުމަށްޓަކައި ގަބޫލު ކުރައްވަމުން އައި ހުރިހާ އުސޫލުތަކެއް ދޫކޮށްލައްވާ ދުވަހަކު ވެސް އެކުގައި މަސައްކަތް ނުކުރައްވާނެ ބޭފުޅުންނާއެކު މަސައްކަތް ކުރެއްވުމުވެ. މިއީ މިހާރު ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު އެންމެ ގާތް ގޮތެވެ. ރައީސް ޔާމީން އެ ހުންނެވީ ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަަތުމަށް މިހާރު އޮތް ހުރަސްތައް ކޮންމެ ގޮތަކުން ވެސް ނައްތާލެއްވުމަށް ބޭނުންފުޅުވެފަ އެވެ.

އެމަނިކުފާނުގެ ވަށާލައިގެން އޮތް ދެ ޕާޓީން ވެސް ރައީސް ޔާމީންގެ މިނިވަންކަމާއި ސިޔާސީ ކުރިމަގަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ އެވެ. ރައީސް ނަޝީދު ޖަލުގައި ބަންދުން ގޭ ބަންދަށް އަދި ގޭ ބަންދުން އިނގިރޭސިވިލާތުގެ މިނިވަން ޖައްވަށް ވަޑައިގަަތުމަށް ހެއްދެވިހާ "ޑީލް" ތައް ޕީޕީއެމާއި އެމްޑީޕީއަށް ވަރަށް ސާފު ވާނެ އެވެ. އެހެންވީމަ ނަޝީދު މިހާރު ހިންގަވަނީ އެ މަގުން ކަމަށް ބެލެވެއެވެ. އެމަނިކުފާނު ބޭނުންފުޅުވާ އެޖެންޑާއެއް ހާސިލު ކުރެއްވުމަށް ރައީސް ޔާމީން މިނިވަން ކުރައްވަން ޕްރެޝަރު ދެއްވަން އެ ހުންނެވީ ތައްޔާރަށެވެ. އެކި ގޮތްގޮތުން އެކި ވާހަކަތައް ދައްކަވައިގެން އެ ދެއްވަނީ އެ ސިގުނަލެކެވެ. ދާދި ފަހުން އޮތް "އާސްކް ސްޕީކާ" ގައި ހުރިހާ ސިޔާސީ ލީޑަރުންނަށް އިންތިހާބުތަކުގައި ބައިވެރިވެވޭނެ ކަމަށް އެ ވިދާޅުވީ އެހެން ވެގެނެވެ. އަދި މިއަދު އެ ހުންނެވީ ޕީޕީއެމް / ޕީއެންސީގެ އިސްވެރިންނާއެކު ވަޓްސްއަޕް ގުރޫޕް ހައްދަވައިގެން ކޮޅެއް ފެނިވަޑައިގަންނަވާތޯ މަޝްވަރާގަ އެވެ.

ކޮންމެ އަކަސް މިހާރު މި އަންނީ ސިޔާސީ ވަރުގަދަ ފުރޮޅުކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. އެ ފުރޮޅުން ފެށޭނީ ރައީސް ނަޝީދު އާއި ރައީސް ޔާމީން އެކުގައި މަސައްކަތް ކުރެއްވުމުން ކަމުގައިވާނަމަ އެކަން އަދި ވާނީ މާބޮޑު ފުރޮޅުމަކަށެވެ. އެކަމުން ރައްޔިތުންނަށް ވަރަށް ސާފު މެސެޖެއް ލިބޭނެ އެވެ. ދެ ލީޑަރުން އެ ލީޑަރުން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތުތައް އެއީ އެއްވެސް އެއްޗެއް ނޫންކަން ބުނެދީ އެކަންކަން ދޫކޮށްލައްވައިފި ކަމެވެ. އަދި ސިޔާސީ ކުރިމަގު ހޯދާ ވެރިކަމަށް ވަޑައިގަތުމަށް ކޮންމެ ފަދަ ކަމެއްވެސް ކުރައްވާފާނެ ކަމެވެ. އެހެން ނޫންނަމަ ކުރީގެ ދެ ރައީސުންނަށް މިއިން އެއްވެސް ކަމެއްގައި އެކުގައި މަސައްކަތް ކުރެއްވޭނެ އެއްވެސް ފޯމިއުލާއެއް ނޯންނާނެ އެވެ. ހޯދާކަށް ލާހިކު ކުޅަދާނައެއް ވެސް ނޫނެވެ.