ޕޮލިޓިކްސް

ސިޔާސީ ގަދަ ވިއްސާރައެއްގެ އިޝާރާތް

ޖޫންޖުލައިގެ ދުވަސްތަކަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. ގަދަ ވިއްސާރައިގެ ދުވަސްތަކެކެވެ. ނަމަވެސް އެހެން ފަހަރުތަކާއި މިފަހަރު ހިސާބެއްގެ ތަފާތެއް އެބަ ހުއްޓެވެ. މޫސުމަށްވުރެ ރާއްޖޭގެ ސިޔާސީ މަސްރަހުން ނަގާ ވިލާގަނޑު ކަޅުވެފައި ވިއްސާރަ ގަދަވެ، ވާރޭ ބޯވާނެ ކަމަށް މިވަނީ ބެލެވެން ފަށާފަ އެވެ. ޔަގީނުން ވެސް "ސިޔާސީ ގުގުރި" އާއި "ސިޔާސީ ވިދުވަރު" ރޭ އަތުވެއްޖެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވަމުން ގެންދަވާ "އާސްކް ސްޕީކާ" ގައި ސިޔާސީ ގަދަ ވިއްސާރައެއް ރާއްޖެއާ ލައިގަންނަ ކަމުގެ އިޝާރާތް އާއިރު ލަފާ ކުރާ މީހުންނަށް ވަނީ ހިސާބެއް ޖަން ފުރުސަތު ހުޅުވައިދީފަ އެވެ. އިހަށްވެސް ރައީސް ނަޝީދު ވިދާޅުވަމުން އައި ވެރިކަމުގެ ނިޒާމު ބަދަލު ކުރެއްވުމާއި އަލުން ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ އުންމީދުގެ ވާހަކަތައް ވަރަށް ބޮޑަށް ރޭ ތިލަ ކުރައްވައި ވައި ބާރު ކޮށްލައިފި އެވެ.

އަމިއްލަފުޅު އުމުރަށާއި ކަންކަން ހިނގާފައިވާ ގޮތަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ރޭ ވިދާޅުވި ގޮތުގައި އެމަނިކުފާނު ހުންނެވީ ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. ހުންނެވީ ވެރިކަމުގެ އުންމީދުގަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ފުރޮޅައިލައްވާ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަށް ކުރައްވާ އުންމީދު ދުލެއް ނުކުރައްވާނެ އެވެ. އެ އުންމީދު ހާސިލުކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަައޮތް ކަމަށް ގަބޫލު ކުރައްވަ އެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުން ނިޒާމު ބަދަލު ކުރުމުގައި ދާންވާނީ ރައްޔިތުން ގާތަށް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއް ފަހަރަށްވުރެ ގިނަ ފަހަރު ވާހަކަފުޅު ދެއްކަވާފައިވީނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުުރަން އޮތް މަސައްކަތުގައި ރައީސް ސޯލިހަކީ ހުރަހެއް ނޫނެވެ. އަދި ނަޝީދު ކުރައްވާނަ ބޭނުންފުޅުވެ ވަޑައިގަންނަވާ މަަސައްކަތްޕުޅާ ދެކޮޅަށް ފާޅުގައި ރައީސް ސޯލިހް މަސައްކަތް ނުކުރައްވާނެ އެވެ. ކުރައްވަން ކެެރިވަޑައިގަންނަވާނެ ކަމަށް ހީފުޅުވެ ވަޑައެއްވެސް ނުގަންނަވަ އެވެ. އެހެންވެ އެ މަނިކުފާނަށް "ހައެއްފަހެއް" ގައި ދިން ހަމަލާއިން ގަދަވެގެން އެނބުރި މާލެ ވަޑައިގަތުމުގައި އޮތް ދައްޗެއް ފިޔަވައި ހުންނެވީ މާބޮޑު އުދަނގުލެއް ނެތް ފަސޭހަ މަގެއްގަ އެވެ.

"ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއީ [ބަރުލަމާނީ ނިޒާމަކަށް] އޮތް ހުރަހެއް ނޫން،" ނަޝީދު ރޭ ވިދާޅުވި އެވެ. "އަދި މިވަގުތުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަަށް އެންމެ އިހުލާސްތެރި މީހަކީ އަޅުގަނޑު،"

ރައީސް ނަޝީދު އެހެން ވިދާޅުވާއިރު ރައީސް ސޯލިހުވެސް ހުންނެވީ ދޫ ކުރައްވާ ގޮތަށް ނޫން ކަމަށް ހަމަ ޔަގީން އެކައުންޓްތަކުން ރާއްޖޭގެ ނޫސްވެރިންނަށް ކަށަވަރުކޮށްދެ އެވެ. އަދި ދޭބޭފުޅުން ތިއްބެވީ ސިޔާސީ ގޮތުން ރަނގަޅަށް "ލެޑި" ފައިކަން ފެންނަ މަންޒަރާއ އިވޭ އަޑާއި ކަން ހިނގައިދާ ގޮތުން ހަމަ ސާފެވެ. އަނެއްކޮޅު ރައީސް އޮފީހުގެ ތަރުޖަމާނު ބޭނުން ކުރައްވައިގެން 10 އަހަރުގެ ފުރިހަމަ ދައުރަކުން ނޫނީ ރައީސް ބޭނުންވާ ތަރައްގީ ނުގެނެވޭނެ މެސަޖާކު ނުސީދާ ގޮތެއްގައި 2023 ގައި ސިޓިން ޕްރެޒިޑެންޓްގެ ގޮތުގައި ވެރިކަމަށް ކުރިމަތި ލައްވާނެ ކަމުގެ އިޝާރާތް ވަނީ ދެއްވާ އެވެ.

"ރައީސް ސޯލިހު ހުންނެވީއަކީ ދޫ ދެއްވާ ގޮތަކަށް ނޫން. އެމަނިކުފާނު ރައީސް ނަޝީދަކަށް ވެސް ދުލެއް ނުދެއްވާނެ އަދި ރައީސް ޔާމީން ވާދަ ކުރުމުގެ ފުރުސަތެއް ތަނަވަސްވެގެން އައުމަށް ވެސް ފުރުސަތެއް ނުދެއްވާނެ، އެ މަނިކުފާނު ހުންނެވީ އިތުރު ފަސް އަހަރެއް ނަންގަވަން ބޭނުންފުޅުވެ ވަޑައިގެން އެގޮތަށް ނިންމަވައިގެން" އެމްޑީޕީ އާއި ކޯލިޝަން ޕާޓީތަކާއިވެސް ކައިރި ރަނގަޅު ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި "ރެޑްކާޕެޓްގެ ލައްޒަތު" ރައީސް ސޯލިހަށް ވެސް ލިބި ވަޑައިގެންފި އެވެ. އަދި ކޮވިޑާ ގުޅިގެން އެމަނިކުފާނު ފުރަތަމަ ދައުރަށް އައި ހީނަރު ކަމުގެ ސަބަބުން ވެސް ދޫދެއްވާކަށް ބޭނުންފުޅުވެ ވަޑައެއް ނުގަންނަވާނެ އެވެ.

"ރައީސް ސޯލިހު ދެވަނަ ދައުރަކަށް 2023 ގައި ކުރިމަތި ނުލައްވާނަމަ ދައުރު ދެބައިބާއިރު ކޯލިޝަނާއެކު ނުހުންނަވާނެ. އަދި ރައީސް ޔާމީން ހައްޔަރަކު ނުހުންނަވާނެ،" އޭނާ ވިދާޅުވި އެވެ.

މި އަންނަ ސިޔާސީ ވިއްސާރައިގައި އެންމެ ބޮޑު ރަށް ގުޑުމަކަށް ވާނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަކަށް ފުރޮޅައިލާން ރައީސް ނަޝީދު ކޮނޑު ވިއްދަވައި މުޅިރާއްޖެއަށް އެ މަނިކުފާނުގެ ޓީމުން ޕްރޮޕަގޭޑް ކޮށްލައްވާނެ ކެމްޕޭނެވެ. އެ މަސައްކަތުގައި އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެއްބާރުލުން ރައީސް ނަޝީދަށް އެބައޮތް ކަމަށް އެމަނިކުފާނު އެބަ ވިދާޅުވެ އެވެ. ރޭ ދެއްކެވި ވާހަކަފުޅުގައި ވެސް އެ އުންމީދު ކުރައްވާ ކަމަށް ވަރަށް އިތުބާރާއެކު ދެ ފަހަރަކު ވިދާޅުވި އެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން މި މަގުން ކަންތައްތައް ކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. ރައްޔިތުންގެ މަޖިލީހުން ނިންމާނީ ބޮޑުވަޒީރަކީ ކޮން ބޭފުޅެއް ކަމަށް. އެ ނިންމުމުގެ ތެރޭގައި އަޅުގަނޑުގެ ނަން ހިމެނުމަށް އެދޭނަން. އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުން ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ،"

މިއަންނަނީ ގަދަ ވިއްސާރައިގެ ރޯޅިއެވެ. ރައީސް ނަޝީދު ގަބޫލުފުޅު ކުރެއްވިޔަސް ނުކުރެއްވިއަސް މި ގަދަ ވިއްސާރައިގެ ބާރު ގުގުރުމާއެކު އަންނަ ބޯ ވާރެއިން އެމްޑީޕީގައި ދިޔަ ބޮޑުވާނެ އެވެ. އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ޕީޕީއެމާއި ކޮންގްރެސް ޕާޓީން ވެހޭ ތަނުގައި ފެންނަގާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު

ގޮތްތަކެއް މެދުވެރި ވެގެން ރައީސް ސޯލިހް ވެރި ކަމަށް ވަޑައިގެންނެވި ހިސާބުން ނިޒާމް ބަދަލު ކުރުމުގެ ވާހަކަ ރައީސް ނަޝީދު އެހެން ހަރުފަތަކަށް ގެންދެވި އެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި އެ ކުޅުއްވި ޑްރާމާތަކަށް ފަހު މަޖިލީހުގެ ރިޔާސަތަށް ވަޑައިގެން އަނެއްކާ އާ ހަރުފަތަކަށް އެ ބަހުސް ގެންދެވި އެވެ. އަދި މި އަހަރުގެ ކުރީކޮޅު ރައީސް ސޯލިހަށް މެސެޖަކުން އެކަން އެންގެވި އެވެ. ބޮޑުވަޒީރުކަން ބޭނުންފުޅުވެ އެވެ. ނިޒާމު ބަދަލު ކުރަން މަޝްވަރާ ކުރައްވަން ބޭނުންފުޅުވެ އެވެ.

ނަޝީދު ބޭނުންފުޅުވާ ގޮތަކީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބެއް ނުބޭއްވުމެވެ. އަދި 2023 ގެ ފެބްރުއަރީގައި ނިޒާމް ފުރޮޅާލައި އޭގެ ފަހަށް 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ހޮވާނީ އެވެ. އެއީ ރައީސް ސޯލިހު ނޫން ބޭފުޅަކަށްވެސް ވެދާނެ އެވެ. ގައިމުވެސް އޭރަށް ބޮޑު ވަޒީރަކީ ރައީސް ނަޝީދަށް ވާނެ އެވެ.

ނަޝީދުގެ ދެއްވާ އެ މެސެޖަށް ތަރުޖަމާން މެދުވެރިކުރައްވާ ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތުގައި ނިޒާމު ބަދަލު ކުރުމަކީ އެމަނިކުފާނަށް އޮތް ބާރެއް ނޫނެވެ. އެކަން ކުރާން ވެއްޖެކަމަށް ފެނިއްޖެނަމަ ރައްޔިތުން އެމީހުންގެ ވޯޓުން އެކަން ކުރާނެ އެވެ.

ނިޒާމު ބަދަލު ކުރުމުގެ މަސައްކަތަށް އޮތީ ފަސޭހަ މަގެއްގައި ކަމަށް ރައީސް ނަޝީދު ޕަބްލިކްގައި ވިދާޅުވަމުން ގެންދެވިޔަސް އެކަމަށް ލާހިކު ފަސޭހަ މަގެއް ނެތެވެ. ކިތަންމެ މޮޅަށް ކިތަންމެ ވަރުގަދަ ކޭމްޕޭނެއް ރަނގަޅަށް ފައިސާ އޮއްސައިގެން ކުރިޔަސް އެކަން އަދި އެހާ ފަސޭހައެއް ނުވާނެ އެވެ. ރައީސް ނަޝީދަށް ވެސް ސާފުކޮށް އެކަން އެނގިވަޑައިގަންނަވާނެ އެވެ.

ދެވަނަ ދައުރެއްގެ ވާހަކަ ރައީސް ސޯލިހް ސާފުކޮށް ވިދާޅުނުވެ އެ ހުންނަވަނީ ދެން ވާނެ ގޮތެއް މުޅީން ޔަގީން ނުވާތީކަން ވެސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އެވެ. އަދި ދެވަނަ ދައުރެއް އެމަނިކުފާނު އިންތިހާއަށް ބޭނުންފުޅުވާކަން ވެސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އެވެ. އެކަން އެނގިވަޑައިގަންނަވާތީ ސިޔާސީ "ދަންތުރަ" އެއްގެ ތެރެއިން ބަރުލަމާނީ ނިޒާމަަކަށް ފުރޮޅާލުމަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއްގެ ކަށަވަރުކަން އެންމެ ބޮޑު ގޮތްކަމަށް ވެސް ނަޝީދަށް އޮތީ ވިދާޅުވެވިފަ އެވެ. މިއީ ސިޔާސީ ކުޅި އެތުރުމުގައި ޒާތް އޮންނަ ގޮތެވެ.

ދެން އޮތީ 2023 ގެ އިންތިހާބާ ހަމައަށް ނިޒާމު ބަދަލު ނުކުރެވިއްޖެނަމަ ކަން ކުރާނެ ގޮތެވެ. އެއީ އެކަން ހިނގާނެ ވެސް ގޮތެވެ. މި ވިއްސާރަ ގަދަ ސިޔާސީ ވިއްސާރައަކަށް ވަނީވެސް އެހެން ވެގެނެވެ. ފުރަތަމަ އޮތީ ރައީސް ސޯލިހަށް ޕްރައިމަރީއަކާއި ނުލައި އެމްޑީޕީގެ ޓިކެޓް ލިބިދާނެތޯ ކުރެވޭ ސުވާލެވެ. އަދި އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވާނަމަ ރައީސް ނަޝީދުގެ ތާއީދު ދެއްވާނެތޯ އޮތް ސުވާލެވެ. މި ދެ ސުވާލަށް ޖަވާބުދޭން ކިތަންމެ ފަސްޖެހިވަޑައިގެންނެވި ނަމަވެސް އިނގިރޭސިވިލާތުގެ "މިނިވަން ޖައްވު" ގައި ހުންނަވާ އެ ސުވާލުތަކަށް ޖަވާބު ދެއްވަން ރައީސް ނަޝީދަށް ވަރަށް ފަސޭހަފުޅުވެއްޖެ އެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވުމުގެ ހިޔާލުފުޅެއް ފިކުރުފުޅެއް ވެސް ނަޝީދުގެ ނެތެވެ. ސީދަލަށް ރޭ ވިދާޅުވި ގޮތުގައި ނިޒާމު ބަދަލު ނުކުރެވިއްޖެނަމަ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ޕްރައިމަރީންނެވެ. އެ ޕްރައިމަރީއަށް މިހާރުވެސް ހުންނެވީ ތައްޔާރު ވެގެނެވެ. ޕްރައިމަރީގައި ވާދަކުރައްވަން ހުންނެވީ ނިންމަވައިިގެނެވެ. އަދި ޕްރައިމަރީން ކާމިޔާބު ހޯއްދަވާ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީވެސް އެމަނިކުފާނެވެ. އެހެންވީމަ ހުރިހާ ކަމެއްވެސް މިހާރު ވަރަށް ސާފެވެ.

"ދެހާސް ތޭވީހުގައި ރިޔާސީ އިންތިހާބެއް އޮންނަނަމަ އަޅުގަނޑު ވާނީ އެމްޑީޕީގެ ކެނޑިޑޭޓަށް،" ރައީސް ސޯލިހް ކުރިމަތިލައްވައިފިނަމަ ތާއީދު ކުރައްވާނަންތޯ ދެންނެވުމުން ވަރަށް ސާފުކޮށް ރައީސް ނަޝީދު ރޭ ޖަވާބު ދެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމުގެ ވާހަކަ އެމްޑީޕީގައި މުޅީން ދައްކަވަނީ ވެސް އެމަނިކުފާނެވެ. ދެވަނަ ދައުރެއްގެ ވާހަކަ ރައީސް ސޯލިހް ނުވެސް ދައްކަވަ އެވެ. އެހެންވީމަ އެމަނިކުފާނުގެ އެ މަސައްކަތްޕުޅަށް ހުރަހެއް ނެތެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅުގަނޑުގެ ކައިރީގައި އެންމެ ފަހަރަކުވެސް ވިދާޅުވެފައެއް ނުވޭ އިތުރު ދައުރަކަށް އެބޭފުޅާ ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ކަމަކަށް. ދެން އަޅުގަނޑު އެދޭ ވާހަކަ މިދަނީ ތަކުރާރުކޮށް ދަންނަވަމުން. އަޅުގަނޑު ހިތުން ދިވެހިރާއްޖޭގެ ސިޔާސީ ކަމަަކާއި ގުޅޭގޮތުން ވިސްނުން ހިންގާ އެއްވެސް ބޭފުޅަކަށް 'ޝޮކަކަށް' ހައިރާން ކަމަކަށް ނުވާނެ އަޅުގަނޑު ރާއްޖޭގެ ރިޔާސީ އިންތިހާބެއްގައި ބައިވެރިވާން އުޅެގެން އެއީ ހައިރާން ކަމެއްގެ ގޮތުގައެއް. އެފަދަ ހައިރާން ކަމެއް މީހަކަށް ލިބިދާނެ ކަމަކަށް އަޅުގަނޑު ނުދެކެން،"

ރައީސް ނަޝީދުގެ މި ވާހަކަތަކަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ ވައި މުޅީން އެހެން ގޮތަކަށް ބަދަލުވެ ސިޔާސީ ގަދަ ވިއްސާރައެއްގެ ތެރެއަށް ދާނެ ވާހަކަތަކެކެވެ. ސޯޅަ އަހަރުގެ ފަހުރުވެރި ތާރީހެއް އޮތް އެމްޑީޕީއަށް ސިޔާސީ ގޮތުން ބޮޑު ހިލުންގަނޑެއް އަންނާނެ ވާހަކަތަކެކެވެ.

ރައީސް ސޯލިހް އެ ގެންދަވަނީ ސިޔާސީ ހަޔާތްޕުޅުގައި މުޅީން އާ ސޮފްހާތަކެއް ލިޔުއްވަމުންނެވެ. އެމަނިކުފާނުގެ އިތުބާރު އޮތް ބައެއް ބޭފުޅުންގެ ވާހަކަތަކުން އެނގޭ ގޮތުގައި ސިޔާސީ މަސައްކަތާއި ދުރަށް ވަޑައިގެންނެވުމުގެ ހިޔާލުފުޅެއް އެމަނިކުފާނުގެ ހަމަ ނެތެވެ. އޮތީ ކުރިއަށް ވަޑައިގަތުމުގެ ވިސްނުން ފުޅެވެ. ދެވަނަ ދައުރެއްގެ ވާހަކަ ޕަބްލިކަށް ނުގެންނެވި ނަމަވެސް އެތެރޭގައި އޮތީ އެ މަސައްކަތެވެ.

އެެހެން އެކަން ހިނގަނީ ރައީސް ނަޝީދާއެކު "ސިޔާސީ ހަނގުރާމައަކަށް" ނުކުންނަން ޖެހިވަޑައިގަންނަވާތީ އެވެ. ދެވަނަ ދައުރެއް ރައީސް ސޯލިހަށް ދެއްވަން ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައި ނުގަންނަވާނެކަން އެމަނިކުފާނަށް ޔަގީންވެ ވަޑައިގަންނަވާތީ އެވެ. އެންމެ ގާތް، އެންމެ އިތުބާރު ކުރައްވާ އެކުވެރިޔާއަށް ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަން ދެއްވަން އެދިވަޑައިގެން ފޮނުއްވެވި މެސެޖް އާންމުވީ ވެސް އެހެން ވެގެނެވެ. އަދި ރީކޯ މޫސާ މަނިކު ފަދަ އެމްޑީޕީ އާއި ފެއަށް ޖެހިވަޑައިގެންނެވި ބޭފުޅުން ޓީވީތަކަށް އަރުވައިގެން ރައީސް ނަޝީދުގެ އެ މެސެޖަށް ޖޯކް ޖައްސަވާ އެމަނިކުފާނުގެ "އަމިއްލަ އެދުންވެރިކަން" ހާމަ ކުރައްވަމުން އެ ގެންދަވަނީ އެ ރޭވުމުގެ ތެރެއިންނެވެ. އެއީ އިސްވެ ހަނގުރާމަ ނުފަށާން ރައީސް ސޯލިހް ދުރަށް ކޮއްޕާލައްވާ ކުޅިއެކެވެ.

މިހާރު މި އޮތީ ހުރިހާ ކަމެއް ސާފުކޮށް ބޭރަށް ނެރެފަ އެވެ. ދެން އޮތީ ރަނގަޅަށް ހިސާބު ޖެހުމެވެ. އެހިސާބުން އެތެރޭން ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް ބޭރަށް ނުކުމެދާނެ އެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް ފަަހަށް މަޑުކުރަން ދެން މުއްދަތެއް ނެތެވެ. ދައުރު ދެބައިވެ ބާކީ އޮތީ ދެ އަހަރެއްހާ ދުވަހެވެ. އިންތިހާބުގެ ކެންޕޭން ފަށަން އަހަރެއްހާ ދުވަހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅުގަނޑުގެ ކައިރީގައި އެންމެ ފަހަރަކުވެސް ވިދާޅުވެފައެއް ނުވޭ އިތުރު ދައުރަކަށް އެބޭފުޅާ ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ކަމަކަށް. ދެން އަޅުގަނޑު އެދޭ ވާހަކަ މިދަނީ ތަކުރާރުކޮށް ދަންނަވަމުން. އަޅުގަނޑު ހިތުން ދިވެހިރާއްޖޭގެ ސިޔާސީ ކަމަަކާއި ގުޅޭގޮތުން ވިސްނުން ހިންގާ އެއްވެސް ބޭފުޅަކަށް 'ޝޮކަކަށް' ހައިރާންމަކަށް ނުވާނެ އަޅުގަނޑު ރާއްޖޭގެ ރިޔާސީ އިންތިހާބެއްގައި ބައިވެރިވާން އުޅެގެން އެއީ ހައިރާން ކަމެއްގެ ގޮތުގައެއް. އެފަދަ ހައިރާން ކަމެއް މީހަކަށް ލިބިދާނެ ކަމަކަށް އަޅުގަނޑު ނުދެކެން
މުހައްމަދު ނަޝީދު | ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް

ޑީއާރުޕީ އާއި ޕީޕީއެމްއަށްވީ ގޮތް އެމްޑީޕީއަށް ނުވި ނަމަވެސް އެމްޑީޕީއަށްވުރެ ގިނައިން އެތެރެއިން ހިލުނު އައި ޕާޓީއެއް ނޯންނާނެ އެވެ. ނަމަވެސް ރައީސް ނަޝީދަށް އޮތް ވަރުގަދަ ތާއީދާއި އެމަނިކުފާނަށް މެންބަރުންގެ އޮތް އިތުބާރާއި ލޯބިން އެއިން ކޮންމެ ހިލުމެއް ވެސް މައިތިރި ކޮށްލަނީ އެވެ. ޕާޓީގައި ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކަށް އެ މަގާމުގައި ވެސް އަދި އެމްޑީޕީގައި ވެސް ހުންނެވޭ ގޮތް ނުވިއެވެ. ޗެއާޕާސަންގެ މަގާމު ފުރުއްވި ބޭފުޅުންގެ ތެރެއިން ސަލާމަތުން ހުންނެވީ މާރިޔާ ދީދީ އާއި މިހާރުގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެކަން އެެކަން އޮތީ އެއީ ރައީސް ނަޝީދަށް ފުރިހަމަ ވަފާތެރި ކަމުގައި ދެމި ހުންނެވީމަ އެވެ. އެނޫންނަމަ އެއިން ބޭފުޅަކަށް ވެސް ކުރިއަށް ވަޑައިނުގެންނެވުނީހެވެ.

މިފަހަރު މި އަންނަނީ ގަދަ ވިއްސާރައެކެވެ. އެހެން ބުނަން ޖެހެނީ ރައީސް ސޯލިހް ވެރިކަމުގައި ހުންނެވުމުންނެވެ. ޕާޓީގެ ވަރުގަދަ އެތައް މެންބަރުންނެއް ސިޔާސީ މަގާމުތަކުގައި ތިއްބެވީމަ އެވެ. މަޖިލީހުގެ މެޖޯރިޓީ މެންބަރުން ރައީސް ސޯލިހަށް ތާއީދު ކުރައްވާތީ އެވެ. މިހާރު ކުރިއަށްދާ ގައުމީ މަޖިލީހުގެ ބައްދަލްވުންތަކުގައި ރައީސް ސޯލިހްގެ ވަފާތެރިން "ހައްޕު" ކިޔައިގެން ތިއްބަވާ ތިއްބެވުމުން އެކަން ހާމަވެއެވެ. އަނެއްކޮޅު ސަރުކާރަށް ނަތީޖާ ނުނެރެވި އިންތިހާބަކަށް ދާއިރު ޕީޕީއެމްގެ ވޯޓިން ޕަވާއިން ދޭނެ "ހަމަލާ" ވަރަށް ވަރުގަދަވާނެ އެވެ. އެތަން ކައުންސިލް އިންތިހާބުން ވެސް ފެނިއްޖެ އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 2023 ގެ އިންތިހާބާ ހަމައަށް ނިޒާމު ބަދަލު ކުުރުމުގެ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ އެކަން 2024 ގައި ވެސް ކުރެއްވޭތޯ ބައްލަވާނެ އެވެ. އެގޮތަށް ވެސް ނިޒާމީ ވޯޓް ނަގަން ޖެހޭ ކަމަށް ރޭވެސް ވިދާޅުވި އެވެ. އެހެންވީމަ އެކަމެެއް ހިނގާނެ ކަމަށް އެމަނިކުފާނު އެ އުންމީދު ކުރައްވާ 2023 ގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް އެމަނިކުފާނަށް ލިބިވަޑައިގެން އިންތިހާބުން ކާމިޔާބު ވުމަށް ފަހު އެވެ. މިއީ މި ވިއްސާރަ ގަދަވާނެ ސަބަބެެވެ.

ނަމަވެސް ސުވާލަކީ އެކަން އެމަނިކުފާނަށް ކުރެއްވޭނެތޯ އޮތް ސުވާލެވެ. ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމުން އެ ފުުރުސަތު ދެއްވައިގެން ތިއްބަވާނެ ހެއްޔެވެ؟ ޔަގީނަށް ވެސް އެ ފުރުސަތު ނުދެއްވައިފިނަމަ ވަރަށް ގިނަ ކަންކަން ހިނގާނެ އެވެ. ނަޝީދުގެ ހުށައެޅުމަށް މިހާރަށްވުރެ ފާޅުކޮށް "ނޫނެކޭ" ވިދާޅުވާނެ އެވެ. އަދި އެ މަސައްކަތްޕުޅަށް ފާޅުގައި ދެކޮޅު ހައްދަވާ އެކަންކަން ހުއްޓުވަން މަސައްކަތް ކުރައްވާނެ އެވެ. ޕާޓީގެ ބާރު ހޯއްދެވުމަށް ސިއްރުން ދެ ރައީސުން ކުރައްވާ މަސައްކަތް ހާމަކޮށް ވަރުގަދަ ކުރާނެ އެވެ. އެ މަސައްކަތުގައި މެންބަރުން ސާފުކޮށް ދެފަޅިއަށް އަރާނެ އެވެ. އަދި މެންބަރުންނާއި ލީޑަރުންގެ މެދުގައި ހޫނު ބަހުސްތައް ހިނގާނެ އެވެ.

ސިޔާސީ މައިދާން ހަލަބޮލިކޮށްލާނެ އެހެން ކަންތައްތަކެއް ވެސް އެއާއެކު ހިނގާނެ އެވެ؛ އެންމެ ހާއްސައީ އެއީ އިދިކޮޅު ލީޑަރު ކަން ކުރައްވާނެ ގޮތެކެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ މަސައްކަތްޕުޅަށް ރައީސް ޔާމީނާއި ޕީޕީއެމްގެ ތާއީދު ލިބޭނެ އެވެ. އަދި ރައީސް ޔާމީނަށް ދެރައެއް އަނިޔާއެއް ލިބިވަޑައިގަތުމަށް ކުޑަކޮށްވެސް ނޭދެމެވެ. އެއްވެސް އިންތިހާބަކުން ސިޔާސީ އެއްވެސް ލީޑަރަކަށް ފުރުސަތު ލިބިވަޑައިނުގެން ހުންނަވަން ވެސް ޖެހިވަޑައެއް ނުގަންނަވާނެ އެވެ. މިއީ ރައީސް ޔާމީނާއި އިދިކޮޅުގެ މެންބަރުން ވަރަށް އުފާވާނެ ވަރަށް ގަޔާވެސް ވާނެ ވާހަކަފުޅެކެވެ.

ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ކޮންމެވެސް ކަމަކާ ގުޅުވައި ޖަލުން ގޭ ބަންދުގައި ވެސް ބެހެއްޓުމުގެ ބާރު އޮތީ ސަރުކާރަށެވެ. ރައީސް ޔާމީނަށް ލުއި ދީ އެމަނިކުފާނު އެހެން ގޮތަކުން ވީއްލެވޭނެ ފަހިކޮށް މަގެއް ކޮށައިދެވޭން އޮތީވެސް ސަރުކާރަށެވެ. ޖުޑިޝަރީއަށް ނުފޫޒެއް ނޯންނާނެ ކަމަށް ބުނާ ވާހަކަ އެއް ފަރާތްކޮށް ކަމެއް ކޮށްލައިދޭން ވެން އޮތީ ސަރުކާރެވެ. ނަމަވެސް ސަރުކާރު އިސްވެ އެކަން ކުރައްވާނަމަ އެ ވާހަކަތައް ބޭރުވާނެ އެވެ. ސަބަބަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގައި މުޅީން އެހެން ޓީމެއް އޮތީމައެވެ.

އެހެންވީމަ މި ވިއްސާރައިގެ ތެރޭގައި އިދިކޮޅު ލީޑަރުގެ ދައުރަކީ ވެސް ވަރަށް އެހެން ކަހަލަ ވަރުގަދަ ދައުރަކަށް ވާނެ އެވެ.

އިނގިރޭސިވިލާތުގައި ހުންނަަވައިގެން ރައީސް ނަޝީދުގެ ރޭ އެ ދެއްވީ "ސިޔާސީ ގަދަ ވިއްސާރައެއްގެ އިޝާރާތެ" ކެވެ. މި ވިއްސާރައިގެ ގަދަ ކަމާއި ރަށް ގުޑުމުގެ "މެގްނެޓިއުޑް" ފޯކާސްޓްކޮށްލަން ސިޔާސީ ހިސާބު ޖަހާ ނޫސްވެރިންނަށް އަދި ދުވަސްކޮޅެއް ނަގާނެ އެވެ.