ރިޕޯޓް

އާ ފޮޓޯ ގަނޑުން ކުރަހައިދޭ މަންޒަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ބޮމުގެ ހަމަލާއަށްފަހު މިދިޔަ ފަސް މަހުގެ ތެރޭގައި އެތައް ކަމެއް ބަދަލުކޮށްލި އެވެ. ރައީސް ނަޝީދަށް ރައްކާތެރިކަން ލިބެންޖެހޭ ކަމާއި ސަރުކާރުން އެކަން އާދައިގެ ކަމަކަށް ހަދައި އެއްވެސް އަޅާލުމެއް ނެތް ކަމުގެ ކަމުގެ ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވި އެވެ. އެމްޑީޕީގެ އެތެރޭގައި އަނދައަނދާހުރި ސިޔާސީ ހުޅުގަނޑު ފަޅައިގެން ދިޔައީ ބަޔަކަށް ގަބޫލުކުރަން ވެސް ދަތިވާ ގޮތަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ހާމަކުރެއްވި އެވެ. އެއީ އެތައް ބަޔަކަށް ވަކިން ހާއްސަކޮށް އެމްޑީޕީގެ މެންބަރުންނަށް ކުއްލި ސިހުމެއް ގެނުވި ކަމެކެވެ. އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރެވިދާނެ ކަމަށް ވިދާޅުވެ އެކަމުގެ މަޝްވަރާތައް ފެއްޓެވުމަށް ވެސް ނަޝީދު ހުށަހެޅުއްވި އެވެ. އެފަދަ ހުށަހެޅުއްވުމެއް ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެނިގެން ދިއުމަކީ އެމްޑީޕީގެ މެންބަރުން ދުވަހަކު ވެސް ހީކޮށްގެން ތިބި ކަމެއް ނޫނެވެ. އެކަންކަމާ ގުޅިގެން މިދިޔަ ފަސް މަސް ދުވަހު އެންމެ ބޮޑު ޕްރެޝަރެއް އުފުއްލެވި ބޭފުޅަކީ ރައީސް ސޯލިހެވެ.

އަމިއްލަފުޅު ޕާޓީންނާއި އެންމެ ގާތް ރަހްމަތްތެރިޔާގެ ފަރާތްޕުޅުން ކުރިމަތިކުރި ޕްރެޝަރުގެ ސަބަބުން އެތައް ބަޔަކަށް ވިސްނިފައި އޮތީ ދުވަހަކު ވެސް ކައިރި ނުވެވޭ ވަރަށް ރައީސް ނަޝީދާއި ރައީސް ސޯލިހް ދުރުވީ ކަމަށެވެ. އެކަމަކު އިއްޔެ ވަނީ މުޅި މަންޒަރު ބަދަލުކޮށްލާފަ އެވެ. ހަމަލާއަށް ފަހު ރާއްޖެއިން ބޭރުގައި އުޅުއްވަމުން ގެންދެވި ރައީސް ނަޝީދު ފަސް މަސް ދުވަހަށް ފަހު އިއްޔެ މެންދުރުފަހު މާލެ ވަޑައިގަތީ ކުރު ދަތުރުފުޅެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

އެއާޕޯޓުން ރައީސް ނަޝީދަށް އެންމެ ފުރަތަމަ ވެސް މަރުހަބާ ވިދާޅުވީ ރައީސް ސޯލިހެވެ. މިއީ ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން ދެ ބޭފުޅުން އެގޮތަށް ބައްދަލުވި ފުރަތަމަ ފަހަރެވެ. ހަމަލާއަށް ފަހު ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން މުޅިން ކެނޑިފައިވީ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެއީ ކުށްހީއެކެވެ. ރައީސް ނަޝީދު ފްލައިޓުން ފައިބައިވަޑައިގަތުމާ އެކު ރައީސް ސޯލިހު ވަނީ ކޮނޑާކޮނޑު ޖައްސަވާ ހިނިތުންވުމާ އެކު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެފަ އެވެ.

ތާރީހީ އެ ވަގުތުކޮޅުގެ ދެ ފޮޓޯގަނޑު ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު އެވެ. ގިނަ ދުވަސް ތަކަކަށް ފަހު ރައީސް ނަޝީދު ހެޔޮހާލުކޮޅުގައި ހުންނެވި މަންޒަރުން ފެނިވަޑައިގެންފި ކަމަށް މަބްރޫކް ވިދާޅުވެފައިވެ އެވެ.

މަބްރޫކް ހިއްސާކުރެއްވި ދެ ފޮޓޯ ކުޑައިރުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި ދައުރު ވެގެން ދިޔަ އެވެ. ފޮޓޯގަނޑުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ކަމަށްވާ ރައީސް ސޯލިހާއި ރައީސް ނަޝީދު ޕްރޮމޯޓް ކުރުމުގައި އުޅޭ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށެވެ. އެއީ އެ ފޮޓޯގަނޑަކީ އެމްޑީޕީ ދެފަޅި ވެފައިވާ ކަމަށް ބުނަމުންދާ ފަރާތްތަކަށް ރައްދު ދިނުމަށް ބޭނުންކުރެވޭނެ ޖަވާހިރެއް ފަދަ ފޮޓޯ އަކަށްވާތީ އެވެ.

ފޮޓޯ ގަނޑުން އެމްޑީޕީގެ އިސް ބޭފުޅުންނަށް ލިބުނު ހިތްހަަމަޖެހުން ވެސް ކުޑައެއް ނޫނެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެމެދުގައި ހިޔާލުތަފާތުވުން ހުރި ނަމަވެސް އެއީ ވަކިވުމެެއް ނެތް ހިތާހިތުގެ ގުޅުމެއް ކަމަށް ޝުއޫރު ފާޅުކުރި ބޭފުޅުން އެއްބަސްވެ އެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ފަރާތްޕުޅުން އަބަދުވެސް ފެންނަން އެދެނީ އެ މަންޒަރު ކަމަށްވެސް އެތައް ބަޔަކު ބުނެފައިވެ އެވެ.

އެމްޑީޕީގެ އިސް ދެ ލީޑަރުންގެ ކޯޅުމާ ހެދި ނެގިމަޑުވެފައި އޮތް އެމްޑީޕީއަށް އާ ދިރުމެއް ގެނެސްދިން ފޮޓޯ އަކަށް އެ ފޮޓޯ ވެއްޖެ އެވެ.

ފިއުލް ސަޕްލައިން މޯލްޑިވްސްގެ އެމްޑީ މުހައްމަދު ގަސަމް ކުރެއްވި ޓްވީޓް

ފޮޓޯގެ ފުރަގަހުގައި ހިނގާނީ ކޮން ކަމެއް؟

ފޮޓޯ ގަނޑުގެ ފުރަގަހުން ދެން ހިނގާނެ ކަންކަމާ މެދު ވިސްނާނެ ބޭފުޅުން ވެސް މަދެއް ނުވާނެ އެވެ. ރައީސް ނަޝީދަށް ތާއީދުކުރާ ބަޔަކު އިސްވެ ތިބެ ގެންދަނީ 2023 ވަނަ އަހަރުގެ ކުރިން ވެރިކަމުގެ ނިޒާމު، ބަރުލަމާނީ އަށް ބަދަލުކުރުމަށް ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ. ރައީސް ނަޝީދު މާލެ ވަޑައިގެންފައި މިވަނީ ބަރުލަމާނީ ކެމްޕޭން އަތޮޅު ތެރެއަށް ފުޅާކުރުމުގެ ފުރަތަމަ މަރުހަލާ ފެއްޓެވި ވަގުތުގަ އެވެ.

ރައީސް ނަޝީދުގެ ދަތުރުފުޅާ އެކު އެ ހަރަކާތް އިތުރަށް ވަރުގަދަވެ މެކުހަށް ޖަހާނެ ކަމަށް ބެލެވެ އެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އިތުރަށް ހަރުދަނާކުރަންވީ ކަންކަމާއި ކުރިއަށް ނެރެންވީ އުކުޅުތަކުގެ އިރުޝާދު ސީދާ ނަޝީދުގެ ފަރާތްޕުޅުން ލިބޭނެ ކަމަށް ޔަގީންކުރެވެ އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު މިދިޔަ މަހު ނިންމާލިއިރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެމްޑީޕީގެ ތެރެއިން ސިޔާސީ މަސައްކަތް ކުރިއަށް ގެންދަން އެދޭ ކޮންމެ ބޭފުޅަކަށް ގައުމީ މަޖިލީހުގެ މެންބަރުންގެ ރުހުމާއި ތާއީދު މުހިއްމު ވެއެވެ. ރައީސް ނަޝީދުގެ ސިޔާސީ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމެވެ. އެ މަސައްކަތް ވަރުގަދަކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް އަލަށް ހޮވުނު ބޭފުޅުންގެ މަދަދާއި އެހީތެރިކަން އިންތިހާއަށް ބޭނުންވާނެ އެވެ. އެމަނިކުފާނާ ހިޔާލުތަފާތުވާ ކަމަށް ބެލެވޭ ބޭފުޅުންނާ ވާހަކަދައްކަވައިގެން އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކަށް އެ ބޭފުޅުންގެ ރުހުން ހޯދުމަށް އިސްކަންދެއްވާނެ ކަމަށް ޔަގީންކުރެވެ އެވެ.

ރައީސް ސޯލިހަށް ފޮޓޯ މުހިއްމު ވަނީ ކީއްވެ؟

ރައީސް ނަޝީދު މިދިޔަ ދުވަސްތަކުގައި ރާއްޖެ ވަޑައިނުގެން މަޑުކުރެއްވީ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފެދޭތީ ކަމަށް އެމަނިކުފާނު ގެންދެވީ ވިދާޅުވަމުންނެވެ. ރައީސް ނަޝީދަކީ ބައިނަލްއަގްވާމީ މައިދާނުގައި ގިނަ ބަޔަކު ފޮލޯކުރާ ނަން ހިނގާ ޝަހުސިއްޔަތެކެވެ. އެފަދަ ބޭފުޅަކު ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފައްދާނަމަ އެއީ ޓޫރިޒަމަށް ބަރޯސާވެފައި އޮތް ގައުމަކަށް ކުރިމަތިވާނެ މައްސަލަ އެކެވެ. އެހެންކަމުން ރައީސް ނަޝީދު މާލެ ވަޑައިގެންނެވި ވަގުތު ސަރުކާރުން ނަގާފައިބާ ފޮޓޯ އަކީ ރައްކާތެރިކަމާ ދޭތެރޭ އުފައްދާ ސުވާލަށް ޖަވާބު ދިނުމަށް ބޭނުންކުރާނެ ފޮޓޯ އެކެވެ.

ރައީސް ނަޝީދާ ގުޅޭ ކަންކަމަށް ސަރުކާރުން އަޅާނުލާ ކަމާއި ލުއިކޮށް ނަގާ ކަމަށް ބުނާ ޝަކުވާތަކަށް ވެސް ސަރުކާރުން ވަރަށް ފުރިހަމަ ޖަވާބެއް ދީފި އެވެ. ފުރަތަމަ ކަމަކީ ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވުމަށް ސީދާ ރައީސް ސޯލިހް އެއާޕޯޓަށް ވަޑައިގެންނެވުމެވެ. ތުހުމަތުތަކަށް ޖަވާބު ދެއްވުމަށް ރައީސް ސޯލިހު އިއްޔެ އެއާޕޯޓުގައި އެ ނެންގެވި ފޮޓޯ ފުރިހަމަ އެވެ. ރައީސް ނަޝީދުގެ ކަންކަމަށް އެމަނިކުފާނު އިސްކަން ދެއްވާކަން ޔަގީންކޮށްދެއްވައިފި އެވެ.

ރައީސް ނަޝީދުގެ އިއްޔެ މާލެ ވަޑައިގަތުމާ ދިމާކޮށް އެއާޕޯޓް ހައި ސެކިއުރިޓީ އަށް ގެނެސް ހުޅުލެއަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްލި އެވެ. މާލެ ވަޑައިގެން ރައީސް ނަޝީދު ދަތުރުކުރެއްވި މަގުތައް ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކުރި އެވެ. ރައީސް ނަޝީދުގެ މޮޓޯ ކޭޑުގައި ރައީސް ސޯލިހަށް ވެސް އެސްކޯޓް ނުކުރާ ވަރަށް ވެހިކަލް އެސްކޯޓް ކޮށްފައިވެ އެވެ. ރައީސް ނަޝީދު ހުންނެވި ހޮޓެލް ޖެންގެ ވަށައިގެންނާއި ހޮޓާ ތެރޭގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިހުރިހާ ކަމަކުން ސަރުކާރުން ޔަގީންކަން ދޭން ބޭނުންވީ ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ އެއްވެސް ކަމެއްގައި ފަރުވާ ކުޑަނުކުރާނެ ކަމެވެ. ދެން އޮތީ ދެފަޅިވެފައި އޮތް އެމްޑީޕީ އަށް އަތުވެދާނެ ބަދަލަށް އިންތިޒާރުކުރުމެވެ.