އެމްޑީޕީގެ ކޯޅުން

ހުސް ގެއްލުން؛ ރައީސް އަޅައިވެސް ނުލާ!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މެދު ގިނަ ބަޔަކު އެއްބަސްވާ ސިފަތަކެއް ހުރެ އެވެ. އެމަނިކުފާނުގެ މަޑުމައިތިރިކަމާއި ބަސް މަދުކަމެވެ. އަދި އެއީ ރަނގަޅު މުހިއްމު ސިފަ ތަކެކެވެ. އެކަމަކު ބަސްމަދު ކުރައްވާ ކޮންމެ ކަމެއްގައި ހަނު ހުންނެވުމަކީ އެއީ ވެރިޔަކު ކުރައްވަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ސޯލިހް އެޑްރެސް ކުރައްވަން ޖެހިވަޑައިގަންނަވާ ގައުމީ މައްސަލަތައް މަދެއް ނޫނެވެ. އަމިއްލަފުޅު ޕާޓީގެ މުސްތަގުބަލާއި ގައުމުގެ އެއްބައިވަންތަ ކަމަށްޓަކައި ރައީސްގެ ވިސްނުންފުޅު ވިދާޅުވެ ދެއްވަން ޖެހެ އެވެ. އެފަދަ މައްސަލަތައް އެބަހުއްޓެވެ. ސަރުކާރަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސީދާ ރައީސް ސޯލިހު އެކަމެއްގެ ހަގީގަތް ހާމަކުރައްވަން ޖެހޭ މައްސަލަތައް ހުންނާނެ އެވެ.

ވަރަށް ގިނަ މީހުން ބުނާ ގޮތުގައި ކަންކަން ލައިގަތުމުން އެ ވަގުތަކާއި ހާލަތާއި ކަމާ ގުޅޭގޮތުން މުނާސަބު ވަގުތުގައި ރައީސް ސޯލިހް ހަނުހުންނަވަ އެވެ. ގައުމީ އަދި ސިޔާސީ ގޮތުން ވަރަށް ނާޒުކު މައްސަލަތަކުގައި ވެސް ރައީސްގެ ފަރާތްޕުޅުން އެކަން ފެނިގެން ދެއެވެ. އެއީ ރައީސް ސޯލިހް ރަނގަޅު ކުރައްވަން ޖެހި ވަޑައިގަންނަވާ ކަމެކެވެ.

ރައީސް ސޯލިހް ނިސްބަތްވާ އަދި އިސް ލީޑަރުގެ ގޮތުގައި ހުންނެވި އެމްޑީޕީއަށް ވެސް މިހާރު ވަނީ މައްސަލަތަކަކާ ކުރިމަތިވެފަ އެވެ. ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަކާއި ރައީސް ސޯލިހުގެ ފެކްޝަނެއް އެބައޮތެވެ. ޕާޓީއަށް ދިމާވެފައިވާ ހާލަތަކީ ރައީސް ސޯލިހް، ޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވާ ހިޔާލު ހިއްސާ ކުރައްވަންޖެހި ވަޑައިގަންނަވާ ހާލަތެކެވެ.

އެމްޑީޕީގެ ސީނިއާގެ ފްރޮންޓްލައިން / މަގަތުސަފުގެ ބައެއް ބޭފުޅުން ގަބޫލުފުޅު ނުކުރެއްވި ނަމަވެސް ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑުވެ ޕާޓީ އޮތީ ވަރަށް ބޮޑަށް ދެބައި ވެފައެވެ. އެމްޑީޕީއަކީ ދިވެހި ރައްޔިތުންނެވެ. އެމްޑީޕީގެ މުސްތަގުބަލަށްޓަކައި ވެސް ރައީސް ސޯލިހް ލީޑަޝިޕް ދައްކަވަންޖެހެ އެވެ. އެއް ފަރާތްވެ ހުންނަވައި ޕްރޮކްސީތައް ކުރިއަށް ނެރުއްވައިގެން ކަންކަން ކުރެއްވުމުގެ މާނައެއް ނެތެވެ.

އެމްޑީޕީގެ ތެރެއިން އަންނަ ގިނަ ކަންކަމުގައި ރައީސް ސޯލިހު ހަނު ހުންނަވާއިރު އެމްޑީޕީގެ ރައީސް ނަޝީދުގެ ވާހަކަތައް އަބަދު ވެސް މީޑިއާގައި ސުރުހީ ހޯދަ އެވެ. ކޮންމެ ދުވަހަކީ ސަރުކާރާ ބެހޭ ގޮތުންނާއި އެމްޑީޕީއާއި ބެހޭ ގޮތުންނާއި މުޅި ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައްޗަށް އެ މަނިކުފާނުގެ ދުވަހެކެވެ. ފަހަކަށް އައިސް ރައީސް ނަޝީދުގެ ގެންދަވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ނިކަމެތިކަން ލިބޭނެހާ ގޮތްގޮތަށް ތަކުރާރުކޮށް ވާހަކަފުޅު ދައްކަވާ ސުރުހީ ހައްދަވަމުންނެވެ. ރައީސް ސޯލިހަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ވިދާޅުވެ އެވެ. ޕާޓީގެ މުހިއްމު ގުނަންތަކާއި ގޮފިތަކުން ވެސް ގެންދަނީ ރައީސް ސޯލިހާއި ސަރުކާރާ ދެކޮޅަށް ބަޔާންތައް ނެރެމުންނެވެ. ސޯޝަލް މީޑިއާގައި ރައީސް ނަޝީދުގެ ސަޕޯޓަރުން އުޅެނީ ރައީސް ސޯލިހާ ދިމާ ކޮށްލައިގެނެވެ.

އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް ސާފުކޮށް ފެންނަން އޮތް އިރު އެ މައްސަލަތަކާ ގުޅުވައި ރައީސް ނަޝީދު އެކަނި ވާހަކަ ދެއްކެވުމަކީ ރައީސް ސޯލިހާއި ސަރުކާރަށް އަދި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކަށް ނުވާނެ އެވެ. ރައީސް ނަޝީދު ފެންމަތި ކުރުވާ މައްސަލަތަކާއި ދައްކަވާ ވާހަކަތަކާ ގުޅޭ ގޮތުން ރައީސް ސޯލިހް ވިދާޅުވާ އެއްޗެއް ވެސް އެނގެން އެމްޑީޕީގެ އާންމު މެންބަރުން ބޭނުން ވެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީއަކީ އެމްޑީޕީ ކަމަށްވާއިރު ސިޔާސީ ގޮތުން އުފެދި ނިއުޅެމުންދާ މައްސަލަތަކުގައި ރައީސް ސޯލިހް ވިދާޅުވާ އެއްޗެއް އެނގެން ދިވެހި ރައްޔިތުން ވެސް ބޭނުންވާނެ އެވެ.

އެމްޑީޕީގެ ތެރޭގައި އޮތް އަރައިރުމުގެ ތެރޭ އެއްކޮޅުން ވާހަކަ ދައްކަވާއިރު ރައީސް ސޯލިހް ވާހަކަފުޅު ނުދައްކަވާތީ ޕާޓީގެ އާންމު މެންބަރުން ތިބެނީ ހިތްހަމަ ނުޖެހިފަ އެވެ. ވާނުވާ ނޭނގި، ޕާޓީގެ ކަންކަމުގައި ކުރިއަށް ދާން އަމަލު ކުރަންވީ ގޮތެއް ސާފު ނުވެފަ އެވެ.

މިހާރު ދިމާވެފައިވާ މައްސަލަތަކުގައި ވެސް ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަން ޖެހެނީ އެމްޑީޕީ އިތުރަށް ބައިބައިވެ އޭގެ ސަބަބުން ޕާޓީ އާއި މި ސަރުކާރަށް ލިބޭނެ ގެއްލުން ކުޑަކުރާށެެވެ. ހަގީގަތް ހާމަ ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ ސިޔާސީ ގޮތުން ޖަދަލު ކުރުން ކަމަށް ވެސް ބަލައިގެނެއް ނުވާނެ އެވެ.

ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ ދޭ މުތުލަގު ބާރެކެވެ. އެކަން ކުރަންވީ ވަގުތާއި ހާލަތެއް ނިންމަވާނީ އެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެކަމަކު ރައީސް ނަޝީދު ބޭނުންފުޅު ވަނީ މިހާރުން މިހާރަށް ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެމަނިކުފާނު ގަބޫލު ކުރައްވާ "ޓެރަރިސްޓުން" ހިފާ ހައްޔަރު ކުރާށެވެ. އެކަން ރައީސް ސޯލިހް ނުކުރައްވާނެ މުޅީން ޔަގީނެވެ. އެހެންވެ ރައީސް ނަޝީދުގެ އަމަލުފުޅުތައް ހުރި ގޮތުން އެމަނިކުފާނު މިހާރު މަސައްކަތް އެ ކުރައްވަނީ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވައިގެން މަޖިލިސް ތެރެއިން ރައީސް ސޯލިހަށް ޕްރެޝަރު ކޮށްގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުވާށެވެ. އެކަމުގައި ވެސް އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކަވާއިރު ސަރުކާރުގެ ބަހެއް ވަކިން ހާއްސަކޮށް ރައީސް ސޯލިހުގެ ވިސްނުންފުޅު ހުރި ގޮތް ތިލަ ވެގެނެއް ނާދެ އެވެ.

ރައީސް ސޯލިހް ވެރިކަން ކުރައްވަމުން ގެންދަވަނީ ކޯލިޝަން އެއްބަސްވުމެއްގެ ތެރެއިން ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ވަކި އަދަދަކަށް ސަރުކާރުގެ ސްލޮޓްތައް ދީގެނެވެ. އެކަން ކުރީ ރައީސް ނަޝީދާއި ރައީސް ސޯލިހު ވެސް ހުންނެވި ޕާޓީ، އެމްޑީޕީގެ ރުހުމާއި ތާއީދާއެކު އެވެ. އެކަމަކު ކޯލިޝަން ވެރިކަމެއް އިތުރަށް ކުރިއަށް ގެންދާކަށް ރައީސް ނަޝީދު މިހާރު ބޭނުންފުޅެއް ނުވެ އެވެ. ކޯލިޝަން ރޫޅޭ ގޮތަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލިސް ބޭނުން ކޮށްގެން އެތައް ކަމެއް ކޮށްފި އެވެ.

އެކި ގޮތްގޮތަށް ކޯލިޝަން ޕާޓީތަކުގެ ވަޒީރުން ވަކިކޮށް، މަޖިލީހުގެ ނުފޫޒު ފޯރުވައި ސަރުކާރު ސައިޒްކޮށްލި އިރުވެސް ރައީސް ސޯލިހް ހަނުހުންނެވީ ހިމޭނުންނެވެ. ވަޒީރުންގެ ދިފާއުގައި ވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް އައްޔަން ކުރެއްވި ވަޒީރުންގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ބޭފުޅުން މަޖިލީހަށް ގެންގޮސް ބޭނުން ގޮތެއް ހަދާލިއިރު ވެސް ރައީސް އަޅައިވެސް ނުލައްވާ ހުންނެވީ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ ބާރުގަދަ ކަމަށް ބުނާ ވަޒީރު ފައްޔާޒު އިސްމާއީލް މަގާމުން ދުރު ކުރަން ރައީސް ނަޝީދު އިސްވެ މަސައްކަތް ފެއްޓެވުމުން ރައީސް އަމަލު ކުރެއްވީ މުޅިން ތަފާތު ގޮތަކަށެވެ. އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގެން ފައްޔާޒު ހިފެހެއްޓެވި އެވެ. ފައްޔާޒުގެ ދިފާއުގައި ފާޅުގައި ވާހަކަފުޅު ވެސް ދެއްކެވި އެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ވަގުތު ހޯދަން ބޭނުންވި ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ފެންމަތިވުމުން ވެސް ރައީސް އަޅައެއް ނުލެއްވި އެވެ. ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއްް އަމާޒުވަމުން ދިޔައިރު ވެސް ރައީސް އެކަމުގައި އެއްޗެއް ވިދާޅުވީ އެ ވާހަކަ އެކި ގޮތްގޮތަށް އަނބުރާ، ސަރުކާރަށް އާންމުން ކުރާ އިތުބާރަށް ލޮޅުން އަރާ ހިސާބަށް ދިއުމުންނެވެ.

ކޮވިޑްގެ ހާލަތުގައި ސަރުކާރުގެ އިސްވެރިންނާއި ރައީސް ރައްޔިތުންނާ ބައްދަލު ކުރުން އިންތިހާއަށް މަދުވުމުން ވެސް ސަރުކާރަށް އެތައް ބަޔަކު ފާޑުކިޔެ އެވެ. ރައީސަކު ހުންނެވި ކަމާއި ހެލްތު މިިނިސްޓަރަކު ހުންނެވި ކަމާ ދޭތެރޭ ބައެއް މީހުން ސުވާލު ވެސް އުފެއްދެވި އެވެ. އެހާވެސް ރައީސް މީޑިއާ އިން ފެނުން މަދުވި އެވެ. ރައީސްގެ ފަރާތްޕުޅުން އެއްޗެއް ވިދާޅުވާން ރައްޔިތުން ބޭނުންވި ވަގުތު ރައީސް ހުންނެވީ މަންޒަރުން ގެއްލިފަ އެވެ.

މިސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ އާއި އޭނާގެ މިނިސްޓްރީގެ އެތައް އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރައާއި ގޯނާކުރި މައްސަލާގައި ވެސް ރައީސް ފުރަތަމަ އިސް ކުރެއްވީ ހަނުހުންނެވުމެވެ. އެ މައްސަލާގައި ވެސް ރައީސް ފިޔަވަޅު އަޅުއްވާ ވާހަކަ ދެއްކެވީ މިސަރުކާރަކީ ޖިންސީ ފުރައްސާރަ އަށް ހިތްވަރުދޭ ސަރުކާރެއް ކަމުގެ ލޭބަލް އެޅުވި ފަހުންނެވެ.

ދިވެހި ގައުމުގެ އެންމެ ބޮޑެތި ހާއިނުންގެ ތެރޭގައި ހިމެނޭ 19 ދިވެހިންގެ ގާތިލް އަބްދުﷲ ލުތުފީގެ މައްސަލާގައި ވެސް ފެނުނީ ސަރުކާރުން ދުރާލާ އެއްޗެއް ބުނަން އޮތް ފުރުސަތު ދޫކޮށްލި ތަނެވެ. ލުތުފީ ލަންކާގައި އެތައް އަހަރަކު ފިލައިގެން އުޅުމަށްފަހު ލަންކާގެ ސަލާމާތީ ބާރުތަކުގެ އަތްދަށަށް ހިނގައިދާނެހެން ހީވުމުން އެ ގައުމުގައި ހުންނަވާ ދިވެހި ހައިކޮމިޝަންގައި މަހެއް ވަންދެން ފިލާ ހުންނެވި އެވެ. ދިވެހި ސަރުކާރުން ހޯދަމުން ދިޔަ މީހަކު ހައިކޮމިޝަންގެ ތެރޭގައި އެހާ ގިނަ ދުވަހު ފިލާ ހުރެވޭނީ ސަރުކާރަށް އެނގިގެންނެވެ. އެމައްސަލަ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަޅާ އަރުވާލުމާ ހަމައަށް ހައިކޮމިޝަންގައި ލުތުފީ ހުރި ކަމަކަށް ސަރުކާރަކުން ނުބުނެ އެވެ. އެ މައްސަލާގައި ވެސް ރައީސް ސޯލިހް ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ސަރުކާރާއި އެމަނިކުފާނަކީ "ބަޣީން" ހިމާޔާތް ކުރާ ސަރުކާރެކޭ ބުނެ ފަލީހަތް ކޮށްލުމުންނެވެ. ސަރުކާރުން ވަކިން ހާއްސަކޮށް ރައީސް ސޯލިހް ކުރިން ވާހަކަ ދެއްކެވިނަމަ އެއީ ރައީސް ސޯލިހަށް ތައުރީފާއި ރީތި ނަން ލިބެން އޮތް މައްސަލަ އެކެވެ. އެކަމަކު އެ ފުރުސަތު ވެސް ދޫކޮށްލެއްވީ ހަނުހުންނެވުމަށް ފަހު އެވެ.

ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހިޔާލު ހުރި ގޮތް އާންމުންނާ ހިއްސާކުރައްވަން ޖެހެނީ އެ މަގާމުގެ ގޮތުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ އެއްޗަކާ ގުޅިގެންނާއި އަމަލުކުރައްވާ ގޮތަކުން އެތައް ބައެއްގެ ނިންމުންތަކަށް އަސަރު ކުރާނެތީ އެވެ.