އެމްޑީޕީގެ ކޯޅުން

ވަރަށް ފޯރިގަދަ، އެކަމަކު މިއީ ނިމިފައިވާ ވޯޓެއް!

Mar 31, 2022
3

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ އިންތިހާބަށް އޮންނަ މޭ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ދާން އަދިވެސް ދޮޅުމަހެއްހާ ދުވަސް އެބައޮތެވެ. މި އިންތިހާބަށް ގޮވާލައި އެމްޑީޕީން އިއުލާނެއް ކުރުމުގެ ކުރިން ވެސް ފެށިފައިވާ ވާދެވެރިކަން ވަރަށް ބޮޑެވެ. އޭގެ ފަހުން ފަށާފައިވާ ކެމްޕޭނުގެ ފޯރި އަދި މާ ގަދަ އެވެ. މި ވާދަވެރި ކަމާއި ކެމްޕޭނުން ފެންނީ އެމްޑީޕީގެ ދެ ފެކްޝަން ނުވަތަ އެމްޑީޕީގެ މެންބަރުން ކިޔާ ގޮތަށް "ވަގުތީ ވަކިވުމެއް" ގައި ތިބި ދެބައިގެ މެދުގައި އޮތް "އަތްލައި ޝަހީދުވުން" ދުލެއް ނުދީ ހިނގަމުން ދާތަނެވެ.

އެކަން އެހެން ހިގާނެ އެވެ. އަދި އޭގެ ތެރެއިން ޝައުގުވެރި ވަރަށް ގިނަ ކަންކަން އިންތިހާބުން ނެއްޓި، އަހަރު މެދުން ޖޫން ޖުލައިގައި ފެނާން ފަށާނެ އެވެ.

އިންތިހާބާއެކު ހިނގާ ކަން ކަމާއި އޭގެ ފަހަށް ހިނގާނެހާ ކަންކަން އެއީ މުޅީން އެހެން ކަމެކެވެ؛ އެކުވެރި ވާދަވެރި އެއްބައެއްގެ ތެރޭގައި މިހާ ވަރުގެ ފޯރިއެއް އަރައި މިހާ ވަރަށް "ތަޅާ" ހެދި ނަމަ ވެސް މުޅި މި އިންތިހާބަށް ބަލާއިރު އެކަން ކަމަކީ މި އިންތިހާބާ ގުޅުމެތް ނެތް އެކަމަކު އެއަށްވުރެ މާ ބޮޑު އަދި އެންމެނަށް އެނގޭ ވެސް ކަމެއްގެ ވާދަ އެކެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބައިބޯ ސިޔާސީ ކޭމްޕް، އެމްޑީޕީ ޗެއާޕާސަން ކަމަށް ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ހަމަ ދުލެއް ނުދޭ ރަނގަޅު ދެ ބޭފުޅުންނެވެ.

މި ދެ ބޭފުޅުންގެ ތެރެއިން "އިންތިއާއެކު" ހުންނެވީ ޕާޓީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. "ސިޔާސީ ދަނޑުގައި ފައްޔަ ހިންގާލަން" ނުކުމެ ހުންނެވީ ގާތްގަނޑަކަށް އެމްޑީޕީގެ ހުރިހާ ގުނަވަނެއްގެ ކޮންޓްރޯލް ހޯއްދަވާފައިވާ ޕާޓީ އިސްލީޑަރު އަދި ރައީސްލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެހެން ކަމުން އިލްމާއި ގާބިލު ކަމުގެ ގޮތުންނާއި ހިދުމަތާއި ފެންވަރާއި ފަންރުގެ ގޮތުން އިންތިޔާ ފައްޔަ ވަރުން އެޅުވުމުގެ މާނައެއް ނެތެވެ. ވަރުން އަޅުވަން ޖެހެނީ ދެ ރައީސުންގެ އަތްޕުޅުގެ އޮތް ބާރާއި ނުފޫޒާއި ދެ ބޭފުޅުންގެ މެދުގައި އޮތް ވާދެވެރި ކަމާއި އެމްޑީޕީގެ ތެރޭގައި ދެ ބޭފުޅުންގެ ޕޮޕިއުލާރިޓީ އޮތް މިންވަރަކުންނެވެ. އެ ދިމާއިން ބަލާއިރު ރޭހުގައި ރައީސް ސޯލިހުން މިވަގުތު ހުންނެވީ މާ ކުރީގަ އެވެ.

މިދިއަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީގެ ކަންކަން ބަދަލުވެފައިވާ ގޮތުން، އެމްޑީޕީގެ ދެ ފެކްޝަނުގައި އޮތް މަގަތު ސަފު ވެސް އަދި ޕާޓީގެ އާންމު ގިނަ މެންބަރުން ވެސް ގަބޫލު ކުރާ ގޮތަކީ އެމްޑީޕީގެ ޗެއާ ޕާސަންގެ އިންތިހާބުގެ ނަތީޖާގައި މިހާރު ވެސް އޮތީ ވަގުތީ ނަތީޖާއެއް ސާފުވެ ނިމިފަ އެވެ.

"ކެމްޕޭނެއް ހިންގާލައިގެން މި އިންތިހާބުން ފައްޔާޒު އިސްމާއީލް ރީއްޗަށް މޮޅު ވެއްޖެ" ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ތެރެއިން ދެކުނަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރޭގެ ވޯޓެއްގެ ކެމްޕޭނެއް ކޮންމެ ގޮތަކަށް ހިންގާލިއަސް އެއީ މައްސަލައެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ނުފޫޒުން ކަމަށް ވިޔަސް، މަޖިލިސް މެންބަރުންނާއި ކުންފުނިތަކާއި މުޅި ސަރުކާރު އެކުވެގެން ކަމަށް ވިޔަސް އޭގެ މައްސަލައެއް ނެތެވެ. އަބަދުވެސް މައްސަލައަކަށް ވާނީ އެމްޑީޕީ ނުހިނގަންޏާ އެވެ. އެންޑް - ރިޒަލްޓެވެ.

"ނުހިންގޭ މައްސަލަ ހައްލު ކުރަންވެގެން 'ހިންގާލަން' ނުކުތް މީހާ ފައްޔައަކީ އޭނާއަށް ތާއީދު ވެސް އޮތީ! ވާދެވެރި ކަމުގެ ތެރޭގައި މިކިޔާ ނޫފުޒުތައް އޮތީ ހަމައެކަނި އެއްކޮޅެއްގައެއް ވެސް ނޫން. ނުފޫޒެއް އޮތިއްޔާ ފޯރުވޭ ގޮތަށް އޮތީ ދެބައި މީހުނަށް ދެބައި ހަމަކޮށް، އިންތިގެ ފަޅިއަށް ޕާޓީގެ ތެރެއިން ދާ ނުފުޒޫ ތަންކޮޅެއް ވެސް ކުޑައެއް ނޫން، ކެމްޕޭން ކުރުން ކުޑަތޯ ދަތުރުތައް ވައުދުތައް މަދުތޯ، ކޮންކަމެއް ކަމެއްތޯ ނުކުރަނީ ދެކޮޅުން ވެސް ހުރިހާ ކަމެއް ކުރޭ، އެކަމަކު އެއީ މި އިންތިހާބާގެ ތެރެއިން އައި ނަމަވެސް މި އިންތިހާބާ ގުޅޭ ކަންކަމަކަށް ހަގީގަތުގައި ނުވޭ، މި އިންތިހާބުގެ ނަތީޖާ މިހާރު ވެސް ސާފު ފައްޔާޒު އެދަނީ މޮޅުވާން،" އޭނާ ވިދާޅުވި އެވެ.

އިންތިހާބަށް ގޮވާލި ފަހުން މިހާތަނަށް ފެނުނު ކަންކަމަށް ބަލާއިރު ގާތްގަނޑަކަށް އަތޮޅުތަކުގެ ހުރިހާ ރަށަކާއި މާލޭގައި ވެސް ދެ ފަރާތުން މިހާތަނަށް ވެސް ކެމްޕޭންތަކެއް ދާދި ހަމަހަމައިގައި ކޮށްފި އެވެ. އެ ހުރިހާ ކަމަކާއެކު ވެސް އިންތިޔަށް ތާއީދު ކުރާ ގިނަ މީހުން ވެސް ބުނަނީ "އިންތިހާބު ފައްޔަ ނަގާނެ" އޭ އެވެ. އަދި އިންތިހާބުގައި "އިންތި ވަރުގަދަ ފައިޓެއް ދޭވަރަށް ވާން ކުރާނެ" އޭ އެވެ.

އެމްޑީޕީގެ ގިނަ މެންބަރުންގެ ވާހަކަ ހުންނަ ގޮތަކީ ކެމްޕޭން ފަށައިގަތް އިރު ހީކުރިވަރަށް ވުރެ އިންތިގެ ސަޕޯޓް ބޮޑެވެ. އެކަމަކު ކިތަންމެ ބޮޑު އެއްޗެއް ހޯދުނަސް އިންތިޔަށް ކުރެއްވޭނެ ވަރަކީ ވާން ކޮށްލުމެކެވެ.

ރަނގަޅު ގިނަ ބައިވަރު މީހުން ބުނާ ގޮތުގައި ވެރިރަށާއި އައްޑު އަތޮޅުގެ ރަށްރަށާއި ގދ. ގެ ޖުމްލަ ވޯޓުން އިންތިއަށް ކުރި ހޯދިދާނެ އެވެ. ނުވަތަ ވަރަށް ހަމަހަމަ ނަތީޖާއެއް އަދި ވަރަށް ވާދަވެރި ނަތީޖާއެއް ވެސް ނެރެވިދާނެ އެވެ. އެކަމަކު މުޅި ރާއްޖޭގެ އެމްޑީޕީގެ ވޯޓްގައި ފައްޔާޒު ވަނީ މިހާރު ކުރި ހޯއްދަވާފަ އެވެ.

"ވަރަށް ސާފު ކަމެއް ދަންނަވަންތޯ، ސިޔާސީ މައިދާނުގައި ވެސް ކޭޕަބަލް އަބަދުވެސް ވިން ކުރޭ، މިފަހަރު ހުރިހާ ގޮތަކުން ވެސް އެ ފުރުސަތު ތަނަވަސްވެފައި ވަނީ ފައްޔާޒަށް، އެއީ ކޮންމެހެން އިންތި ދެރަވެގެނެއް ނޫން. އެއީ އެމްޑީޕީގެ ޕޮޒިޝަން މިވަގުތު އިންގޮތު ފައްޔަށް ހުރިހާ ދިމާއަކުން ފަހިވަނީ. އޭނާ މި އިންތިހާބުން މޮޅުވާނެ، މިހާރުވެސް އެފަންނަނީ އެތަން،" ރައީސް ނަޝީދުގެ ކޭމްޕްގައި ހިމެނި ވަޑައިގަންނަވާ އެކަމަކު އިންތިހާބުގެ އެއްވެސް ކަމެއްގައި ބައިވެރިވަޑައި ނުގެން ހުންނެވި އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"އިންތިއާއެކު" އޮތް ޓީމާއި "ހިންގާލަން" ފައްޔައާއެކު އޮތް ޓީމާއި ދެ ޓީމުން ވެސް ކެމްޕޭން ސްޓްރެޓަޖީއެއްގެ ގޮތުގައި ފަސޭހަން ބޮޑުތަނުން ނަގާނެ ކަމަށް ބުނެ އެވެ. އެކަމަކު މި އިންތިހާބުގެ ނަތީޖާ އެއްވެސް ދިމާއަކުން ލަދު ގަންނަ ވަރުގެ ފަރަގެއް އަތުވެދާނެ ކަމަކަށް ނުބެލެ އެވެ. އަދި މި އިންތިހާބުގެ ނަތީޖާ އަކީ ބަޔަކު ހައިރާން ކުރާވަރުގެ ކަމަކަށް ނުވާނެހާ މިހާރުވެސް މި އިންތިހާބުގެ ނަތީޖާ ސާފެވެ.

އެކަމަކު މިއީ ހައިރާން ކުރުވާނެ އެތަކެއް ކަމެއް އުފަންވާނެ އިންތިހާބެކެވެ. މި ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމްޑީޕީ އަށާއި އިދިކޮޅު ޕީޕީއެމަށާއި ސަރުކާރުކާ ގުޅިފައިވާ ޕާޓީތަކާ ވެރި ކަމުގެ އުންމީދުގައި ތިއްބެވި ވަކިވަކި ހައެއްކަ ލީޑަރަކާ މި އިންތިހާބުގެ ނަތީޖާއަށް ވަރަށް ބޮޑު ގުޅުމެއް އެބަ އޮތެވެ. އެކަންކަން ހާމަވެ ނިއުޅޭން ފަށާން ވަގުތުކޮޅެއް ނަގާނެ އެވެ.