އެމްޑީޕީ

އެމްޑީޕީގައި ޕީޕީއެމުން ކޮންޓްރޯލްކުރާ ދަފުތަރެއް!

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވަން އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އިންތިހާބަކީ ވަރަށް ގިނަ ގޮތްގޮތުން ޝައުގުވެރި އިންތިހާބެކެވެ. އިންތިހާބުގައި ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. ކެމްޕޭންގެ ފޯރި ގަދަވެ ދެ ކެންޑިޑޭޓުން ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރު ކުރައްވާ މެންބަރުންގެ ތާއީދު ހޯދަން މަސައްކަތް ކުރައްވާފަ އެވެ. އެ މަަސައްކަތް އަދިވެސް ބާރަށް ކުރިއަށް ދަނީ އެވެ. ކެމްޕޭންގެ ތެރެއިން ދެ ބޭފުޅުން ވެސް އެއް ބޭފުޅެއް އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވައެވެ. ދެ ބޭފުޅުންގެ ކެމްޕޭން ޓީމުން ރައްދުގައި ދޭ ބަހުގެ ހަމަލާތަކުގެ ހޫނު އަދި މާ ގަދަހެން ހީވެ އެވެ. މީގެ އިތުރުން އެމްޑީޕީގައި ހުރި މައްސަލަތަކާއި ޕާޓީގެ ހިންގުމާއި އެތުރުމަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ދެ ބޭފުޅުން ދަނީ މެންބަރުންނާއި ހިއްސާ ކުރައްވަމުންނެވެ.

ހަގީގަތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީ އަބަދުވެސް ފޯރި ގަދަ އިންތިހާބުތަކެކެވެ. އެ ޕާޓީގެ އިންތިހާބުތަކުގައި އެތައްހާސް މެންބަރުން ނުކުމެ ވޯޓު ލައެވެ. މި ފަހުން ބޭއްވި އިންތިހާބުތަކުގައި ލައްކައަކާ ގާތް ކުރާ އަދަދެއްގެ މީހުނަށް ވޯޓް ލުމުގެ ހައްގު ލިބިގެން ދިޔައެވެ. ނަމަވެސް އެމްޑީޕީގެ ހަޔާތުން މި ފާއިތު ވެގެންދިޔަ 16 އަހަރުގެ ތެރޭގައި ވެސް ޕާޓީގެ މެންބަރުންގެ އަދަދު 60،000 މައްޗަށް ގެންދެވިފައެއް އަދި ނުވެއެވެ.

މިހެން އޮއްވާ އެތެރޭގެ ކޮންމެ އިންތިހާބެއްގައި އެހާ ގިނަ އަދަދެއްގެ މީހުންނަށް ވޯޓްލާން ފުރުސަތު ލިބޭނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލު އުފެދެ އެވެ. މި ފަހަރުވެސް އެ ސުވާލު ވަނީ އުފައްދާފަ އެވެ. އަދި މިފަހަރު ސުވާލު އުފައްދަނީ ވެސް ޕާޓީގެ ތެރޭންނެވެ. މިއީ ރަށްރަށުގައި ތިބި އެމްޑީޕީގެ ވަފާތެރި މެންބަރުންގެ ވަރަށް ބޮޑު ކަން ބޮޑުވުމަކާއި ޝަކުވާއެއް ވެސް މެއެވެ. އެ ޝަކުވާ ޗެެއާޕާސަން ރޭހުގައި ތިއްބެވި ދެ ކެންޑިޑޭޓުންނަށް ވެސް މެންބަރުން އިއްވައެވެ. މިހާރު އެ ވާހަކަ މިނިސްޓަރު ފައްޔާޒް ގެންދަވަނީ ވަރަށް ބާރަށް ދައްކަވަމުން ވެސް މެއެވެ. އެކަން ބަދަލުކޮށް އިސްލާހު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ބޭނުން ކުރަނީ ޕާޓީގެ ސެކްރެޓޭރިއޭޓްގައި އޮންނަ މެންބާޝިޕް ލިސްޓެވެ. އެ ލިސްޓްގައި އިލެކްޝަންސް ކޮމިޝަންގައި އޮންނަ ރަސްމީ ދަފްތަރުގައި ނުހިމެނޭ 40،000 މެންބަރުން އެބަ ތިބެ އެވެ. މިއީ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ. އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ތިބީ 54782 މެންބަރުންނެވެ. ނަމަވެސް ކުރިއަށް އޮތް ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި 94،214 މީހުނަށް ވޯޓްލުމުގެ ހައްގު ލިބެ އެވެ.

ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދަފްތަރު ނުކުރެވި އެމްޑީޕީގެ މާ ގިނަ މެންބާޝިޕް ފޯމްތަކެއް ވެސް ނެތެވެ. އެހެން ވީއިރު ކޮމިޝަންގެ ދަފްތަރުގައި ނެތި އެމްޑީޕީން ގެންގުޅޭ ލިސްޓެއްގައި މިހާ ގިނަ އަދަދެއްގެ މެންބަރުން ތިބުމަކީ އިންތިހާބުގެ މިނިވަން ކަމާއި އަދި އިންސާފުވެރި ކަމާމެދު ސުވާލު އުފެދޭނެ ސުވާލު ކުރަން ޖެހޭނެ ކަމެކެވެ.

އަދި އެއަށް ވުރެ ބޮޑު ކަމަކީ އެމްޑީޕީގެ ހަގީގީ ވިސްނުމާ ދެކޮޅަށް އިންތިހާބުތަކުގައި ނަތީޖާ ނުކުތުމެވެ. ޕާޓީއަށް ވަފާތެރިކަމެއް ނެތް އަދި އިންތިހާބުތަކާ ދިމާކޮށް ވަގުތީ ގޮތުން ފޯމް ފުރާލައި އެމްޑީޕީގެ "ވަގުތީ ދަފުތަރު" ގައި ޖެހި ވޯޓްގެ ނަތީޖާ އެ މީހުން ބޭނުންވާ ގޮތަކަށް އަނބުރާލާ އަނބުރާލުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

މިނިސްޓަރު ފައްޔާޒް، ކެމްޕޭނުގައި އދ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރޭގައި އެ އަތޮޅުގެ ހުރިހާ ރަށަކުން އޭނާއަށް ހަމައަށް ގެންދިޔަ އެންމެ ބޮޑު ޝަކުވާއަކީ ވެސް އެއީ އެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 54،000 މެންބަރުން ތިބޭއިރު އަންނަ މަހު އޮންނަ އިންތިހާބެއްގައި 94،000 މީހުނަށް ވޯޓްލެވެން ޖެހޭ ސަބަބެކެވެ.

ކޮންމެ ޕާޓީއަކީ ވެސް ޕާޓީގެ ރަސްމީ މެންބަޝިޕް ބޮޑުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ދައުލަތުގެ ބަޖެޓުން ގިނަ ފައިސާ ލިބޭން އޮންނަނީ ވެސް މެންބަރުންގެ އަދަދު އިތުރު ކޮށްގެނެވެ. ނަމަވެސް އިންތިހާބުތަކާ ދިމާކޮށް ވަގުތީ ގޮތުން ޕާޓީއަށް އެތެރެވާ މެންބަރުންގެ ފަރާތުން އެ ފައިދާއެއް ވެސް ނުލިބެއެވެ. އިންތިހާބު ނިމުމާއެކު އެ ހުރިހާ މެންބަރުން "ފިލަ" އެވެ. އިންތިހާބުގައި ވޯޓްދީ ބޭނުން ގޮތަކަށް ނަތީޖާ އަނބުރާލުމަށް ފަހު އެވެ.

މެންބަރުންގެ އެ ޝަކުވާތައް ފައްޔާޒު އަޑުއެއްސެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ 20،000 މީހުން ވޯޓްލަ އެވެ. އެކަން އެގޮތަށް ހިނގާތީ އެމްޑީޕީން ޓިކެޓް ދޭނެ ކެންޑިޑޭޓް ކަނޑައެޅުމުގެ ފުރުސަތު ޕީޕީއެމްގެ މެންބަރުންނަށް ރީއްޗަށް ލިބެއެވެ. އަދި އެމްޑީޕީގެ ހަގީގީ މެންބަރުންގެ އެންމެ ތާއީދު ބޮޑު ކެންޑިޑޭޓް ފެއިލް ކޮށްލުމުގެ ފުރުސަތު ވެސް އިދިކޮޅު ޕީޕީއެމްގެ މެންބަރުންނަށް އެބަ ލިބެ އެވެ. ފައްޔާޒު ދެކެ ވަޑައިގަންނަވާ ގޮތުގައި އެއީ ބަދަލު ކުރަން ޖެހިފަައި އޮތް ކަމެކެވެ.

"މިހާރު އެނގިވަޑައިގަންނަވާތޯ އަޅުގަނޑުމެންގެ 94،000 މީހުން ތިބިއިރުގައި މި ޕާޓީގެ ރައީސް ކަނޑައަޅަން ނޫނީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ނޫނީ މި ޕާޓީން ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓް ކަނޑައަޅަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓް ލެވޭ. އެހެންވީމަ އެ މީހުންނަށް އެބަ ނިންމޭ އެ މީހުންނާ ވާދަ ކުރަން އަޅުގަނޑުމެންގެ ތެރެއިން ނިކުންނާނީ ކާކުކަން. އަޅުގަނޑުމެންގެ ތެރެއިން އެ މީހުންނާ ވާދަކޮށްލެވޭ މީހާ ނުކުތަ ނުދޭން އެ މީހުންގެ މީހުން އައިސް އަޅުގަނޑުމެންގެ ތެރޭން ދެން ހުންނަ މީހާއަށް ވޯޓް އަޅަނީ. އެހެންވީމަ އެ މީހުން [ޕީޕީއެމްގެ މެންބަރުން] ނޫންތޯ މި ޕާޓީ [އެމްޑީޕީ] ގައި ގޮތް ނިންމަނީ. އެހެންވީމަ އަޅުގަނޑު މި ހުށައަޅަނީ އެހެން ޕާޓީއެއްގެ ދަފްތަރުގައި އޮވެއްޖިއްޔާމު އަޅުގަނޑުމެން މީން ވަކި ކުރާނަމޭ،"

އެމްޑީޕީގެ މެންބާޝިޕްގައި ތިބި އެހެން ޕާޓީތަކުގެ މެންބަރުން ސާފު ކޮށް ޕާޓީގެ ދަފްތަރު ރަނގަޅަށް މެނޭޖް ކުރުމަކީ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު އިންތިހާބު ވެވަޑައިގެންފިނަމަ ކުރައްވާނެ ކަމެއް ކަމަށް އޭނާ ވަނީ ހައްދަވާފަ އެވެ.

މި ވާހަކަތަކާއި ގުޅިގެން އެމްޑީޕީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަދި މެމްބަޝިޕް ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް (ނިޔާ) ރައްދު ދެއްވާ ވާހަކަ ދައްކަވަ އެވެ. އޭނާ ވިދާޅުވާގޮތުގައި ޗެެއާޕާސަންގެ އިންތިހާބަށް ނެރެފައި އޮތީ ސައްހަ ލިސްޓެކެވެ. އެ ލިސްޓް އެކުލަވާލާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފުތަރާ އަޅާ ކިޔުމަށް ފަހު އެވެ. އަދި އެކަން ކުރިއިރު އެހެން ޕާޓީއެއްގެ ދަފްތަރުގައި އޮތް އެއްވެސް މީހަކު އެ ލިސްޓްގައި ހިމެނިފައި ނުވާނެ އެވެ. މީގެ އިތުރުން ދާއިމީ ލިސްޓް ނެރުމުގެ ކުރީން ޝަކުވާ ހުށައަޅަން ފުުރުސަތު ދީ ލިސްޓްގެ ސައްހަކަން އިތުރަށް ޔަގީން ކޮށްފައިވާނެ އެވެ.

ނިޔާ އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ އާންމު މެންބަރުން އެކަން ގަބޫލެއް ނުކުރެ އެވެ. އެމްޑީޕީން އެ ދައްކަނީ މެންބަރުންނަށް ގަބޫލު ކުރެވޭނެ ފަދަ ވާހަކައެއް ވެސް ނޫނެވެ. އެމްޑީޕީން ޗެެއާޕާސަން އިންތިހާބަށް ނެރެފައި އޮތީ އެމްޑީޕީގެ ސައްހަ މެންބަރުންގެ ލިސްޓެއް ނަމަ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެ ލިސްޓްގައި ހިމެނޭ މެންބަރުންގެ އަދަދާ ގާތް ކުރާ އަދަދަކަށް މެންބަރުން ތިބެން ވާނެ އެވެ. ނޫން ނަމަ ކޮމިޝަނަށް ޗެކް ނުކުރެވި ޕެންޑިންގައި ހުރި ފޯމްތަކުގެ އަދަދު އެތައް ހާހަކުން މަތިވާން ވެސް ޖެހޭނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެމްޑީޕީން ފޮނުވާފައިވާ ފޯމްތަކުގެ ތެރެއިން މިވަގުތު ޕެންޑިންގައި ވަނީ ދެހާހެއްހާ ފޯމެވެ. އެހެންވީމަ ބާކީ ތިބި 38،000 ވުރެ މީހުންނަކީ ކޮން ގޮތަކުން ޕާޓީގެ ދަފުތަރުގައި ތިބި މެންބަރުންނެއްކަން ސާފުވާން އެބަ ޖެހެ އެވެ.

ރަށްރަށުން އަވަސްއާ ވާހަަކަ ދައްކާ އެމްޑީޕީގެ ބައެއް އިސް ހިންގުންތެރިން ވެސް އެމްޑީޕީގެ ދަފުތަރު އެކުލަވާލާފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރެ އެވެ. އެ މެންބަރުންގެ ނަޒަރުގައި ކުރިއަށް އޮތް އިންތިހާބުގެ ކުރީން ދަފުތަރު އިސްލާހު ކޮށް ރަނގަޅު ކުރަން ޖެހޭނެ އެވެ.

"މިދިޔަ ކޮންމެ ޕްރައިމަރީއެއްގައި މި ރަށުގައި ތިބި ޕީޕީއެމްގެ އެންމެ އިސް މީހުން ވޯޓްލާ. ޕީޕީއެމް ޖަގަހައިގައި ތިބެފައި ދަނީ ވެސް ވޯޓްލާން. މިއީ އާބާދީ މަދު ރަށްރަށްވީމަ އެކަންކަން ވަނީ ބޮޑު ފިތުނަައަކަށް. ނަމަވެސް އެ މީހުން ވަގުތީ ގޮތުން އެމްޑީޕީއަށް ވައްދާ އެމްޑީޕީގައި އޮންނަ ދަފްތަރުގައި ޖައްސަނީ ވެސް އަހަރެމެންގެ ތެރެއިން އިސް މީހުން. އެއީ ޕްރައިމަރީން މޮޅުވެ ޓިކެޓް ހޯދަން ކުރާ ކަމެއް. މިއީ ނޭންގި ހިނގާ ކަމެއް ނޫން. ގަސްތުގައި ރޭވިގެން ހިންގާ ކަމެއް،" އުތުރުގެ ރަށެއްގައި އެ ރަށް ނިސްބަތްވާ ދާއިރާގެ ރައީސަކަށް އިންތިހާބު ކޮށްފައިވާ އެމްޑީޕީގެ މެންބަރަކު ބުންޏެވެ.

އޭނާގެ ވާހަކަތައް އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ގަބޫލު ކުރެއެވެ. ވަރަށް ގިނަ ރަށްރަށުގައި ކަން ހިނގަނީ އެެ މަގުންނެވެ. އެހެންވީމަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކުރީން ވޯޓްލެވޭ ލިސްޓް ސައްހަ ކުރަން ޖެހޭ ކަމަށް މެންބަރުން ދެކެއެވެ. ނަމަވެސް އެމްޑީޕީގެ ސެކްރެޓޭރިއޭޓް އަދި އޮތީ އެ މަސައްކަތް ކުރާ ގޮތަކަށް ނޫނެވެ. އިންތިހާބުގެ ކުރީން އެކަން ކުރަން ގޮވާލަން ދެ ކެންޑިޑޭޓުން ވެސް ތައްޔާރު ކަމަކަށް ނުފެނެއެވެ. ނަމަވެސް ފައްޔާޒް ހުންނެވީ އިންތިހާބުން މޮޅުވެއްޖެނަމަ އެކަން ކުރައްވަން ތައްޔާރަށެވެ.