އެމްޑީޕީ

އިންތިގެ ފޮތިގަނޑުތަކުން އެމްޑީޕީގެ ހާލަތު!

Mar 23, 2022
7

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕެއިން މުޅި ރާއްޖެއަށް ވަނީ ފެތުރިފައެވެ. ކެމްޕެއިންގެ ފޯރި ވަރަށް ގަދައެވެ. މިއީ ފަހުގެ ތާރީހެއްގައި ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރި އަދި ފޯރިގަދަވާ ފުރަތަމަ ފަހަރެވެ. މުޅި ރާއްޖެހެން މި އިންތިހާބުގެ ނަތީޖާ ނުކުންނާނެ ގޮތަކާމެދު އޮތީ އިންތިޒާރުގަ އެވެ. އިންތިހާބަށް ނުކުމެ ތިއްބެވީ ދެ ކެންޑިޑޭޓުންނެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ އެންމެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ ކުރީގެ ޗީފް ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ.

އެމްޑީޕީ ސާފުކޮށް ރަނގަޅަށް ދެބައިވެ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ފޯރީގައި ދަނީ ހިންގަމުންނެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ ވެރީންނާއި ޕާޓީގެ އިސް އެކްޓިވިސްޓުންގެ ތެރެއިން ގިނަ ބަޔަކު ތިބީ މިނިސްޓަރު ފައްޔާޒާއެކުގަ އެވެ. ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް ވެސް އޮތީ ފައްޔާޒާއެކު ފާޅުގައި ނުކުމެ ކެމްޕެއިންގަ އެވެ.

އިމްތިޔާޒު ފަހުމީއާއެކު ތިއްބެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނެވެ. ދެން އެމަނިކުފާނަށް އެންމެ ވަފާތެރި މަޖިލީސް މެންބަރުންނާއި ޕާޓީގައި ތިއްބެވި އެމަނިކުފާނުގެ އަރިސް ބޭފުޅުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް އާއި ކުރީގެ ޗެެއާޕާސަން ހަސަން ލަތީފް ފަދަ ބޭފުޅުންނެވެ. މި ބޭފުޅުން ގެންދަވަނީ އިމްތިޔާޒާއެކު ރަށްރަށަށް ދަތުރުކުރައްވާ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އިންތިހާބަށް ފައްޔާޒު ނިކުންނެވީ އެމްޑީޕީ "ހިންގާލަން" މި ޝިއާރާއެކު އެވެ. އިމްތިޔާޒު ނިކުމެ ހުންނެވީ "އިންތިއާއެކު" މި ޝިއާރުގެ ދަށުންނެވެ. ފައްޔާޒުގެ ކެމްޕެއިންގައި ގަދަކޮށް ދައްކަވަނީ އެމްޑީޕީއަށް ބަދަލުތަކެއް ގެންނަވަން ޖެހިވަޑައިގަންނަވާ ވާހަކައެވެ. ނިމިދިޔަ 16 އަހަރު ހުރި ނުރަނގަޅު ކަންކަން ބަދަލު ކުރައްވަން ޖެހޭ ވާހަކަ އެވެ. އާންމު މެންބަރުންނާއި ޕާޓީގެ މައި އޮފީހާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރަން ޖެހޭ ވާހަކަ އެވެ. ރަށްރަށުގައި ހުރި ފަޅު ޖަގަހަތައް ދިރުވާން ޖެހޭ ވާހަކަ އެވެ. ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އެމްޑީޕީއަށް ލިބޭ އެތައް މިލިއަން ރުފިޔާއިން އެންމެ ލޯ ލާރިއެއްވެސް ރަށްރަށުގެ ގޮފިތަކަށް ނުލިބޭތީ އެކަން ބަދަލު ކުރުމުގެ ވާހަކަ އެވެ. މިހެން ގޮސް ކިތަންމެ ވާހަކަ އެވެ.

މި ވާހަކަތައް މި ގޮތަށް ދައްކަވާތީ އެއީ މިހާރު އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަށް ކުޑައިމީސްކޮށް ދައްކަވާ ވާހަކަތަކެއް ކަމަށް ސިފަކޮށް އިމްތިޔާޒުގެ ކެމްޕެއިން ޓީމުން ފައްޔާޒުގެ ކެމްޕެއިން ޓީމަށް ތަފާތު ތުހުމަތުތައް ކުރައްވައެވެ.

އެއް ކަމަކަށް އެ ބޭފުޅުން ވިދާޅުވަނީ ފައްޔާޒު ކުރައްވާ މަސައްކަތްފުޅަކީ އެމްޑީޕީގެ ތެރެއިން ނަޝީދުގެ ކަންތައް "ނިންމަވާލެއްވުމެ" ވެ. އެމްޑީޕީ ނަޝީދު "ބޭރު"ކޮށްލުމުގެ މަސައްކަތް ކަމަށެވެ. ބާކީކޮށް އެކަހެރި ކޮށްލުމުގެ މަސައްކަތެވެ. ހުދު ރައީސް ނަޝީދުވެސް އެ މޭރުމުން ވަނީ ވާހަކަ ދައްކަވާފައެވެ. ފައްޔާޒުގެ ކެމްޕެއިންގައި އިސްކޮށް ހުންނެވި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދަށް ނިސްބަތްކޮށް އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އެމަނިކުފާނު ޕާޓީން ބޭރުކޮށްލެއްވުމަށް ކަމަށް ވިދާޅުވެއްޖެ އެވެ. ހިތްވަރެއް ހުރި ނަމަ އެކަން ކުރައްވާށޭ ވިދާޅުވެ ޗެލެންޖްވެސް ކުރައްވައިފި އެވެ. އަދި ނުފޫޒާއި ބާރުގެ ބޭނުންކޮށް ބިރު ދައްކާ ހަދައިގެން ވޯޓްތައް ވަކި ގޮތަކަށް އަނބުރާލަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާ އެކަންކަން ތަކުރާރު ކުރައްވާނަމަ "ފާޅުގައި" ނިކުންނަވާނެ ކަމަށްވެސް އިންޒާރު ދެއްވައިފި އެވެ.

މީގެ އިތުރުން ދެން އެ ބޭފުޅުން ދައްކަވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ސަރުކާރުގެ ބައެއް ވެރީން އެކަންކަން ސީރިއަސްކޮށް ނުނެންގެވި ވާހަކަ އެވެ. އެ ހަމަލާގެ ފަހުން ސިލްސިލާކޮށް ފެށި ގައުމީ މަޖިލީސް ޖަލްސާތައް "ފަޅުކޮށްލީ" ސީދާ ސަރުކާރުގެ ވެރީން ރާއްވައިގެން ކަމެވެ. މިފަދަ ވާހަކަތަކުން އެމްޑީޕީގެ ގްރާސްރޫޓްގެ ތާއީދު ހޯއްދެވުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް މާލޭގެ ބޮޑެތި މަގުތަކުގައި އިމްތިޔާޒުގެ ކެމްޕެއިން ޓީމުން ދަމާފައިވާ ބެނާތަކުން ބުނަނީ އެހެން ވާހަކަ އެކެވެ. ކެމްޕެއިން ރެލީތަކާއި ތާއީދު ހޯއްދެވުމުގެ ބައްދަލްވުންތަކުގައި ދައްކަވާ ވާހަކަތަކާއި ބެނާތަކުގައިވާ މައިގަނޑު ވައުދުތަކާއި ތަފާތެވެ.

އެ ބެނާތަކުގައި ލިޔެފައިވަނީ އިމްތިޔާޒުގެ ޗެެއާޕާސަން ކަމުގައި އިސްކަން ދެއްވާނެ ކަންކަމެވެ. އެމްޑީޕީއަށް ގެންނަވާނެ ބަދަލުތަކެވެ.

އެ ގޮތުން "މެންބަރުންގެ ގާތަށް ޕާޓީ ގެންދިއުމަށް" "ޕާޓީގެ ހިންގުން ލާމަރުކަޒުކޮށް ސިޓީ މަޖިލީސް އުފެއްދުމަށް" "ރަށު ހަރުގެއަށް ބިމާ ބަޖެޓް ހޯދުމަށް" "ގްރާސްރޫޓް ޕާޓީއެއްގެ ގޮތުގައި ދެމި އޮތުމަށް" "އެމްޑީޕީގެ މިސްރާބު ސީދާ ކުރުމަށް" އަދި "އެމްޑީޕީގެ އިތުބާރު ހިފެހެއްޓުމަށް" މިފަދަ ކަންކަން ހާސިލުކުރުމަށް އިމްތިޔާޒު ފަހުމީ ޗެެއާޕާސަން ކަމަށް ގެންނަން ޖެހޭ ކަމަށް ބެނާތަކުގައިވެއެވެ.

މިއީ ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕެއިން ފެށިއިރުއްސުރެ ފައްޔާޒާއި އޭނާގެ ޓީމުން ދައްކަމުންދާ ވާހަކަތަކެވެ. އިހަށް ރޭ ނ އަތޮޅުގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް 60 ރަށަށް ވަޑައިގެންނެވުނުއިރު އެމްޑީޕީގެ ޖަހަގައެއް އެއިން އެއްވެސް ރަށެއްގައި ނުހިނގައެވެ. އަދި ވިދާޅުވީ މިދިޔަ 16 އަހަރު އެކަން ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުން މިއަދުވެސް އިންތިހާބަށް ނިކުމެ އެ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އެއީ ފެއިލްވެފައިވާ ބޭފުޅުން ކަމަށް ސިފަކުރައްވާ ފައްޔާޒު ވަނީ ބަދަލެއް ތަޖުރިބާކޮށް "ހިންގާލަން" ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ޕާޓީ ނުހިނގާކަން އެނގިވަޑައިގަންނަވާނެ ތިބޭފުޅުންނަށް އަޅުގަނޑަށް ވުރެ ބޮޑަށް. އަޅުގަނޑު މި ދަތުރުގައި 60 ވުރެ ގިނަ ރަށްރަށަށް އެރިއިރުގައި އެންމެ ރަށެއްގައިވެސް ޕާޓީގެ ޖަގަހައެއް ނުހިނގާ. ޕާޓީގެ އާންމު މެންބަރުންނާއި ޕާޓީގެ މާލެއާ ގުޅުމެއް އޮތް ކަމަކަށް ނުވޭ. އަޅުގަނޑު ތިބޭފުޅުންނަށް މި ހުށައަޅާ އަޅުގަނޑު އެކަން ބަދަލު ކުރާނަމޭ. އަޅުގަނޑަށް އެ ފުރުސަތު ދެއްވާށޭ. އަޅުގަނޑާ ވާދަކުރައްވާ ބޭފުޅާއާ އެ ބޭފުޅާގެ ޓީމަކީ މިދިޔަ 16 އަހަރު ވަދެން އެކަން ހަވާލުކުރެވިފަައި ތިބި ބޭފުޅުން،" ފައްޔާޒު ވިދާޅުވިއެވެ.

ޗެެއާޕާސަން ކެމްޕެއިން ފޯރިގަދަވެ ވާދަވެރިކަން ބޮޑުވެފައިވާއިރު އިމްތިޔާޒުގެ ކެމްޕެއިން ބެނާތަކާއި ފައްޔާޒު ދައްކަވާ ވާހަކަތަކާއި މިހާރު މި ވަނީ ދާދި އެއްގޮތް ވެފައެވެ. މިކަމުން ސާފުކޮށް ބުނެދޭ އެއް ކަމަކީ އެމްޑީޕީގެ މިއަދުގެ ހަގީގަތެވެ.

އެމްޑީޕީ މިއަދު އޮތީ އާންމު މެންބަރުންނާއި ދުރުގައި ކަމެވެ. ރަށްރަށުގައި ފޯރިނެގި ޖަގަހަތައް ފަޅުވެއްޖެ ކަމެވެ. ކޮންމެ އަހަރަކު މިލިއަން ލިބޭ ފައިސާއިން އެއްވެސް މިންވަރެއް ރަށްރަށުގެ ޖަގަހަތަކާއި ހަމައަށް ނުފޯރާ އޮތް އޮތުމަށް ނިމުން ގެންނަން ޕާޓީގެ މެންބަރުން ބޭނުންވާ ކަމެވެ. އެ ހުރިހާ ފައިސާއެއް ހަމައެކަނި މާލޭގެ އޮފީހާއި ޕާޓީގެ ވެރީންގެ ކަންކަމަށް ހަރަދު ކުރުން ހުއްޓާލަން ޖެހޭ ކަމެވެ. އަމިއްލަ ޖީބުން ހަރަދުކޮށްގެން އަބަދު ޖަގަހަތައް ހިންގަން މެންބަރުން ތިބީ ތައްޔާރަށް ނޫން ކަމެވެ. އެމްޑީޕީއަކީ ގްރާސްރޫޓްގެ ބާރު ހިނގާ ޕާޓީއަކަށް ހަދަން ޖެހޭ ކަމެވެ. އާންމު މެންބަރުންނާއި ގާތަށް އެ ޕާޓީ ޖެހެން ޖެހޭ ކަމެވެ.

މިކަން ދެ ކެންޑިޑޭޓުންވެސް ގަބޫލުކޮށްފި އެވެ. އެކަން ގަބޫލުކުރަން ޖެހިވަޑައިގަތީ މެންބަރުންގެ ވިންދު ހުރި ގޮތް އެނގިވައިގަތުމުންނެވެ. ނަމަވެސް ބައެއް އާންމުން ފާހަގަ ކުރަނީ ދެ ކެންޑިޑޭޓުންގެ އެއް ތަފާތެކެވެ. އެއް ބޭފުޅެއްގެ ފަހަތުގައި ތިއްބެވީ ފުރުސަތު ލިބި އެ ހާލަތު ބަދަލު ނުކުރެވުނު ބޭފުޅުން ކަމެވެ. ދެން ހުންނެވީ މެންބަރުންގެ މި ހުރިހާ ކަންބޮޑުވުމެއް ހިފައިން "ހިންގާލަން" ނިކުމެ ހުންނެވި ކެންޑިޑޭޓެއް ކަމެވެ. އެމްޑީޕީގެ މެންބަރުންގެ ނިންމުން މެއި 14 ގައި ނިންމާނެ އެވެ.