އެމްޑީޕީ

އިންތިހާބަށް ފަހު އެމްޑީޕީއަށް ވާނީ ކިހިނެތް؟

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕެއިން ފެށުނީއްސުރެ ކުރެވޭ އެންމެ ބޮޑު ބަހުސަކީ އިންތިހާބަށް ފަހު އެމްޑީޕީއަށް ދެން ވާނެ ގޮތެވެ. އިންތިހާބަށް ނުކުމެ ތިއްބެވީ ދެ ކެންޑިޑޭޓުންނެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ އެންމެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ ކުރީގެ ޗީފް ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. ކެމްޕެއިން ފެށުމާއެކު ފެނިގެން ދިޔައީ އެމްޑީޕީ ސާފުކޮށް ރަނގަޅަށް ދެބައިވި މަންޒަރެވެ. އިންތިހާބަށް ފަހު އެމްޑީޕީއަށް ވާނެ ގޮތަކާމެދު ބޮޑު ބަހުސެއް ހިނގާ ސަބަބަކީ މިިއީ އެވެ.

މިފަހަރުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސާފު މެޖޯރިޓީ އޮތީ މިނިސްޓަރު ފައްޔާޒާއެކުގައެވެ. މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ގެންދަވަނީ ފާޅުގައި ފައްޔާޒާއެކު ހުންނެވިކަން ހާމަކުރައްވާ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އިންތިހާބުގެ ތާރީހު ފަސްކުރަން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއިން އެ މަޖިިލީހުގެ ސާފު އަޣުލަބިއްޔަތުވެސް ފައްޔާޒަށް އޮތްކަން ވަނީ ހާމަވެފައެވެ.

115 މެންބަރުން ބައިވެރިވި ގައުމީ މަޖިލީހުގެ އެ ޖަލްސާގައި 100 މެންބަރުން ތިއްބެވީ ފައްޔާޒާއެކުގައެވެ. މީގެ އިތުރުން ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރުން ގެންދަވަނީ ފައްޔާޒާއެެކު ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އިމްތިޔާޒު ފަހުމީއާއެކު ފެންނަނީ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނުގެ އެންމެ ވަފާތެރި މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނެވެ. ކެމްޕެއިންގެ ފޯރި ގަދަވެ ކެންޑިޑޭޓުންގެ މެދުގައި ހޫނު ގަދަ ބަހުސްތައް ދަނީ ހިނގަމުންނެވެ. އިމްތިޔާޒުގެ ކެމްޕެއިން ޓީމުން ގެންދަނީ ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.

އެންމެ ބޮޑު އެއް ތުހުމަތަކީ ޗެއާޕާސަން ކަމަށް ފައްޔާޒު ވަޑައިގެންފިނަމަ ރައީސް ނަޝީދު އެމްޑީޕީ "ބޭރުކޮށްލާނެ" ކަމުގެ ތުހުމަތެވެ. ފައްޔާޒުގެ ނުފޫޒު މިހާރުވެސް ގަދަވެ ނަޝީދު ހުންނެވީ "ބާކީކޮށްލާފައި" ކަމަށްވެސް ތުހުމަތު ކުރައްވައެވެ. ރަށްރަށުގައި ކުރިއަށް ގެންދާ ކެމްޕެއިންގައި އިންތިގެ ޓީމުން އެންމެ ބޮޑަށް ކުރިއަށް ނެރެނީ އެ ވާހަކަ އެވެ. އިންތިގެ ކެމްޕެއިން ތަރުޖަމާން މުހައްމަދު ވަހީދު (ވައްޑޭ) ވެސް އެ ވާހަކަތައް ތަކުރާރުކޮށް ދައްކަވައެވެ. އަދި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ސީރިއަސްކަން ކަނޑުވާލާ އެއީ ކުޑަކަމެއް ކަމަށް ދެއްކުމަށް ސަރުކާރުގެ ތެރެއިން އެންމެ ބޮޑު މަަސައްކަތެއް ކުރެއްވި ބޭފުޅަކީވެސް ފައްޔާޒު ކަމަށް ތުހުމަތު ކުރައްވައެވެ.

ދެން ކުރައްވާ ތުހުމަތަކީ ނުފޫޒުގެ ތުހުމަތެވެ. ސަރުކާރުގެ ވަސީލަތްތައް ފައްޔާޒުގެ ކެމްޕެއިނަށް ބޭނުން ކުރާ ކަމެވެ. މުވައްޒިފުންނަށް ބިރު ދައްކާ މަޖުބޫރު ކުރުވާ ކަމުގެ ތުހުމަތެވެ.

"ބައެއް ބައެއް ވަޒީރުން އަދި ބައެއް ސަރުކާރުގެ ކުންފުނިތަކުން މި އިންތިހާބާ ގުޅިގެން އެތަންތަނުގެ ބައެއް ވެރީން އެބަ ހެސްކިޔާފަ ކެމްޕެއިން ކުރޭ. ހެސްކިޔާފައި ކެމްޕެއިން ކުރައްވަމުން އެ ބޭފުޅުންގެ ކެންޑިޑޭޓަށް ކެމްޕެއިން ކުރަމުން ދަށުގައި ތިބޭ ބޭފުޅުންނަށް އެބަ މަނާ އެެބަ ކުރޭ. ފޭސްބުކްގައި ޕޯސްޓެއް ކުރުން މަނާ އެބަ ކުރޭ. ޕޯސްޓެއް ކުރާނަމަ އިންޒާރު ދެވޭ ގޮތް އެބަވޭ. ބައެއް ފަހަރު މަގާމުތަކުން ސަސްޕެންޑް ކުރާ ހާލަތަށް ގެންދޭ. މިއީކީއެއް ނޫން އަޅުގަނޑުމެން މި ޕާޓީ ބިނާކުރަން ބޭނުންވި އުސޫލަކީ ހަމައަކީ. އެހެންނަމަވެސް މިއަދު މި ހަގީގަތް އޮތްކަން އެބަ ހާމަވޭ،" އިމްތިޔާޒު ވިދާޅުވިއެވެ.

މިހެން ގޮސް ވަރަށް ތުހުމަތުތަކެވެ. ނަމަވެސް އެ ހުރިހާ ތުހުމަތަކެއް މިނިސްޓަރު ފައްޔާޒު ދޮގު ކުރައްވައެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި އޭނާގެ މުޅި ކެމްޕެއިން ބިނާ ކުރައްވާފައިވަނީ ޑިމޮކްރަޓިކް ހަމަތަކުގެ މައްޗަށެވެ. އަދި އެ ހަމަތަކުން ފެޔަށް ޖެހިވަޑައިނުގަންނަވާނެ އެވެ. އަދި އިންތިހާބަށް ފަހު އެމްޑީޕީ ބައިބައިވާނެ ކަމަށް ގަބޫލެއް ނުކުރައްވައެވެ. ވިދާޅުވީ އެއީ ކޮންމެ އިންތިހާބަކަށް ބަޔަކު ނިކުމެ ފަތުރާ ވާހަކަތަކެއް ކަމަށެވެ.

"އެމްޑީޕީއަށް 16 އަހަރު ވެއްޖެ، ކޮންމެ އިންތިހާބެއްގައި ވެސް ބައިބައިވާ ވާހަކަ ދައްކާ ދެއްތޯ. އެކަމަކު ބައެއް ނުވޭ. އެމްޑީޕީ ދަނީ ވަރުގަދަ ވަމުން. އަދިވެސް މި އިންތިހާބަށްފަހުވެސް އިދާރަފުޅުން އެމްޑީޕީ ދާނީ އިތުރަށް ވަރުގަދަ ވަމުން. އަޅުގަނޑުމެންގެ މެންބާޝިޕްވެސް އިރާދަކުރެއްވިއްޔާ އިތުރުވާނެ. އަޅުގަނޑުމެންގެ ހިންގުންވެސް ހަރުދަނާވާނެ. އަދި އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް ނިސްބަތްވާ އަދި އިސްލާހަށް ލޯބިކުރާ މީހުން މަގުމަތިވިޔަކަ ނުދޭނަން އަޅުގަނޑުމެން 2023 އަކު،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ނަޝީދު ޕާޓީން ބޭރުކުރެއްވުމަކީ އޭނާ ކުރައްވާނެ ކަމެއް ނޫނެވެ. އަދި އެމްޑީޕީން ނަޝީދު ބޭރުކޮށްލެވޭނެ ވަރުގެ ބޭފުޅަކު އަދި ނެތް ކަމަށެވެ. ދެން ވިދާޅުވީ އެމްޑީޕީ އެހެން ހަރުފަތަކަށް ގެންގޮސް "ހިންގާލަން" ކުރައްވާ މަސައްކަތް ކާމިޔާބު ކުރައްވާނީ ވެސް ރައީސް ނަޝީދާއެކުގައި ކަމަށެވެ.

"އަދިއެއް މިރާއްޖެއަކު ރައީސް ނަޝީދު އެމްޑީޕީއަކުން ބޭރު ކުރެވޭ ވަރުގެ އެއްވެސް މީހަކު ނެތް. އެކަން އެމްޑީޕީގެ މެންބަރުންނަށް ސާފު ވާނެ. އެހެންވީމަ އަޅުގަނޑުމެން މި އުޅެނީ މި ޕާޓީ ހަމަ ހިންގާލަން ވެގެން އިނގޭތޯ. އަޅުގަނޑުމެން މި ޕާޓީ ހިންގާނީ ރައީސް ނަޝީދާވެސް އެއްކޮށް އިރާދަކުރެއްވިއްޔާ،" ތުހުމަތުތަކަށް ރައްދު ދެއްވާ ފައްޔާޒު ވިދާޅުވިއެވެ.

ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތާއި ވަޒީފާގެ ބިރު ދައްކާ ކަމަށް ކުރާ ތުހުމަތުތައް ފައްޔާޒު އަނބުރާލެއްވީ އަނެއް ކޮޅަށެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި އެފަދަ ކަމެއް އޭނާގެ ޓީމުން ނުކުރައްވައެވެ. ކުރައްވަން ޖެހިވަޑައިގަންނަވާ ސަބަބެއްވެސް ނެތެވެ. ނަމަވެސް ނުފޫޒު ފޯރުވުނު ގޮތަކަށް ނުފޫޒު ފޯރުވަން ވާދަވެރި ކެންޑިޑޭޓްގެ ކެމްޕެއިނުން މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށެވެ.

"ނުފޫޒުގެ ވާހަކަ ދެއްކެވީމަ ނުފޫޒު ފޯރުވަނީ ކޮން ބައެއްކަން ބަލާލީމަ ވަރަށް ސާފުކޮށް ފެެންނިވަޑައިގަންނަވާނެ. މިއީ ސިޔާސީ ޕާޓީއެއް. ސިޔާސީ ޕާޓީއެއްގައި ތިއްބަވާ މަޖިލީސް މެންބަރުންވެސް އެއީ ނުފޫޒު. ޕާޓީގައި އިންތިހާބެއް އޮންނަނަމަ މި ދެންނެވި ބާރުގެވެރި ފަރާތްތަކުންނާއި އަދި އެހެނިހެން ފަރާތްތަކުން އުޅޭނެ. މަޖިލީސް މެންބަރެއް އަޅުގަނޑާއެކު އުޅެގެން އެއީ ނުފޫޒު ފޯރުވުން ކަމަށް ވަންޏާ އަޅުގަނޑަށް ނޭންގެ މަޖިލީހުގެ ނާއިބު ރައީސް އާއި ޕާޓީގެ ނާއިބު ރައީސް ހުންނެވީމަ އެ ވަނީ ކޯއްޗެއް ކަމެއް. އަދި ޕާޓީގެ ރައީސް ހުންނެވީމަ އެވަނީ ކޯންޗަކަށް ކަމެއް. އެހެންވީމަ ބޭކާރު ވާހަކަ ނުދައްކަވާ އެ ވިދާޅުވާ ފަދަ ސާފު ތާހިރު ކެމްޕެއިނެއް ކުރެއްވީމަ ހުންނާނީ ރަނގަޅަށް. އަޅުގަނޑުމެން އެ މަސައްކަތައިގެން މި ދަނީ ކުރިއަށް،"

ކެމްޕެއިންގެ ފޯރި ގަދަވެ ބަހުގެ ހަމަލާތަކުގެ ހޫނު ގަދަވަމުންދާއިރު އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށް ކަމަށް ބުނެވެއެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށް ކަމަށް ބުނެވެއެވެ. ނަމަވެސް ދެ ރައީސުން އެފަދަ ވާހަކައެއް ވިދާޅުވެފައެއް ނުވެއެވެ.

އެހެންވިޔަސް ދެ ކެންޑިޑޭޓުންގެ ކޭމްޕުން ޔަގީން ކޮށްދޭ އެއް ކަމެއް އޮވެއެވެ. ފައްޔާޒުގެ ޓީމުން ބުނާ ގޮތުން އިސް ލީޑަރުގެ ފުރިހަމަ ތާއީދު އެބަ އޮތެވެ. އެ މޭރުމުން ފައްޔާޒުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އިމްތިޔާޒުގެ ކޭމްޕުން ބުނަނީ ނަޝީދު ހުންނެވީ އެ ޓީމާއެކު ކަމަށެވެ. ކެމްޕެއިންގައި އެ ޓީމުން ގިނައިން ދައްކަވަނީ ނަޝީދަށް މިހާރު ދިމާވެފައިވާ ހާލަތުގެ ވާހަކައެވެ. އިންތިއަށް ވޯޓް ދީ ނުހޮވައިފިނަމަ އެ ހާލަތު އިތުރަށް ގޯސްވާނެ ވާހަކަ އެވެ. އިމްތިޔާޒަށް ތާއީދު ހޯއްދެވުމަށް ނަޝީދު ބައެއް މެންބަރުންނަށް ފޯނުން ގުޅުއްވާ ކަމަށްވެސް ވާހަކަ ދެކެވެއެވެ.

މި އިންތިހާބާ ގުޅޭގޮތުން ފައްޔާޒުގެ ކެމްޕެއިންގައި އިސްކޮށް ތިއްބެވި ބޭފުޅުން އަމަލު ކުރައްވާ ގޮތުން ޔަގީނުންވެސް ނަޝީދު ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވައެވެ. ދާދި ފަހުން ގައުމީ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް ނަޝީދު ފޮނުއްވެވި މެސެޖްތަކެއްވެސް އާންމުވިއެވެ. ފެނަކަ ކުންފުނީގެ އެމްޑީ ސައީދަށް ވަރަށް ގަދައަށް ދެއްވާފައި އޮތެވެ. ސަރުކާރު ކުންފުނިތަކުގައި ވެރީންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަކި ބޭފުޅަކު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާ ކުންފުނިތަކުގެ ވެރީން އެ ކުންފުނިތަކުގައި ތިބި އެމްޑީޕީގެ މުވައްޒިފުންނަށް ބިރު ދައްކަމުންދާ ކަމަށްވެސް ސާފުކޮށް ވިދާޅުވިއެވެ.

އަދި އެކަންކަން ތަކުރާރު ކުރައްވާނަމަ ފާޅުގައި ނިކުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކެރިވަޑައިގަންނަވާނަމަ އެމަނިކުފާނު ޕާޓީން ވަކިކުރައްވަންވެސް އެދިވަޑައިގަތް ޗެލެންޖް ކުރެއްވިއެވެ.

"ފެނަކަ އެމްޑީ ސައީދު؛ ފެނަކަ އަކީ މަނިކުފާނުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރާތި. ރަށްރަށުގެ ފެނަކަ މުވައްޒިފުންނަށް ބިރެއް ނުދެއްކޭނެ. ސައީދު އަޅުގަނޑު މި ޕާޓީ އިން ވަކިކުރާން އުޅުނަސް ފެނަކަ ހުރިހާ މުވައްޒިފުން އެކަމާ ނުރުހޭނެ. އެ މީހުންނަކީ ތަންދޮރު ދަންނަ މީހުން. ދެން ސައީދު މީހަކާ ގުޅައިފިނަމަ އަޅުގަނޑު ފާޅުގައި ނިކުންނާނަން،" ނަޝީދު ލިޔުއްވި މެސެޖެއްގައި ވިދާޅުވިއެވެ.

ޗެއާޕާސަން ހޮވުމުގެ އިންތިހާބު ފޯރިގަދަވެ މިހާރު ގޮސް އޮތް ހިސާބުން އަދި ކިތަންމެ ކަމެއް ފެނިގެން ހިނގައިދާނެ އެވެ. ފަހަރުގައި ނަޝީދު ފާޅުގައި ނިކުންނަވާ ފާނެ އެވެ. އެހެން ވެއްޖެނަމަ އިސް ލީޑަރު ހައްދަވަނީ ކިހިނެތް ހެއްޔެވެ. އެމަނިކުފާނު ހުންނެވި ގޮތް ސާފުކޮށް ވިދާޅުވެ ފާޅުގައި ނިކުންނަވާފާނެ ބާވައެވެ.

އެހެން ވެއްޖެނަމަ އިންތިހާބުގެ ކުރީން މުޅި މަންޒަރު ބަދަލުވީއެވެ. އެހެން ނުވެ އިންތިހާބު ނިމުނު ނަމަވެސް ކެމްޕެއިންގައި މި ހުރި ހޫނު އެހާ ފަސޭހައިން ކެނޑިގެންދާނެ ކަމަކަށް ނުބެލެވެއެވެ. މިހާރުވެސް އެއް ބަޔަކު އެ ތިބީ އިންތިހާބުގެ އިންސާފުވެރި ކަމާމެދު ސުވާލު އުފައްދައިގެންނެވެ. ނުފޫޒު ފޯރުވާ ކަމަށް ބުނެ އެތައް މައްސަލައެއް ކަމާގުޅޭ ކޮމެޓީގައި ވެއްޖެ އެވެ. އެކަންކަން ނުބަލާ ކަމަށްވެސް ތުހުމަތު ކުރެއެވެ.

ސަރުކާރުން އިސްވެ ވަކި ކެނޑިޑޭޓަކު ހޮވަން މަސައްކަތް ކުރާ ކަމަށް ބުނެއެވެ. ކެންޕެއިން ހަރަކާތްތައް އެންމެ ފުޅާކޮށް އޮތީ ރައީސް އޮފީހުގައި ކަމަށްވެސް ބުނެއެވެ. މި ހުރިހާ ތުހުމަތުތަކެއް ހުރެ އެއިން ކަމަކަށް ތުހުމަތު އުފައްދާ ފަރާތަށް ޖަވާބެއް ނުލިބި ވަނިކޮށް އިންތިހާބު ނިމިއްޖެނަމަ ނަތީޖާ ގަބޫލު ކުރާނެ ހެއްޔެވެ. ނަތީޖާއާމެދު ސުވާލު ނުއުފައްދާނެ ހެއްޔެވެ. އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބުނެފާނެ އެވެ.

މީގެ އިތުރުން އިންތިހާބަށް ފަހު މިދިޔަ 16 އަހަރު އެ ޕާޓީގައި އޮތް ރައީސް ނަޝީދުގެ އާރާއި ބާރަށް ބަދަލުތަކެއް އަންނާނެކަން އެއީވެސް ގައިމު ކަމެކެވެ. އެހެންވެއްޖެނަމަ އެއީ ސިޔާސީ މައިދާނަށް އަންނާނެ އެންމެ ބޮޑު އެއް ފުރޮޅުމެވެ. ނަމަވެސް އެ ބަދަލުތައް ބަލައިލާން އަދި އޮތީ އިންތިޒާރުގައި ތިބުމެވެ.