ހިނގަމުން މިދަނީ އެމްޑީޕީގެ ތާރީހުގައި އެ ޕާޓީއަށް ވަރަށް މުހިންމު ދުވަސްތަކެކެވެ. ބައެއް މީހުންގެ ނަޒަރުގައި އެމްޑީޕީއަށް ބޮޑު ބަދަލެއް އަންނަން ތައްޔާރު ވަނީ އެވެ. އެމްޑީޕީ އަށް ބޮޑު ފުރޮޅުމެއް އަންނަނީ އެވެ. އެ މަންޒަރު ހަގީގަތަކަށްވާނެ ހުރިހާ ކަމެއް ފެންނަމުންދާ ކަމަށެވެ. އެ ބަދަލުގެ ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުވެވަޑައިގަތުމެވެ. އެއާއެކު އެމަނިކުފާނު ވެވަޑައިގެންފައިވަނީ އެމްޑީޕީގެ އިސް ލީޑަރަށެވެ. ޕާޓީގެ އެންމެ އިސް ފަރާތަށެވެ.
އޭގެ ފަހުން ފަހަރަކު ކަމެއް ފަހަރަކު ކަމެއް ދަނީ ފެންނަމުންނެވެ. މިދިޔަ 16 އަހަރެއްހާ ދުވަހު އެމްޑީޕީގެ ހިތަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީން ނިންމާ ކޮންމެ ނިންމުމެއް ބިނާވެފައި އޮތީ އެމަނިކުފާނުގެ ވިސްނުންފުޅުގެ މައްޗަށެވެ. އެމަނިކުފާނު ނިންމަވާ ގޮތެއްގެ މައްޗަށެވެ. ކަމަކަށް އެމަނިކުފާނު ބަހެއް ވިދާޅުވެއްޖެނަމަ އެކަމެއް ނިމިދަނީ އެ މަގުންނެވެ. ކަމެއް ނިންމާނަމަ އެންމެ ފުރަތަމަވެސް ބަލަނީ އެމަނިކުފާނުގެ ވިސްނުންފުޅަށެވެ.
ނަމަވެސް އެކަން މިހާރު ބަދަލުވެއްޖެ އެވެ. މި ފަހުން އެމްޑީޕީން ނިންމި އެއްވެސް ނިންމުމެއްގައި ރައީސް ނަޝީދުގެ ވިސްނުންފުޅަށް ކުރި ލިބިފައެއް ނެތެވެ. މަޖިލީހުގެ ރައީސަކަށް ބޭފުޅަކު ގެނައުމަށް ކުރި މަސައްކަތުގައިވެސް ނަޝީދަކަށް ކުރިއެރުމެއް ލިބިވަޑައިނުގަތެވެ. އެންމެ ފަހުން އެކަން ހައްލު ކުރެއްވީ އެމަނިކުފާނު ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވައިގެންނެވެ. އޭގެ ފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުން ވަކިކުރެއްވުމަށް ނަޝީދު ފެއްޓެވި މަސައްކަތް ހުއްޓުވިއެވެ. ފުރަތަމަ މަޖިލީސްތެރެއިންނެވެ. އޭގެ ފަހުން ގައުމީ މަޖިލީސްތެރެއިން އެކަން ކުރައްވަން ދިމާކުރެއްވުމުންވެސް ފެއިލް ކޮށްލެއްވިއެވެ. އަދި އެމްޑީޕީގެ ކޮންގްރެސް އެއްކޮށް ގޮތް ނިންމަން މަސައްކަތް ކުރުމުން އެކަންވެސް ކުރިއަކަށް ނުދިނެވެ. އެންމެ ފަހުން ފައްޔާޒު ދުރުކުރުމުގެ މަސައްކަތް ހުއްޓާލަން މަޖުބޫރުވީއެވެ.
އޭގެ ފަހުން އެމްޑީޕީގެ އިސްތިއުފާނު ފަނޑިޔާރުންްގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުން އޮތެވެ. އެ އިންތިހާބަށް ދެ ރައީސުންގެ ފަރާތްޕުޅުން ކެންޑިޑޭޓުން ނެރުނެވެ. ރައީސް ނަޝީދު ނެރުއްވި ޓީމުގައި ގިނައިން ތިއްބެވީ އެމްޑީޕީގެ ވަރަށް ދުވަސްވީ ތަޖުރިބާކާރު ބޭފުޅުންނެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް ކާމިޔާބު ލިބޭ ގޮތެއް ނުވިއެވެ. މުޅި ޓީމު އެއްކޮށް ފެއިލްކޮށް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީސް އެކުލަވާލެވުނީ ރައީސް ސޯލިހްގެ ލިސްޓްގައި ތިއްބެވި ބޭފުޅުންގެ މައްޗަށެވެ.
އެއާއެކު ނަޝީދު އިސްވެ ހުންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ހައްދަވާފައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ފަދަ ބޭފުޅުންނަށް އިންތިހާބުން ފުރުސަތު ތަނަވަސްވިއެވެ. އަދި ގައުމީ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ރައީސް ސޯލިހަށް ވަފާތެރި މެންބަރުން ކާމިޔާބު ކުރެއްވިއެވެ.
އޭގެ ފަހުން އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ އިންތިހާބުގެ ކަންކަން ނިމިދިޔައީވެސް އެ މަގުންނެވެ. ނަޝީދުގެ ނާކާމިޔާބު ލިސްޓަށް ބޮޅެއް އިތުރުކުރަމުންނެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މަގާމުތަކުގައި މިހާރު މުޅީންހެން އެ ތިއްބެވީ ރައީސް ސޯލިހްގެ ތާއީދު އޮތް ބޭފުޅުންނެވެ. ރައީސް ނަޝީދުގެ ތާއީދުގައި ނިކުތް ބޭފުޅުންނަށް ކާމިޔާބު ހޯދޭގޮތް ނުވީއެވެ.
މިރެއަކީވެސް އެމްޑީޕީއަށް ބޮޑު ރެއެކެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ޖަލްސާ އެއް މިރޭ އޮންނާނެ އެވެ. މިރޭ ގައުމީ މަޖިލީހުން ނިންމާ ނިންމުމަކީ ބޮޑު ނިންމުމެކެވެ. އެއީވެސް ރައީސް ނަޝީދުގެ ނާކާމިޔާބު ލިސްޓަށް ބޮޅެއް އިތުރުކުރުވާނެ ނިންމުމަކަށް ވެދާނެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ތާރީހާ މެދު ދެބަސްވުން އުފެދުނީ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިންތިހާބުގެ ތާރީހު ފަސްކޮށް ދެއްވުމަށް އެދިވަޑައިގަތުމުންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން މިހާރު ހަމަޖައްސާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހާ އެވެ. އެހެން ކަމުން މެންބަރުންނަށް ފަސޭހަ ކޮށް ދިނުމަށް އިންތިހާބު ފަސްކޮށްދޭން ފައްޔާޒު އެދިވަޑައިގަތީ އެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައެވެ. އިންތިގެ ޓީމުން ވަނީ އިންތިހާބީ ތާރީހު އެންމެ ދުވަހަކަށްވެސް ފަސްކުރަން ފުުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އިންތިހާބުގެ ތާރީހާ ކުޅެން މަސައްކަތް ކުރަނީ ވޯޓް ހަރާބުކޮށް ގަޑުބަޑުކުރުމަށް ކަމަށްވެސް ތުހުމަތު ކުރެއެވެ. އިންތިހާބު އަވަސް ކުރަން މަޝްވަރާ ކުރެވިދާނެ ކަމަށާ ނަމަވެސް އެންމެ ދުވަހަކަށްވެސް އިންތިހާބު ފަސްކުރަން މަޝްވަރާވެސް ނުކުރެވޭނެ ކަމަށް އިންތިގެ ޓީމުން ދެކެއެވެ.
ނަމަވެސް މިހާރު މި އޮތީ އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ތާރީހާ މެދު ގޮތް ނިންމަން ގައުމީ މަޖިލީހަށް އެޖެންޑާ ކޮށްފައެވެ. އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ގޮތް ނުނިމި ގައުމީ މަޖިލީހަށް މައްސަލަ ދިޔައިރު މިރޭގެ ނިންމުން އެއްގޮތަކުން ވަރަށް ސާފެވެ. އެއީ ފައްޔާޒު ބޭނުންފުޅާ ގޮތަށް އިންތިހާބުގެ ތާރީހު ފަސްކުރުމެވެ. އެހެން ވެއްޖެނަމަ އެ ނިންމުން ވާނީ އެމްޑީޕީއަށް ބޮޑު ނިންމުމަކަށެވެ. އަދި އެ ޕާޓީގެ ތެރޭގައި ބާރާއި ނުފޫޒު އޮތް ގޮތް އިތުރަށް ވަޒަންކޮށްލަން ލިބޭ ރަނގަޅު ފުރުސަތަކަށެވެ. މިރޭގެ ނިންމުމާމެދު ބައިބައިވުން ބޮޑު އެމްޑީޕީގައި އިތުރު ރެނދުލައި ބާގަނޑުތައް ބޮޑުވެސްވާނެ އެވެ.