އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް 60 ރަށަށް ވަޑައިގެންނެވުނުއިރު އެމްޑީޕީގެ ޖަހަގައެއް އެއިން އެއްވެސް ރަށެއްގައި ނުހިނގާ ކަމަށް އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ނ އަތޮޅުގެ ކެނދިކުޅުދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އެމްޑީޕީ މިހާރު އޮތް ހާލަތު ބަދަލުކޮށް އެ ޕާޓީ ރަނގަޅަށް "ހިންގާލަން" ކަމަށެވެ. މި ކެމްޕެއިންގައި މިހާތަނަށް 60 ރަށަށް ވަޑަައިގެންނެވިއިރު ކޮންމެ ރަށަކުންވެސް ފެނުނީ އެމްޑީޕީ ނުހިނގާ ހުއްޓިފައި އޮތް މަންޒަރު ކަމަށް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި މާލޭގެ މައި އޮފީހާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެކަން ތަކުރާރު ވިޔަ ނުދިނުމަށް އޭނާއަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ.
އަދި ވިދާޅުވީ ވާދަކުރައްވަން ނިކުމެ ހުންނެވީ މިދިޔަ 16 އަހަރު އެމްޑީޕީ ހިންގާލަން ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. ފެއިލްވެފައި ތިބި ބަޔަކަށް އަލުން ފުރުސަތު ދެއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރު ހިނގާ އުސޫލުން އެމްޑީޕީ ހިންގަން ޖެހޭ ކަމަށާ ޕާޓީގެ ހިންގުން ހުއްޓުވާފައި ނުބޭއްވޭނެ ކަމަށެވެ.
"އަޅުގަނޑު މި މަސައްކަތް ކުރަނީ ހަމަ ހަގީގަތުގައިވެސް އެމްޑީޕީ ހިންގާލަން. މި ޕާޓީއެއް މި ތިން އަހަރުތެރޭ ހިނގާފައެއް ނެތް. މި ޕާޓީގެ ހުރިހާ ލީޑަރުންތައް ސަރުކާރަށާއި މަޖިލީހަށް ދިއުމުގެ ސަބަބުން ޕާޓީ އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި. 2023 އެއް އަޅުގަނޑުމެންނަށް ލިބޭ ކަށެއް ނެތް މިގޮތަށް މިކަން އޮވެގެނެއް. މިހާ ގިނަ ޕްރޮޖެކްޓްތަކާއި އެއްޗެހި ހިންގާއިރުގަވެސް އިލެކްޝަނެއްގައި އެއީ ވޯޓަށް ބަދަލުވާ ކަމެއް ނޫން. ވޯޓަށް އެކަން ބަދަލުވަނީ ތި ބޭފުޅުން ކުރައްވާ މަސައްކަތަކުން. ތިބޭފުޅުންގެ ރޫހު އާލާވެގެން،" ފައްޔާޒު ވިދާޅުވިއެވެ.
މި ޕާޓީ ނުހިނގާކަން އެނގިވަޑައިގަންނަވާނެ ތިބޭފުޅުންނަށް އަޅުގަނޑަށް ވުރެ ބޮޑަށް. އަޅުގަނޑު މި ދަތުރުގައި 60 ވުރެ ގިނަ ރަށްރަށަށް އެރިއިރުގައި އެންމެ ރަށެއްގައިވެސް ޕާޓީގެ ޖަގަހައެއް ނުހިނގާ. ޕާޓީގެ އާންމު މެންބަރުންނާއި ޕާޓީގެ މާލެއާ ގުޅުމެއް އޮތް ކަމަކަށް ނުވޭ. އަޅުގަނޑު ތިބޭފުޅުންނަށް މި ހުށައަޅާ އަޅުގަނޑު އެކަން ބަދަލު ކުރާނަމޭ. އަޅުގަނޑަށް އެ ފުރުސަތު ދެއްވާށޭ. އަޅުގަނޑާ ވާދަކުރައްވާ ބޭފުޅާއާ އެ ބޭފުޅާގެ ޓީމަކީ މިދިޔަ 16 އަހަރު ވަދެން އެކަން ހަވާލުކުރެވިފަައި ތިބި ބޭފުޅުންފައްޔާޒް އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު
ފައްޔާޒު ވިދާޅުވީ އެކި ތުހުމަތުތައް ކުރައްވާ އިމްތިޔާޒުގެ ކެމްޕެއިން ތަރުޖަމާން އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ދައްކަވަނީ "ވަރަށް ޗީޑި" ވާހަކަތަކެއް ކަމަށެވެ. އަދި އެ ބޭފުޅުން މިހާރު އުޅުއްވަނީ އިދިކޮޅު ޕީޕީއެމްގެ މެންބަރުން އުޅުއްވާ ގޮތަށް ކަމަށް ވިދާޅުވިއެވެ.
ފައްޔާޒު ވަނީ އެމްޑީޕީ ފިތުނަ ކުރަން މަސައްކަތް ނުކުރައްވާ ރީތި ގޮތުގައި އިންތިހާބުން މޮޅުވެވޭތޯ މަަސައްކަތް ކުރެއްވުމަށް އިމްތިޔާޒުގެ ކެމްޕެއިން ޓީމަށް ގޮވާލައްވާފައެވެ.