އެމްޑީޕީ

ލީޑަރުން ހައްޔަރުކޮށްފިނަމަ އެމްޑީޕީ ހިންގާނެ ބަޔަކު ކަނޑައަޅައިފި

އެމްޑީޕީގެ ލީޑަރުން ހައްޔަރުކޮށްފިނަމަ އެ ޕާޓީގެ ހަރަކާތްތައް ހިންގާނެ ބަޔަކު ކަނޑައަޅައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި ޕާޓީގެ ލީޑަރުން ހައްޔަރުކޮށްފިނަމަ ހަރަކާތްތައް ހިންގާނެ ބަޔަކު ކަނޑައެޅީ އެ ޕާޓީ އިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްގަ އެވެ.

ފައްޔާޒު މިކަން ހާމަކުރެއްވީ އެމްޑީޕީ އިން "ގާނޫނުއަސާސީގެ ދިފާއުގައި" ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ކުރިން އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

ލީޑަރުން ހައްޔަރުކޮށްފިނަމަ އެމްޑީޕީގެ ހަރަކާތްތައް ހިންގާނެ ބަޔަކު ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ބައެއްކަން ފައްޔާޒް ހާމައެއްނުކުރައްވަ އެވެ.

އެމްޑީޕީ އިން ރޭ ވަނީ އެ ޕާޓީ އިން ކުރިއަށް ގެންދާ އިހްތިޖާޖު ކުރުންތައް މުޅި ރާއްޖެއަށް ފަތުރާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

އެމްޑީޕީ އިން މުޅި ރާއްޖެއަށް އިހްތިޖާޖުތައް ފުޅާކުރަން ނިންމާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރުވީއިރު ސަރުކާރުން ރައްޔިތުންނަށް ވީވައުދުތައް ފުއްދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާ ގުޅިގެން އާންމު ދިރިއުޅުމަށް ދަތިވެފައިވާ ކަމަށްވެސް ބުންޏެވެ.

އެމްޑީޕީގެ އިހްތިޖާޖުތައް މުޅި ރާއްޖެއަށް ފުޅާކުރަން ނިންމި ނަމަވެސް އެކަން އަމަލީ ގޮތުން ކުރާނެ ދުވަހެއް އަދި އިހްތިޖާޖުތައް ފުޅާކުރުމަށް ކުރާނެ ކަންކަމުގެ ތަފްސީލް އެމްޑީޕީ އިން ދީފައެއް ނުވެ އެވެ.