ފައްޔާޒް އިސްމާއީލް

ރައީސަށް 59 ޕަސަންޓް ވޯޓު ހޯދަން މަސައްކަތްކުރަން އެދިވަޑައިގެންފި

ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް 59 ޕަސަންޓް ވޯޓު ހޯދުމަށް މަސައްކަތްކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ޖަގަހައެއް ހުޅުވުމަށް އިއްޔެ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް 56 ޕަސަންޓް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ.

"56 ޕަސަންޓްގެ ވާހަކަ އަޅުގަނޑު ދެންނެވީ ސަމާސާއަކަށް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

ރައީސް ސޯލިހަށް 56 ޕަސަންޓް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ފައްޔާޒު ވަނީ އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ކާނިވާގައި ބޭއްވި ޖަލްސާގައިވެސް ވިދާޅުވެފަ އެވެ.

އަދާލަތު ޕާޓީގެ ޖަގަހަ ހުޅުވުމުގެ ހަފުލާގައި ފައްޔާޒު ވަނީ އިންތިހާބަށް ބާކީ އޮތް ދުވަސްތަކުގައި އިތުރަށް މަސައްކަތްކޮށް އެ އަދަދު 59 ޕަސަންޓަށް އިތުރުކުރުމަށް އެދިވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ކޯލިޝަންގައި ހިމެނުނު ނަމަވެސް މިފަހަރުގެ އިންތިހާބުގައި ކޯލިޝަންގައި ނުހިމެނޭ ބޭފުޅުންނާއެކު އެ އިންތިހާބަށްވުރެ ބޮޑު ނަތީޖާއެއް ހޯދުމަކީ އަމާޒެކެވެ. ބޭނުމަކީ ބޮޑު އަގުލަބިއްޔަތެއް ހޯދުން ކަމަށްވެސް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މިވެރިކަން ކުރިއަށް އޮތް ފަސް އަހަރުވެސް ދިއުމަކީ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތް ކަމަށާއި ކުރީގެ އަނިޔާވެރިކަމަށް ދާން އެކަކުވެސް ނޭދޭ ކަމަށެވެ.