ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަދާލަތާއި އެމްޑީއޭއަށް ސަރުކާރުގެ މަގާމުތައް ދޭނެ ގޮތެއް އަދި ނުނިންމަން: ރައީސް

ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގެންފިނަމަ ކޯލިޝަން ބައިވެރިންނަށް ސަރުކާރުގެ ތެރެއިން މަގާމުތައް ދޭނެ މިންވަރު އަދި ކަނޑައަޅާފައި ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހްގެ ޕާޓީ -- އެމްޑީޕީއާ އެކު ރިޔާސީ ދެވަނަ ދައުރަކަށް ކޯލިޝަން ހަދާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަސް (އެމްޑީއޭ) އާއި އަދާލަތު ޕާޓީ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަލަށް ހެދި ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކަށް ކެބިނެޓުން ޖާގަ ލިބޭނެ ކަމަށެވެ. އެކަމަކު އެ އަދަދާ މެދު ގޮތެއް ނިންމަން ޖެހޭނީ އަދި އިތުރަށް މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިމަތީގައި އޮތީ އިންތިހާބުގެ އެންމެ ފޯރިގަދަ ދުވަސްތައް ކަމަށްވާތީ އެމަނިކުފާނާއި އަދި ކޯލިޝަން ބައިވެރިންގެ ވެސް މައިގަނޑު އަމާޒު މިވަގުތު ހުރީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ.

"ދެން މި ހުރި ކަންކަމަކީ އަޅުގަނޑުމެންނަށް ވާހަކަދައްކައިގެން އެއްބަސްވެވިދާނެ ކަންތައްތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީވެސް ކޯލިޝަނެއް ހަދައިގެންނެވެ. ހިނގަމުން މިދާ ރިޔާސީ ދައުރަށް ރައީސް ސޯލިހްގެ އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވަނީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި އަދި އެމްއާރްއެމް އެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހް ކެމްޕޭން ފެއްޓެވުމުގެ ކުރިން ޖުމްހޫރީ ޕާޓީއާއި، އަދާލަތާއި އެމްއާރްއެމް އަށް އެމަނިކުފާނާ އެކު ކުރިއަށް ދިއުމަށް ދައުވަތު ދެއްވި އެވެ. އަދާލަތުން ދައުވަތު ގަބޫލުކުރި ނަމަވެސް ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމް އިން ނިންމީ ވަކިން އިންތިހާބުގައި ވާދަކުރުމަށެވެ.