ނިމިދިޔަ ސަރުކާރުތަކުގައި ބާކީކޮށްލާފައިވާ ރަށްތަކަށް ބަދަލުތަކެއް މިފަސް އަހަރުގެ ތެރޭގައި އެހީތެރިވެ ބަދަލުތަކެއް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ވ. ތިނަދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ބައެއް ރަށްތައް އަދި ބައެއް ރައްޔިތުން ބާކީކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މިވެރިކަމުގެ ތެރޭގައި އެއްވެސް ރައްޔިތަކަށް ބާކީކޮށްލި ކަމުގެ އިހުސާސް ނުވާނެ ކަމުގައި ވިދާޅުވި އެވެ. ސިޔާސީ ވިސްނުން ތަފާތުވިޔަސް ސަރުކާރުން ދޭންޖެހޭ ހިދުމަތްތަކުގައި އެއްވެސް ރައްޔިތަކު ބާކީކޮށްފައި ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މ. އަދި ވ. އަތޮޅަކީވެސް ކުރީގެ ސަރުކާރުތަކުން އަޅާނުލައި ދޫކޮށްލި ދެ އަތޮޅު ކަމަށެވެ. އެ ދެ އަތޮޅުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދީފައި ނުވާތީ އެ ރަށް ރަށަށް ނިސްބަތްވާ ރައްޔިތުން އެމީހުން އުފަން ރަށް ދޫކޮށް އެހެން ރަށް ރަށަށް ހިޖުރަކޮށްފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
"މިހިސާބުގެ ހުރިހާ ރަށަކީވެސް އެގޮތަށް ކަންދިމާވެފައިވާ ރަށްތައް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ދޫކޮށްލި ރަށްތަކަށް މިސަރުކާރުން އެހީތެރިވުމާ ގުޅިގެން އެ ރަށްތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް މިއަދު ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި އެ ރަށްތަކުގެ ރައްޔިތުންނަށް މިސަރުކާރުންވީ ވައުދުތަކާއި އެއްގޮތަށް ކަންކަން ހާސިލްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވީ ވައުދުތަކާއި އެއްގޮތަށް ކަންތައްތައް ކުރަމުންދާކަން މިއިން ކޮންމެ ރަށެއްގެ ރައްޔިތަކުވެސް އަޅުގަނޑު ހިތުން މިހާރު ގަބޫލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތިނަދޫ އަކީ އާބާދީ ކުޑަ ރަށަކަށްވީ ނަމަވެސް ސަރުކާރުން ގެންނަ ބަދަލާ އެކު ތިނަދޫ އަކީ އިގްތިސާދީ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާކުރެވޭނެ ރަށެއް ކަމަށެވެ.
"މުޅި ރާއްޖެއިން ދެކެން ބޭނުންވާ ތަރައްގީ މިހާރު ތިނަދޫ އިން ވެސް ފެންނަން ފަށައިފި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރުގައި ދިވެހިި ރައްޔިތުންނަށް ހޯދައިދޭން ބޭނުންވާ "އުފާވެރި އަމާން ރާއްޖެ" ހޯދައިދޭނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މަޝްވަރާއާ އެކު ކަމަށެވެ. އެއީ ސަރުކާރެއް ހިންގާއިރު އަދި ތަރައްގީ ވަމުންދާ ގައުމެއްގައި ކަންކުރަންޖެހޭނެ ގޮތް ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެކަނިވެސް [އިންތިހާބަށް] ނިކުމެވިދާނެ. އެހެންނަމަވެސް އެއީ މި ގައުމަށް އެންމެ ބޭނުންތެރި ގޮތެއް ނޫން. މި ގައުމަށް އެންމެ ރަނގަޅު ގޮތް ހޯދޭނީ ކޯލިޝަނަކާއެކު." ރައީސް ވިދާޅުވި އެވެ.