ހިޔާލު ތަފާތު މީހުންނާއެކު މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި ނަމަވެސް ގައުމަށް ހަމަޖެހުމާއި ތަރައްގީ ގެނެވެން އޮތީ ގިނަ ބަޔަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކެމްޕޭން ދަތުރެއްގައި މިއަދު ވ. ކެޔޮދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ހިތްހަމަޖެހޭ ވަރުގެ ރަނގަޅު މަސައްކަތްތަކެއް ރައްޔިތުންނަށްޓަކައި ކޮށްދެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަންކަމަށް ވާސިލްވެވުނީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރެވިގެން ކަމުގައި ވިދާޅުވި އެވެ.
"މިކަންކަން ކުރެވުނީ ގިނަ ބަޔަކު އެކުވެގެން ސަރުކާރެއް ހިންގަން ނިކުތުމުން. މިއަދާ ހަމައަށް އެ ހަމަޖެހުން ދެމެހެއްޓުނީ އެ ކޯލިޝަން އެ ގޮތުގައި ދަމަހައްޓައިގެން،" ކޯލިޝަނެއް ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިޔާލު ތަފާތުވާ މީހުންނާއެކު މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެކަމަކު ގިނަ ބައެއްގެ ހިޔާލުތައް ބަލައި އެއްތަންކޮށް އޭގެ ތެރެއިން ގިނަ ބަޔަކަށް ރަނގަޅު ގޮތް ބަލައި އެގޮތަކަށް މަސައްކަތް ކުރުމަކީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވިދާޅުވި އެވެ. ހިޔާލުތަފާތުވުންތަކަށް ޖާގަ ދޭން ވާނެ ކަމަށާއި ތަރައްގީވެފައިވާ ގައުމުތަކުގައިވެސް ހިޔާލުފާޅުކުުރުމުގެ ފުރުސަތު އޮންނަ ކަމުގައި ވިދާޅުވި އެވެ.
"ވަކި ބަޔަކު ބާކީ ކޮށްފައި ވަކި ބަޔަކު އެކަނި ދެކޭ ގޮތަށް ކަންކުރަން ފަށައިފިއްޔާ ހަމަނުޖެހުމާއި އަމާންކަން ގެއްލިގެން ދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް -- ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު ރައީސްއާ އެކު ދެވަނަ ދައުރަކަށް އަދި މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އެމްޑީއޭ އާއި އަދާލަތު ޕާޓީންނެވެ. މިކޯލިޝަނަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މި ކޯލިޝަނަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފަދަ ސަރުކާރެއް ކުރިއަށް އޮތް ދުވަސްތަކުގައި އުފައްދައިދޭނެ ކޯލިޝަނެއް ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ހިނގަމުން މިދާ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކުރަން ވައުދުވި ކަންކަމުގެ ތެރެއިން 90 ޕަސަންޓަށް ވުރެ ވެސް ގިނަ ވައުދުތައް ފުއްދިފައިވާ ކަމަށެވެ. ނުވަތަ ފުއްދައިދިނުމާ ކައިރިއަށް ގޮސްފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް ވީ ވައުދުގެ 90 ޕަސަންޓަށް ވުރެ ގިނަ ވައުދު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މިއަދު ކޮށް ނިމި ހިނގަމުން އެދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ރަށްތަކަށް ކުރެއްވި ޒިޔާރަތުގައި އެ ރަށްތަކުގައި ކުރަން ހުރި މަސައްކަތްތަކުގެ ގޮތުގައި ދިގު ލިސްޓެއް ކޮންމެ ރަށަކުން އެމަނިކުފާނާ ހަވާލުކުރެއްވި ކަމަށެވެ. ނަމަވެސް މިއަދު ރަށްރަށަށް ދާއިރު ރަށްތަކުން ބުނަނީ ގިނަވެގެން ދެތިން ކަމެއް ކުރުމަށް ކަމަށް ވިދާޅުވި އެވެ. ކުރިން ލިސްޓް ދިގުވެފައި އޮތީ ކުރީގެ ސަރުކާރުތަކުން ރަށްރަށުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތައް އަދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދީފައި ނުވާތީ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުން ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު އެ ރަށެއްގެ ރައްޔިތުން އެހެން ރަށްރަށުގެ ރައްޔިތުންނަށް ކިޔައިދިނުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިނުގެންފިނަމަ މިސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ދެން އަންނަ ވެރިކަމެއްގައި ހުއްޓި ނުވަތަ މުޅިން އެހެން ގޮތަކަށް ބަދަލުވެގެން ހިނގައިދޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެެވެ.