ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޯލިޝަން ޕާޓީތަކުގެ ކެމްޕޭން ޓީމުތަކާ ރައީސް ބައްދަލުކުރައްވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށްޓަކައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ ޕާޓީތަކާ ރައީސް ސޯލިހް މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.

ރައީސް ސޯލިހް މިއަދު ބައްދަލުވުން ކުރިއަށް ގެންދެވީ އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާވެސް އެކު އެެވެ.

މިބައްދަލުވުމާ ގުޅޭގޮތުން އަވަސް އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ ރައީސްއާ އެކު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ބޮޑު އީދު ބަންދަށްފަހު ކެމްޕޭން ހަރަކާތްތައް ފެށުމަށް ކަމަށެވެ.

"މިމައުލޫމާތުތައް ތިން ޕާޓީން އެކުގައި ނޫސްވެރިންނާ ބައްދަލުކޮށް ހިއްސާވެސް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އެމްއާރްއެމްއާއި ޖުމްހޫރީ ޕާޓީ އަށްވެސް ރައީސް ސޯލިހް ދައުވަތު ދެއްވި އެވެ. ނަމަވެސް ރައީސްގެ ދައުވަތަށް އެމްއާރްއެމް އިން އަދި އެއްވެސް ޖަވާބެއް ނުދެ އެވެ. ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރަން ނިންމާފަ އެވެ.

ބޮޑު އީދު ބަންދަށްފަހު ރައީސް ސޯލިހް ރިޔާސީ ކެމްޕޭން ފެށުމަށް ތައްޔާރުވަމުންދާއިރު އެމްޑީޕީގެ ތެރޭގައި އުފެދުނު ބޮޑެތި ކޯޅުންތަކަށްފަހު އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ވަނީ އެމްޑީޕީ ދޫކޮށް "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމަނިކުފާނަށް ކުރާނެ ތުހުމަތުތަކާއި ކުރިމަތިކުރުވާނެ ފިއްތުންތައް ކަމަށް ބެލެވެ އެވެ.