ފައްޔާޒް އިސްމާއީލް

ޖެހުނު ހިސާބު ގޯސް، ކުރަންޖެހޭ ކަންކަން ސާފު: ފައްޔާޒު

ރިޔާސީ އިންތިހާބުގައި ޖެހުނު "ހިސާބު ގޯސް" ކަމަށް ވިދާޅުވެ އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގަބޫލުކުރައްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ކެމްޕޭންގައި މިމަހުގެ އެެއްވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ފަހު އަދި ބޮޑު ޖަލްސާގައި ފައްޔާޒު ވަނީ ރައީސް ސޯލިހް ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނީ މަދުވެގެން 56 ޕަސަންޓް ވޯޓާ އެކު ކަމަށް ވިދާޅުވެފަ އެވެ.

މިޖަލްސާގައި ފައްޔާޒު ވަނީ މިސަރުކާރުން ގައުމަށް ގެނައި އަމާންކަން އެގޮތުގައި ދެމެހެއްޓުމަށާއި ކުރީގެ އަނިޔާވެރިކަމަށް އަނބުރާ ނުދިއުމަށްޓަކައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ރައީސް ސޯލިހަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެބޭފުޅުންގެ ވޯޓާ އެކު ރައީސް ސޯލިހަށް ލިބޭ ވޯޓުގެ ނަތީޖާ 60 ޕަސަންޓަށް ގެންދެވޭނެ ކަމުގައިވެސް އެރޭ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އިއްޔެ ނަތީޖާ ލިބުނުއިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ ތެރެއިން 84،805 ވޯޓެވެ. އެއީ 39.04 ޕަސަންޓެވެ. ވާދަވެރި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100,342 ވޯޓެވެ. އެއީ 46.19 ޕަސަންޓެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބަށް ޖެހުނު ހިސާބު ގޯސް ކަމަށެވެ. އެހެންވެ ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން. މިރާއްޖެ އަނިޔާވެރިކަމާ ދިމާލަށް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު ރައީސް ސޯލިހްވެސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީން އިތުރު ޕާޓީތަކާ ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާއިން ކުރިން ވިސްނިފައި ނެތް ކަންތައްތަކެއް އެބަހުރި ކަމަށާއި ދެވަނަ ބުރުގައި އެ ކަންކަމަށް ތައްޔާރުވެވަޑައިގަންނަވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.