އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ބައެއް މެންބަރުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ކުރާ ތުހުމަތުތައް ރައީސް އޮފީހުން ދޮގުކޮށްފި އެވެ.
ރައީސް އޮފީހުން ތުހުމަތުތަކަށް ޖަވާބުދީފައި މިވަނީ ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އާމިރު އަހްމަދު މަގާމުން ވަކިކުރި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތުހުމަތުކުރައްވާ ވާހަކަދައްކަވާފައި ވަނިކޮށެވެ. އަދި އާމިރު ވަޒީފާ އިން ވަކިކުރި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅައި އެމްޑީޕީގެ ބައެއް މެންބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެސް ވެފައި ވަނިކޮށެވެ.
އާމިރުގެ މައްސަލައިގައި ރައީސް ނަޝީދު ވާހަކަދެއްކެވީ ރައީސް ސޯލިހް ވެސް އިންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގަ އެވެ. ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރާ ގާނޫނުއަސާސީގެ 115 ވަނަ މާއްދާ ބޭނުންކުރައްވައިގެން އެމްޑީޕީގެ މެމްބަރުން މަގާމުން ވަކިކުރައްވާނަމަ އެ މަނިކުފާނު ވެސް ވަކިކުރައްވަން ރައީސް އަށް ދަންނަވާ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކޯޅުން ބޮޑުވެފައިވާއިރު ވާދަވެރިކަން އެންމެ ބޮޑީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ މެދުގަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ރައީސް ނަޝީދުގެ ތާއީދު އޮތް މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހްމީ އާއި ރައީސް ސޯލިހްގެ ތާއީދު އޮތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.
ވަޒީފާ އިން ވަކިކުރި އާމިރު ތުހުމަތު ކުރާ ގޮތުގައި އޭނާ ސިޔާސީ މަގާމެއްގައި ހުއްޓާ ވަޒީފާ އިން ވަކިކުރީ އިމްތިޔާޒަށް ފާޅުގައި ތާއީދުކޮށް ކެމްޕޭން ކުރާތީ އެވެ.
ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުން މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ވަނީ އާމިރު ވަޒީފާ އިން ވަކިކުރުން ދިފާއުކޮށްފަ އެވެ. ރައީސް އޮފީހުން ބުނީ އާމިރަށް ފިޔަވަޅު އެޅީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނަކާއި ސިޓީތަކެއް ލިބުމުން އެކަމުގައި އަމަލުކުރަންޖެހޭ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް މައްސަލަތައް ބެލުމަށްފަހު ކަމަށެވެ. އެހެންކަމުން އާމިރު ވަޒީފާއިން ވަކިކުރުމާ އެމްޑީޕީގެ އިންތިހާބާ ގުޅުމެއް ނެތް ކަމަށެވެ.
އާމިރުއާ ގުޅޭގޮތުން ރައީސް އޮފީހަށް ލިބިފައިވާ ޝަކުވާތަކާ ގުޅޭ ތަފްސީލް މައުލޫމާތު އެ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
އަވަސް އަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު އާމިރު ވަޒީފާއިން ވަކިކުރީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ދުވަސްވަރު ސަރުކާރުގެ ސިޔާސީ މަގާމެއްގައި އާއި އެމްޑީޕީގެ ދުވާފަރު ދާއިރާގެ ނައިބް ރައީސްގެ ގޮތުގައި ހުންނަވައިގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް އެންޓި ކެމްޕޭން ކުރުމުންނެވެ. ދެވަނަ ކަމަކަށް އާމިރުގެ ރަސްމީ ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ފަރުވާ ކުޑަކޮށް އޮފީހަށް ހާޒިރުވުމުގައި ފަރުވާ ކުޑަވުން ހިމެނެ އެވެ. އާމިރާ ދެކޮޅަށް ސިއްހީ މަރުކަޒުގެ މުވައްޒަފުން ވެސް ރައީސް އޮފީހަށް ޝަކުވާ ހުށަހަޅާފައިވެ އެވެ.
އާމިރު ވަޒީފާ އިން ވަކިކުރެއްވި ކަން އޭނާ އަށް އެންގީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ފޮނުއްވި ސިޓީ އަކުންނެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ސަރުކާރުން ވެސް ރައީސް ސޯލިހް ވެސް ނުކުރައްވާ ކަމަށެވެ. އިންތިހާބެއްގައި ވާދަކުރުމާއި އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓު ދިނުމަކީ ލިބިފައިވާ ގާނޫނީ ހައްގެއް ކަމަށާއި އެ ހައްގަށް އުނިކަމެއް އަންނަ ނަމަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެދިފައިވެ އެވެ.