ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާ ކަމަށް ބުނެ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އެޗްޕީއެލްގެ އެ މުވައްޒަފަށް ވަޒީފާއިން ވަކި ކުރަމަށް ބުނެ އެ ކުންފުނިން ފޮނުވި ސިޓީގައިވާ ގޮތުން، ވަޒީފާއިން ވަކި ކުރި ސަބަބަކީ ރައީސް ސޯލިހަށާއި ރައީސް ނަޝީދުގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދެއްކުމެވެ. މީގެ ކުރިން އެ ކަން ނުކުރުމަށް ތަކުރާރުކޮށް އެންގުމުން ވެސް ހުއްޓާލާފައި ނުވާކަމަށް ސިޓީގައިވެ އެވެ.
މި ކަމާ ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ފާޑުކިޔުން ފަދަ ކަމެއްގައި ވަޒީފާއިން ވަކިކޮށްފައިވާނަމަ ޓްރައިބިއުނަލް ޒިންމާވާ ގޮތަށް ޖުޑީޝަރީ ކޮމިޓީން ފާރަވެރިވާނެ ކަމަށެވެ.
"މިހާތަނަށް ހަމަ ގައިމު ވެސް ކުރީ ރިޔާސީ އިންތިހާބުގައި ވެސް، މަޖިލިސް އިންތިހާބުގައި ވެސް ދެކޮޅަށް އުޅުނު މީހުނަށް ހެސްކިޔާފައި ވަޒީފާ ދީފައި،" މި ސަރުކާރުން ވަޒީފާ ދިނުމުގައި ސިޔާސީ ޕާޓީއަށް ނުބަލާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް އިންތި ކުރެއްވި ޓްވީޓުގައި ލިއުއްވާފައިވެ އެވެ.
ރައީސް ސޯލިހަށާއި ރައީސް ނަޝީދަށް ފާޑުކީ ކަމަށް ބުނެ އެޗްޕީއެލްގެ މުވައްޒަފަކު ވަކިކުރިއިރު، އެފަދަ ކަންކަމުގައި މި ސަރުކާރުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް މި ދެ ބޭފުޅުން އެތައް ފަހަރަކު ވިދާޅުވެފައިވެ އެވެ. ސިޔާސީ ފިކުރު ތަފާތުވިޔަސް ވަޒީފާއިން ވަކި ނުކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ.