އެމްޑީޕީ

ފައްޔަގެ ކެންޕެއިން ރައީސް އޮފީހުގައި ހިންގާ: ވަހީދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އޭނާގެ ކެމްޕެއިނާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއް ރައީސް އޮފީހުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ރިޓްވީޓް ކުރެވުނީ އޮޅުމެއްގެ ތެރެއިން ކަމަށް ބުނި ނަަމަވެސް އެއީ އެހެން ބުނެލަައިގެން ނިންމާލެވެން އޮތް ކަމެއް ނޫން ކަމަށް ފައްޔައާ ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމުން މިއަދު ބުނެފި އެވެ.

ފައްޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުލަކު އަދި ނިލަންދެ އަތޮޅަށް ކުރި ކެމްޕޭން ދަތުރުގައި ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޕާޓީގެ ހިންގުން އެހެން މަރުޙަލާ އަކަށް އުފުލާލަން މެންބަރުން އެދޭ ކަމަށާއި އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެ ކަމަށެވެ.

އެ ޓްވީޓް ރައީސް އޮފީހުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ރިޓްވީޓް ކޮށްފައިވެއެވެ. އަދި އެ މަންޒަރު ފެންނަ ސްކްރީންޝޮޓްތަކާއެކު އެތައް ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ފާޑުކިޔުންތަކާއި ގުޅިގެން ރައީސް އޮފީހުން ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ ފައްޔަގެ ޓްވީޓް ރިޓްވީޓް ކުރެވުނީ އޮޅުމެއްގެ ތެރެއިން ކަމަށެވެ. އަދި އެކަން ފާހަގަވުމާއެކު އިސްލާހު ކޮށްފައިވާ ކަމަށެވެ. އެކަމަށް މާފަށްވެސް އެދިފައިވެއެވެ.

ރަައީސް އޮފީހުން ބުނީ ސިޔާސީ ބޭފުޅުންގެ އެފަދަ ކެމްޕެއިން ހަރަކާތްތަކާއި ޕާޓީތަކާ ގުޅޭ ޓްވީޓްތައް ރިޓްވީޓްކޮށް އެންޑްސް ކުރުމަކީ ރައީސް އޮފީހުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަަޅު އަޅާފައިވާ ކަމަށްވެސް ބުންޏެވެ.

އިންތިގެ ކެމްޕެއިން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިންތިގެ ތަރުޖަމާން އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ރައީސް އޮފީހުގެ ރަސްމީ ޓްވިޓާއިން ފައްޔާޒް އިސްމާޢީލްގެ ކެންޕޭން ޓްވީޓު ރީޓުވީޓު ކުރެވުނީ ރައީސް އޮފީހުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް ރައީސް އޮފީހުގެ ތެރޭގައި ކެންޕޭންގެ ހަރަކާތްތައް ވަރަށް ބޮޑަށް ހިންގެވޭތީ ކަމަަަށެވެ.

އަދި މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެންޕޭންގެ މަސައްކަތް އެ އޮފީހުގައި ފުޅާ ދާއިރާއެއްގައި ހިންގާކަމުގެ ސާފު ހެއްކެއް ކަމަަށް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރައީސް އޮފީހުގެ މި އަމަލަކީ އޮޅިގެންވީ ކަމެއް ކަމަށް ބުނެ ނިމޭ ވަރަށް ވުރެން މާ ބޮޑު އަދި ނުރައްކާތެރި ކަމެއް ކަމަަށެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ގަދަރާއި ހައިބަތަށް އުނިކަން ލިބޭ ކަމަަށްވެސް ވިދާޅުވިއެވެ.

އަދި ދައުލަތުގެ މުއައްސަސާތަކާއު ވުޒާރާތައް މިފަދަ ކަންކަމުގައި ޑިފެންސަށް ކުޅޭން ޖެހުމަކީ ދެރައެއް ކަމަަށް ވިދާޅުވެ ރައީސް އޮފީހުގެ އަމަލު ކުށްވެރި ކުރެެއްވިއެވެ.

"ސަރުކާރަށް ރައީސް އޮފީހުގެ އެންމެ ބޭފުޅުންނަށް އަދި ރައީސުލްޖުމްހޫރިއްޔާއަށްވެސް ގޮވައިލަން، އެ ބާވަތުގެ ކަންކަން ރައީސް އޮފީހުގެ ތެރޭގައި ނުހިންގަވާށޭ. ރައީސް އޮފީހަކީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުތަކުގެ ކަންކަން ހިންގާ ޖަގަހައަކަށް ނަހައްދަވާށޭ. އެއީ ރައްޔިތުން ވަރަށް ކަންބޮޑުވާނެ ކަމެއް،" ވަހީދު ވިދާޅުވިއެވެ.




ވަހީދު ވިދާޅުވީ އިންތިގެ ކެމްޕެއިން ޓީމު ދެން ދަތުރުކުރާނީ 

ހުވަދޫ އަތޮޅުގެ ރަށްތަކަަށް ކަމަަށެވެ. އެ ދަތުުރު މި މަހުގެ 16 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 

އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާ ކަންކަން ރަސްމީކޮށް އިއުލާންކުރުމާއި މލކެންޕެއިންގެ ލީފްލެޓް ތައާރަފުކުރުން އޮންނާނެ ކަމަަށް ވަހީދު ވިދާޅުވިއެވެ.