ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީގެ ފަރާތުން މިއަހަރުގެ އަޟްހާ އީދު ރާއްޖޭގެ ތިން ރަށެއްގައި ފާހަގަކުރުމަށް ނިންމައިފި އެވެ.
އެ މިނިސްޓްރީން ވަނީ މި އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްޙާ އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ހަރަދުތައް އަދި އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އީދު ފާހަގަކުރާނެ ތިން ރަށެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ތިން ޕްރޮޕޯސަލެއް ހުށަހަޅާ ތިން ރަށެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މެއި ނުވަ ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
އީދު ފާހަގަކުރާ ރަށް ކަނޑައަޅާ މާކްސް ދިނުމުގައި މިނިސްޓްރީން ފޯރުކޮށްދޭން އެދޭ ފައިސާގެ އަދަދާއި ރަށަށްދާ ބޭފުޅުންގެ ދަތުރުފަތުރާއި ތިބުމާއި ކެއިންބުއިން ފަދަ ކަންކަމުގައި މިނިސްޓްރީއަށް ކައުންސިލުން ހަމަޖައްސައިދެވޭނެ ކަންކަމާއި މިންވަރު ހިމެނެ އެވެ.
މީގެ އިތުރުން ދިވެހި ސަގާފަތް ދައްކުވައިދޭ ކުޅިވަރުތައް ހިމަނާފައިވާ މިންވަރާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިވެރިވެވޭ ފަދަ ކުޅިވަރުތައް ހިމަނާފައިވާ މިންވަރު ހިމެނެ އެވެ.