ދިވެހި ގައުމުގެ ސަލާމަތަށްޓަކައި ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ދިވެހީންގެ ވިސްނުންވެސް ތަރައްގީވާންޖެހޭ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
ހުރަވީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ކޮންމެ ގައުމެއްގެ ހަޔާތަށް ބެލި ނަމަވެސް އެ ގައުމެއް އޮންނާނި ރައްކަލާއި ނުރައްކަލުގެ ހާލަތުގެ މެދުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ދެ ހާލަތުގެ މެދުން އަންނަން އޮތް ޖީލުތަކަށް ދިވެހިންގެ ސަގާފަތާއި ތަރިކަ ވާސިލްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެކަން ކުރެވޭނީ ފިކުރީ ގޮތުން ބުއްދިއާއި ވިސްނުމަށް އަންނަންޖެހޭ ތަރައްގީ އައިސް ޒަމާނަށް ފެތޭ ގޮތަށް ލޯ ހުޅުވިގެން ކަމަށްވެސް ވިދާޅުވި އެވެ.
"ވީމާ ފިކުރީ ގޮތުން އަންނަންޖެހޭ ތަރައްގީ ގެނެސް ޒަމާނަށް ފެތޭ ބަދަލުތަކާ އެއްވަރަށް ދިވެހީންގެ ވިސްނުން ވެސް ތަރައްގީވާންޖެހޭ،" އާދަމް ނަސީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަލާބާރީންގެ އަތްދަށުން ދިވެހި ގައުމު ސަލާމަތް ކުރުމަށް ދިވެހިން ކޮށްފައިވާ ގައުމީ ޖިހާދަކީ ގައުމީ ލޯބި ވަޒަންކޮށްދޭ ވަރަށް މުހިއްމު ޖިހާދެއް ކަމަށެވެ. ދިވެހިން އޭރު އެކަން ކުރީ އެއްވެސް ބަޔަކާ ގުޅިގެން އަދި އެއްވެސް ބައެއްގެ އެހީތެރިކަން ހޯދައިގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އާދަމް ނަސީރު އިތުރަށް ވިދާޅުވީ މިނިވަންކަން ގެއްލޭ ކޮންމެ ފަހަރަކު ދިވެހިން އެ މިނިވަންކަން އަނބުރާ ހޯދާފައިވަނީ އެންމެން އެއްބައިވެ ސިއްރުން ރޭވިގެން ދީފައިވާ ކުއްލި ހަމަލާތަކެއްގެ ތެރެއިން ކަމަށެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާޒީގައި ދިވެހިން އިސްކޮށްފައިވާ ގައުމީ މަސްލަހަތަކީ ހުރަވީ ދުވަހެއް ފާހަގަކުރާއިރު ހަނދާންކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.