މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް

އަޒަރްބައިޖާނާ އެކު ސަގާފީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި އަޒަރްބައިޖާނާ ދެމެދު ސަގާފީ ރޮނގުން ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ކަމާގުޅޭ ވަޒީރުން މަޝްވަރާކުރައްވައިފި އެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓާ އޮފް ދިވެހި ލަންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު އަޒަރްބައިޖާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ހެރިޓޭޖު މިނިސްޓަރު އާދިލް ކަރިމްލީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އަޒަރްބައިޖާންގެ ވެރިރަށް ބަކޫގައި ހުންނަ އެ ގައުމުގެ ހެރިޓޭޖު މިނިސްޓްރީގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި މިނިސްޓަރު އާދަމް ނަސީރުގެ އަރިހުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަހުރުއްޒިޔާދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އާދަމް ނަސީރު ވަނީ ސަގާފަތާއި ތަރިކައާ ގުޅޭ ކަންކަމުގައި ރާއްޖެއަށް އިލްމީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ އިލްމެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮަތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރެއްވި އެވެ.

އަޒަރްބައިޖާންގެ ހެރިޓޭޖު މިނިސްޓަރު އާދިލް ކަރިމްލީއާ ވިދާޅުވީ މިއަހަރު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮޕް29" ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސަގާފީ ދާއިރާއަށް ކުރާ އަސަރާއި ތިމާވެށި ހިމާޔަތްކުރުމުގައި ސަގާފަތުގެ ދައުރާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސަގާފީ ރޮނގުން ރާއްޖެއަށް ބޭނުންވާ އިލްމީ އަދި ފަންނީ އެހީތެރިކަން ފޯރޮކޮށްދިނުމަށާއި ދެގައުމުގެ ދެމެދުގައި ސަގާފީ ރޮނގުން ގުޅުން ބަދަހިކުރުމަށް އާދިލް ވަނީ ޝައުގުވެރިކަންވެސް ފާޅުކުރައްވާފަ އެވެ.

މިނިސްޓަރު އާދަމް ނަސީރު އަޒަރްބައިޖާނަށް ވަޑައިގެންނެވީ ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑްގައި ބައިވެރިވެވަޑައިގަތުމަށެވެ.

އާދަމް ނަސީރުގެ މި ދަތުރުފުޅުގައި ވަނީ އިސެސްކޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ސާލިމް އަލްމާލިކާވެސް ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ވަނީ ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.