މިއަހަރުގެ މިނިވަން ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތައް އެއް ހަފްތާއަށް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ކަލްޗާ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާތިކާ އިބްރާހީމް ވިދާޅުވީ ރައީސްގެ ނިންމެވުމާ އެއްގޮތަށް މި އަހަރުގެ މިނިވަން ދުވަހުގެ އިހްތިފާލްތައް ޖުލައި 24 އިން 31 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.
"މީގެ ތެރޭގައި ރަސްމީ ހަރަކާތްތަކާއި ނުރަސްމީ ހަރަކާތްތައްވެސް. ހަފްތާއަކަށް މި ހަރަކާތްތައް ދިގު ދެމިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވުމާއި, ދިދަ ނެގުމުގެ ރަސްމިއްޔާތާއި, ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ހިމެނެ އެވެ.
ރަސްމީ ޖަލްސާގައި ދައުލަތަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އަދި ހެވިކަމާއި ކުޅިވަރު, ފުޅަނދުބުރު, ކާނިވާ, މިނިވަން ދުވަހުގެ ހާއްސަ ދުވުން, ސާގާފީ ޝޯ އާއި، ކާބޯތަކެތީގެ މައުރަޒު, ކުޑަކުދިންގެ ހަވީރު, ފިޔަވަތީގައި ތިބޭ ކުދީންނަށް ހާއްސަ ހަވީރު, އިސްރަށްވެހީންގެ ބައްދަލުވުން އަދި ސްޓޭޖް ޝޯތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
އެއް ހަފްތާގެ މުއްދަތަކަށް ދިގުދެމިގެންދާ ގޮތަށް ރާއްޖޭގައި މީގެކުރިން މިނިވަން ދުވަސް ފާހަގަކޮށްފައެއް ނުވެ އެެވެ. މިނިވަން ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި ހުރިހާ އުމުރުފުރައެއް ހިމެނޭ ގޮތަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމަވާ އިންތިޒާމުތައް ވެސް މިހާރު ހަމަޖައްސަމުންދާ ކަމަށް ކަލްޗާ މިނިސްޓްރީން ބުނެ އެވެ.