އާދަމް ނަސީރު އިބްރާހީމް

ގައުމިއްޔަތު ކޮލެޖުގެ މައިގަނޑު މަގުސަދަކީ ތާރީހުގެ ރިކޯޑު ބެލެހެއްޓުން

"ދިވެހި ގައުމިއްޔަތުގެ އިސްވަރު" ކޮލެޖުގެ މައިގަނޑު މަގުސަދަކީ ދިވެހިން ހޯދާ ކުރިއެރުންތަކުގެ ރިކޯޑު ބެލެހެއްޓުން ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގައުމިއްޔަތު ކޮލެޖަކީ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އިފްތިތާހުކުރި ކޮލެޖެކެވެ. ކޮލެޖް އިފްތިތާހުކުރީ މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމިއްޔަތު ކޮލެޖުގެ މައިގަނޑު މަގުސަދަކީ ދިވެހި ތާރީހު ބެލެހެއްޓުން ކަމަށާއި އެކަމާބެހޭ ލިޔުންތައް ކޮލެޖުން ތައްޔާރުކުރާނެ ކަމަށެވެ.

އިސްވަރު ކައުންސިލްގައި ފަސް ދާއިރާ އަކުން ތަޖުރިބާކާރު ފަސް ބޭފުޅަކު ހިމެނެ އެވެ. އެގޮތުން އިސްވަރުގައި ހިމެނޭ ފަސް ދާއިރާ އަކީ ބަހާއި، ތާރީހާއި، ތަރިކައާއި، ސުމޭކު އަދި ފަންނުގެ ދާއިރާ އެވެ.

އިސްވަރު ކައުންސިލްގައި ހިމެނޭ ބޭފުޅުން

  • މަރިޔަމް ތައުފީގާ - މ. ޑްރީމީލައިޓް (ދިވެހި ބަހުގެ އިސްވާރުކަން)
  • އަހްމަދު ޝާކިރު - މ. ކަށިމާ (ދިވެހި ތާރީހުގެ އިސްވާރުކަން)
  • ހަސަން ޒަރީރް - ސ. މަރަދޫ ލޮނުފެން (ދިވެހި ތަރިކަ އިސްވާރުކަން)
  • މުހައްމަދު އަބްދުލްގާދިރު - މ. ގޯޅިތެރޭގެ (ދިވެހި ސުމޭކުގެ އިސްވާރު)
  • އިޝާ އަބުލްއަޒީޒު - ހ. ހާލި (ދިވެހި ފަންނުގެ އިސްވާރު)

ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިމަޝްރޫއުގެ ދަށުން ސަރުކާރުގެ އެކި އިދާރާތައް މެދުވެރިކޮށް ތަފާތު މަސައްކަތްތައް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިމަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރުމަށް ހަމަޖެހިފައިވަނީ ހެރިޓޭޖް މިނިސްޓްރީންނެވެ.