އީދު ފާހަގަ ކުރުން

އީދު ފާހަގަކުރަން 26 ރަށަކުން ހުށަހަޅައިފި

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅައިފި އެވެ.

ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ފަރާތުން މިއަހަރުގެ އަޟްހާ އީދު ރާއްޖޭގެ ތިން ރަށެއްގައި ފާހަގަކުރުމަށް ނިންމާ ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 25 އިން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

މިނިސްޓްރީން ކުރި އިއުލާންގައިވާ ގޮތުން އަޟްހާ އީދު ފާހަގަކުރުމަށް ރާއްޖޭގެ ތިން ރަށެއް ކަނޑައަޅާނެ އެވެ.

ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކާއި، ކުރާނެ ހަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޕްރޮޕޯޒަލް ހުށަހެޅި ރަށްތަކުގެ ތެރޭގައި ރާއްޖޭގެ އުތުރުން ހަތް ރަށަކާއި، މެދުރާއްޖެ ތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން ނުވަ ރަށެއް ހިމެނެ އެވެ. މީގެއިތުރުން ބައެއް ރަށްރަށުން އިއުލާނުގައިވާ ސުންގަޑީގެ ފަހުން ހުށަހެޅުންތައް ފޮނުވި ކަމަށާއި ނަމަވެސް އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

އަޟްހާ އީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް މިނިސްޓްރީން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ. އަދި ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާތީ އީދު ފާހަގަކުރަން ކަނޑައެޅޭ ރަށްތަކަށް ފެށޭ ހަފްތާގެ ތެރޭގައި އެކަން އެންގުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.