މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު ކަމަށް ހޮވާފައިވާ މުހައްމަދު ރަޝީދު (ގަދަގޭ ރަޝީދު) ވެރިކަން ކުރާ ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.
އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި މުހައްމަދު ރަޝީދު ޕީއެންސީއަށް ސޮއި ކުރައްވާފައިވާ ކަމަށް އެ ޕާޓީން ޔަގީންކޮށްދީފައިވެ އެވެ.
ކުރިންވެސް ދެ ފަހަރަކު ނޮޅިވަރަމް ދާއިރާއަށް ވާދަކުރައްވާފައިވާ މުހައްމަދު ރަޝީދު އިންތިހާބު ކާމިޔާބު ކުރެއްވީ 650 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.
ނޮޅިވަރަމް ދާއިރާ ގޮނޑިއަށް މުހައްމަދު ރަޝީދާ އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓްގައި ނިކުންނެވި އަހްމަދު އަޝްރަފް އެވެ. އޭނާއަށް 590 އެއްހާ ވޯޓު ލިބުނުއިރު ތިންވަނަ އަށް ދިޔައީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަބްދުއްރަހްމާން އެވެ.
ނޮޅިވަރަމް ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ރަޝީދަށް ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ލިބިވަޑައިގަތީ 300 އެއްހާ ވޯޓެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން 66 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވި އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ބޭފުޅުންގެ ތެރޭގައިވެސް ގިނައީ ޕީއެންސީގެ ބޭފުޅުންނެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަ ބޭފުޅަކު މިއަދު ޕީއެންސީއަށް ސޮއިކުރައްވާފައިވާތީ މުހައްމަދު ރަޝީދާއި އަދި މި ހަ ބޭފުޅުންނާ އެކު ކުރިއަށް އޮތް މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވާނެ މެންބަރުންގެ އަދަދު މިހާރު މިވަނީ 73 އިތުރުވެފަ އެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ހޮވުނު އައްބާސް އަކީ ވެސް ޕީއެންސީއާ އެކު މަސައްކަތް ކުރައްވާނެ މެންބަރުންނަށް ވާތީ ސަރުކާރަށް ވަނީ މަޖިލީހުގެ ވަރަށް ސާފު އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.