ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކޮށް ހޮވޭ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި އެ ކޯލިޝަނުން ހާއްސަ އެލަވަންސެއް ދިނުމުގެ މަސައްކަތް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިފި އެވެ.
ޑރ. މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިއުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. މިގޮތުން ޕީޕީއެމް ޕީއެންސީ އިން މަޖިލީހުގެ މަދުވެގެން 20 ޕަސަންޓް ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ވެސް ގޮވާލެއްވި އެވެ.
"މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމް ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަ އާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގައި ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ އަންހެން އެއްވެސް މެންބަރަކު މިވަގުތު ނެތެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ޑރ. މުއިއްޒު ވަނީ އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތައް އަދި ސަރުކާރުގެ ސިޔާސަތުތައް އިސްލާހުކޮށް ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ އިން ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ލަފާކުރަނީ އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް މަހުގެ ތެރޭގައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާ އަކަށް މެންބަރުން ހޮވާނެ އެވެ.