ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރާއި އެ ގުރޫޕްގެ އިސް އެހެން މަގާމުތަކަށް ބޭފުޅުން ކަނޑައެޅުމުގެ މަޝްވަރާތަކަށް ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރުންނާއި، ވަޒީރުންނާއި، ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ޕީއެންސީ އަދި ޕީޕީއެމްގެ އިސްވެރިން މުލިއާގެއަށް ހާޒިރުވެއްޖެ އެވެ.
މުލިއާގޭގައި މިއަދު ހަވީރު 4:00 ޖެހިއިރު މިބައްދަލުވުން ފެށީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސަތުގައެވެ. މިބައްދަލުވުމަށް ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން މުލިއާގެއަށް ވަޑައިގެންނެވި ކަމަށް މިވަގުތު އެތަނުގައި ހުންނެވި އަވަސްގެ ނޫސްވެރިން މައުލޫމާތު ދެއްވަ އެވެ.
ރައީސް މުއިއްޒު މީގެކުރިންވެސް ވަނީ ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ. އަދި އެ ދުވަހު އެމަނިކުފާނު ވަނީ 20 ވަނަ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އަދި ޕީއެންސީގެ ޕީޖީ ލީޑަރު ކަމަށް ބޭފުޅުން ކަނޑައަޅައި، ނަންތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށް އެ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ބޭފުޅުން އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެ އެވެ.
އަވަސްއާ މިއަދު ވާހަކަދެއްކެވި ޕީއެންސީގެ އިންތިހާބީ ބައެއް މަޖިލިސް މެންބަރުން ވިދާޅުވީ ކުރީގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތަށް 20 ވަނަ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އަދި ޕީއެންސީގެ ޕީޖީ ލީޑަރު އެމަނިކުފާނު ކަނޑައަޅުއްވާ އެ ނަންތައް ހިއްސާކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް މި ދެންނެވި މަގާމުތަކަށް ހޮވަންވީ ބޭފުޅުން ރައީސްގެ ފަރާތްޕުޅުން ސާފުވާނެ ކަމަށް އުއްމީދުކުރެވޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން 66 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވި އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ބޭފުޅުންގެ ތެރޭގައިވެސް ގިނައީ ޕީއެންސީގެ ބޭފުޅުންނެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވި އަށް ބޭފުޅަކު ޕީއެންސީއަށް ސޮއިކުރައްވާފައިވާތީ ކުރިއަށް އޮތް މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވާނެ މެންބަރުންގެ އަދަދު މިހާރު ވަނީ 74 އަކަށް އިތުރުވެފަ އެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ހޮވުނު އައްބާސް އަކީ ވެސް ޕީއެންސީއާ އެކު މަސައްކަތް ކުރައްވާނެ މެންބަރުންނަށް ވާތީ ސަރުކާރަށް ވަނީ މަޖިލީހުގެ ވަރަށް ސާފު އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.