ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ނުދެއްވީ އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އަޒާން މިހެން ވިދާޅުވެފައި މިވަނީ އެ ބިލް މަޖިލީހަށް ބަލައިގަތުމަށް އިއްޔެގެ ޖަލްސާގައި އޭނާ ވޯޓު ދެއްވާފައި ނުވާތީ ޕީއެންސީ އިން އެ މައްސަލަ ބަލަމުންދާ ވަގުތެއްގައެވެ.
އަޒާން، އެ ބިލަށް ވޯޓު ނުދެއްވުމާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުންވެސް އިއްޔެގެ ވަގުތެއްގައި ވަނީ ބޭރުކޮށްލާފަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިންނެވުމަށްފަހު ވޯޓަށް އެހި ގަޑީގައި އޭނާ ވަނީ މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގެންފަ އެވެ.
މިކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އަޒާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށެވެ.
އަޒާން ވިދާޅުވި ގޮތުގައި އެ ބިލް ބަލައިގަތުމަށް އޭނާ ވޯޓު ނުދެއްވި ނަމަވެސް އޭނާ އަދިވެސް ހުންނެވީ ސަރުކާރާ އެކު އެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ތާއީދު ނުކުރަން ނިންމެވީ މަގާމަށް އިންތިހާބުކުރި ރައްޔިތުންނާއި ރާއްޖޭގެ ގާނޫނީ ދާއިރާގައި އުޅުއްވާ ވަކީލުންނާއި ކުރީގެ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ބައެއް ވަޒީރުންގެ ފަރާތުން މަޝްވަރާ ހޯއްދެވުމަށްފަހު ކަމަށްވެސް އަޒާން ވިދާޅުވި އެވެ.
"މި ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރެއްވުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ،" އަޒާންގެ ބަޔާނުގައިވެ އެވެ.
މަޖިލީހުގައި ކޯޓުތަކުގެ ގާނުނަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެހި ގަޑީގައި ޕީއެންސީގެ 11 މެންބަރަކު ވޯޓުގައި ބައިވެރި ނުވެ އެވެ. މީގެތެރެއިން 9 މެންބަރުން މާލޭގައި ނޫޅުއްވަ އެވެ.