ރިޕޯޓް

އިބޫއަށް ނަޝީދަކީ ވިޔަކުރެވޭ "ހަތުރެ" އް!

Jul 15, 2021
21

ރާއްޖޭގެ ސިޔާސީ މައިދާނުގައި މި ހިނގައިދާ ކަންކަމުގައި ޕްރިޑިކްޓް ކުރަން ޖެހޭ ވަރުގެ ތަފާތު ކަމެއް ނެތެވެ؛ އާންމު މީހާއަށް ނޭނގޭ ހަމަ އެއްކަމެއް މިތާ ނުހިނގަ އެވެ. ވާން އުޅޭ ގޮތް އެންމެނަށް އެނގެ އެވެ. ގިނަ މީހުން ބުނަނީ ވެސް "އަހަރެމެނަށް ނޭނގޭ އެއްޗެއް ނޯންނާނެ" އޭ އެވެ. ކޯލިޝަނެއް އެމްޑީޕީން ނުހަދާނެ ކަމަށް ވިދާޅުވީ ވެސް ރައީސް މުހައްމަދު ނަޝީދެވެ. އެ ވާހަކަތައް ދެއްކެވީ ވެސް ވެރިކަން ކުރެއްވުމުގައި ރައީސް ނަޝީދަށް އޮންނަ ޖާގަ ކުޑަވިޔަ ނުދިނުމަށެވެ. ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވުމުން ކޮންމެ ބަޔަކާއެކު ވިޔަސް ކޯލިޝަން ހަދާކަށް އެމްޑީޕީ ފަހަކަށް ނުޖެހެ އެވެ. އެކަން ކުރަނީ ވެސް ސިޔާސީ ކޯޓް ރައީސް ނަޝީދަށް ހެޔޮވަރު ކުރާށެވެ.

ޓެރަރިޒަމް ކުށް ސާބިތުވެ ބޮޑު ހުކުމެއް އޮތުމުން 2018 ގައި ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ފުރުސަތު ރައީސް އަބްދުﷲ ޔާމީން ނުދެއްވި އެވެ. އިންޑިއާގެ ނުހޮރުއްޕާނާއި އެމެރިކާގެ ގަދަ ބާރު އެޅުމާއި ހުޅަނގުގެ ދީނީ ރިޒަވޭޝަންތަކުގެ ފިއްތުންތަކާއެކު ރައީސް ޔާމީންގެ ސަރުކާރު "ބުލްޑޯޒް" ކުރާ ހިސާބަށް ގެންދިއުމުން ވެސް ގާތްގަނޑަކަށް ދުނިޔެއާ ޗެލެންޖް ކުރައްވާ ރައީސް ޔާމީން އެ ފުރުސަތެއް ނުދެއްވި އެވެ.

ހަމަ އެކަނި އޮތް އުކުޅެއްގެ ގޮތުގައި ޖެހުނީ އުކުޅަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދީގެން ފުޅާ ކޯލިޝަނަކާއެކު ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރާށެވެ. އޭގެ ބޭނުމަކީ ވެސް ނަޝީދަށް ވެރިކަމަށް އަނބުރާ ވަޑައިގެންނެވޭ ހިސާބަކަށް އަލުން އެމްޑީޕީ ގެންދިއުމެވެ. ޓެރަރިޒަމް ކުށުގެ 13 އަހަރުގެ ޖަލު ހުކުމް ރިވިއުއަށް ގެންދިއުމެވެ. އެގޮތް ރަނގަޅެވެ. އެކަތަ ބުރި ކުރެވޭނީ އެކަތައިންނެވެ.

މިހާރު ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް އިއުލާން ކުރައްވައި އާ ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވެ އެވެ. އެކަން ކުރާން އެމްޑީޕީއަށް އާ ކޯލިޝަނެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވެ އެވެ. އެ އިއްތިހާދު ވާން ޖެހެނީ އެމްޑީޕީ އާއި ތެލާއި ފެންފަދަ އިދިިލޮޅު ލީޑަރު، ރައީސް ޔާމީނާއި އެ މަނިކުފާނުގެ ޕީޕީއެމާއެކު އެވެ.

އެއްވެސް އިރެއްގައި އެމްޑީޕީ ކޯލިޝަނެއް ހަދަނީ އެއީ "ބޭ ދީނީން" ނެއްޓި ދީނީ މެދުމިންކަން ހިޔާރު ކޮށް، ރަސޫލާއަށް ފުރައްސާރަ ކުރުން ހުއްޓުވައި މާ ރީތިކޮށް ތިބޭން ވެގެން ކުރާ ކަމެއްގެ ގޮތަކު ނޫނެވެ. އަބަދުވެސް ކުރާ ކަމެއް ކުރަނީ ރައީސް ނަޝީދު ވެރި ކަމަށް ވަޑައިގަނެވޭނެ މަގެއް ހޯދާށެވެ. މިހައިރުން، މިވަގުތު ވެސް މައްސަލައެއް ކުރިމަތި ވެގެން އުޅެނީ ރައީސް ނަޝީދު ނޫން އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމެވެ. އެމަނިކުފާނަށް އަނބުރާ ރައީސް ކަމަށް ވަޑައިގަތުމުށް އޮތް ފުރުސަތާ ދެމެދަށް ހިސާބެއްގެ ލަހެއްވާތީ އެވެ. ރައީސް ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް ވަޑައިގެންފާނެތީ އެވެ. އެނޫނީ ވެރިކަމުގެ ނިޒާމް ބަދަލު ކޮށް، ރައީސް ނަޝީދަށް ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށް ރައީސް ސޯލިހު ފުރުސަތު ދެއްވާން އަވަސް އަރުވާލައިގެން ނޫޅުއްވާތީ އެވެ. މި ހުރިހާ ކަމެއް ރައީސް ސޯލިހަށް ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެ އެވެ.

ސިޔާސީ މައިދާނަށް މިވަގުތު ދިމާވެފައިވާ މައްސަލައަކީ ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު ޖެހުނު ކަހަލަ މައްސަލައެއް ނޫނެވެ. އެ ދެ ބޭފުޅުންނަށް ދިމާވީ ބާރުތައް ދަރީންނަށް، އާއިލާއަށް އިންހެރިޓް ކުރުމުގެ އަދި އެކަން ކުރަން "ބަޣާވާތަކާ ދިމާއަށް ދިޔަ" މައްސަލައެކެވެ. އެ ހާލަތުގައި ރައީސް ޔާމީން ބޭނުން ކުރެއްވެވީ ސިޔާސީ ބޭފުޅުން އެފަދަ ހާލަތްތަކުގައި ބޭނުން ކުރައްވާނެ "އެލިމިނޭޝަން ސްޓްރެޓަޖީ" ތަކެވެ. ހަންމުށި އަޅައި އޮބައިގަނެ، ވައްޓާލާ ބާއްވައިގެން ވިޔަސް ހުއްޓުވުމެވެ.

އެއާ ހިލާފަށް މިހާރު ދިމާ ވެގެން އުޅެނީ ރައީސް ނަޝީދުގެ ބޭފުޅަކަށް ކޮއްކޯފުޅަކަށް ވެރިކަން ހޯދައިދޭން ކުރައްވާ ކަހަލަ މަސައްކަތެއް ނޫނެވެ. އަދިވެސް ރައީސް ނަޝީދު ބޭނުންފުޅު ވަޑައިގަންނަވަނީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާށެވެ. -- އެއަކީ އެއްވެސް މައްސަލައެއް ވެސް ނޫނެވެ. އުމުރުފުޅު ތަންދެ އެވެ. އަވަހާރާކޮށްލަން މަގުމަތީން ވަރުގަދަ ބޮމުގެ ހަމަލާއެއް ދީ ޒަހަމްކޮށްލި ނަމަވެސް އެ މަނިކުފާނު އިންކެޕޭސިއޭޓެއް ނުވެއެވެ.

އެކަމަކު މިހާރު އުފެދިފައި އޮތް ހާލަތުގައި ރައީސް ސޯލިހަށް އެމްޑީޕީގެ ގައުމީ މަޖިލީހާއި ރައްޔިތުން މަޖިލީހުން ލިބި ވަޑައިގަންނަވާ ހައުސް މެޖޯރިޓީގެ ބާރު ބޭނުން ކުރައްވައިގެން މަޖިލީސް ރައީސް ކަމުން އިންނަވާ ބޭފުޅަކު -- ރައީސް ނަޝީދު ކަމަށް ވިޔަސް -- ދުއްވާލާކަށް ރައީސް ސޯލިހަށް ޖެހި ވަޑައެއެއް ނުގަންވަ އެވެ. އަދި ސިފައިންގެ އާއި ފުލުސް އޮފީސް ބޭނުން ކުރައްވައިގެން މީހުން ހައްޔަރުކޮށް އެލިމިނޭޝަން ވަޑައިގަންނަވާކަށް ޖެހި ވަޑައެއް ނުގަންނަވަ އެވެ.

ސަބަބަކީ ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތް މަޑުމަޑުން ތިލަ ކުރައްވަމުން ގޮސް ދިމާއަށް ސާފުކޮށް ދެއްވާފައިވާ ގޮތުން - ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ކަން ކުރައްވާފައިވާ ގޮތުން - މުޅި މާޒީ ދެ ބޭފުޅުން އެކުގައި ހޭދަ ކުރައްވާފައި ވުމުން - ރައީސް ސޯލިހަށް ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ޕްރިޑިކްޓިބަލް އަދި "ރެގިއުލާ އިނެމީ" އަކަށް ވާތީ އެވެ.

ޒާތީ ގޮތުން ނަޝީދާއި އެ މަނިކުފާނުގެ އާއިލާއަށް ރައީސް ސޯލިހަކީ "އިބޫ ދޮންބެ" އަށް ވާ ފަދައިން ރައީސް ސޯލިހަށް ރައީސް ނަޝީދަކީ ވެސް "ދޮންބެ" އެކެވެ. އެއީ "ފްލެޓް ދޮންބެ" ކަމަށް ވެސް ކިއިދާނެ އެވެ.

ރޭހުގައި ރައީސް ނަޝީދު ދުވެ ވަޑައިގަންނަވާން ފައްޓަވާނެ ހިސާބާއި ދުވެވަޑައިގަންނަވާނެ މަގާއި ބޭނުންފުޅު ކުރައްވާނެ ސްޕީޑާއި ސްޓްރެންތު މި ރާއްޖޭގައި އެހެން އެހެން އެއްވެސް ބޭފުޅަކަށް އެނގިވަޑައި ނުގަންނަވާ ވަރަށް ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެ އެވެ. ގިނަ ބަޔަކަށް ރައީސް ނަޝީދު ވާތުން ކުރައްވާނެ ކަންތައް ކަނާތަށް އެނގި ވަޑައި ނުގެންނެވި ނަމަވެސް ރައީސް ސޯލިހަށް ރަނގަޅަށް އެކަން އެނގިވަޑައިގަންނަވާނެ އެވެ. ރައީސް ނަޝީދުގެ "ނުލަފާ" އާއި "ލަފާ" ވެސް ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެ އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން މިހާރު މިހިނގައިދާ ކަންކަން ފެށުނީ އިއްޔެއަކު ނޫނެވެ. ވެރިކަމަށް ރައީސް ސޯލީހު ވަޑައިގަތީއްސުރެ ރައީސް ނަޝީދު ގެންދަވަނީ ރައީސް ސޯލިހުގެ ބުރަކަށީގައި އަތް އަޅާ ކޮއްޕަވަމުންނެވެ. އެކަމަކު އެއިން ކަމަކުން ރައީސް ސޯލިހަށް ވީ އެއް ކަމެއް ވެސް ނެތެވެ. އެމަނިކުފާނު އަމިލަފުޅު ގޮތެއްގައި ސާބިތުވެ އެބަ ހުންނަވަ އެވެ. ސަރުކާރު ވެސް އޮތީ ސާބިތު ކަމާއެކު އެވެ. ސަރުކާރުގެ މެޝީން ބަރާބަރަށް އެބަހިނގަ އެވެ. އެހެންކަމުން ސިޔާސީ ގޮތުން ޕްރިޑިކްޓިބަލް އެނެމީއަކާ ދެކޮޅަށް އެލިމިނޭޝަން ސްޓްރެޓަޖީއެއް ރަން ކުރުމުގެ އެއްވެސް ހާލަތެއް / މާނައެއް ރައީސް ސޯލިހަކަށް ނެތެވެ.

މާޒީއަށް ބެލިއަސް ރައީސް ނަޝީދަކީ ނަތީޖާއެއް ހާސިލު ކުރަން އެކަށީގެންވާ ލީޑަރަކަށްވުރެ ބޮޑަށް ފެނިފައި ވަނީ ގަދަބަހާއި މޮޅު ވިދާޅުވަމުން ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގަ އެވެ. އެހެންވީމާ ސިޔާސީ ގޮތުން މުޅި ހަޔާތް، އެކުގައި ތިއްބެވި ދޭ ބޭފުޅެއްގެ ނިޔަތް ތަފާތު ވުމުން ކަން ކުރައްވާނެ ގޮތާއި އެކުވެގެން ކަން ކުރައްވާނެ ގޮތް އެއްބޭފުޅެއް އަނެއް ބޭފުޅަކަށް އެނގި ވަޑައިގަންނަވާނެ އެވެ.

ނަޝީދުގެ ނިޔަތަކީ، ބޭނުންފުކީ ވެސް ވެރިކަމަށް ވަޑައިގަތުމެވެ؛ "ހައެއްފަހެއް" ހަމަލާ އައުމުން އެ މަނިކުފާނު މާލެއިން ޖަރުމަނަށް އަދި ޖަރުމަނަށް ލަންޑަނަށް ވަޑައިގަންނަވާން ޖެހި ވަޑައިގަތީ އެމްޑީޕީ ދާއިރާތަކުގެ އިންތިހާބެއް ބާއްވާ ޕާޓީ ސަފުތައް އަލުން ރުކުރުވާލައި ސަރުކާރު ކޮށިއަރުވައިލާން ރާއްވަމުން ގެންދެވި ޕްލޭނުގައި އުޅުއްވަނިކޮށެވެ. އެނބުރި ލަންޑަނުން މާލެ ވަޑައިގެން އަލުން އެ މަސައްކަތް ފައްޓަވާނެ ކަން ގައިމެވެ. ހުންނެވީ ވެސް ދޫދެއްވާ ގޮތަކަށް ނޫނެވެ. އަދި ޕީޕީއެމްގެ ސިޔާސީ ބާރު ބޭނުން ކޮށްގެން ކާމިޔާބެއް ހޯދުމުގެ މަސައްކަތް ކުރައްވާން ވެސް ދިމާ ކުރައްވާނެ އެވެ. ކޮންމެ ވެސް ސިފައެއްފައި އޮޅުވާލާ ޑީލެއްގެ ތެރެއިން ޕީޕީއެމުން މި އެހީތެރިކަން ވެސް ދޭނެ އެވެ. އަދި ބަޔަނާއި ޓުވީޓާއި ޕްރެސް މެދުވެރިކޮށް އެކަން ދޮގު ވެސް ކުރާނެ އެވެ.

މިކަން ކަން މިހެން ހިނގާނެތޯ ބެއްލެވުމުގެ ގޮތުން ރައީސް ސޯލިހު މިހާރު ވެސް "އެސިޑް ޓެސްޓް" ތަކެއް ވަނީ ހައްދަވާން ފައްޓަވާފަ އެވެ. އިތުރު ކިތަންމެ ޓެސްޓެއް އަދި ހައްދަވާނެ އެވެ.

ޖަލުތައް "ކޮވިޑް ފްރީ" ވެ އީދަށް ފަހު ރައީސް ޔާމީނަށް ޖަލަށް ބަދަލު ކުރުމުގެ މަޝްވަރާ އެއީ ޓެސްޓެކެވެ. އިންޑިއާގެ ބޮޑުވަޒީރާ ކުއްލި ގޮތަކަށް ގުޅުއްވައި ދެފަރާތުން ކޮންމެހެން ދައްކަން ބޭނުންފުޅުވާ މުހިންމު ކަންމުގެ މައްޗަށް މަޝްވަރާކޮ ށްލެއްވުމެއް ބޭއްވުމުން އެއީ އެސިޑެ ޓެސްޓެވެ. ރަށްރަށަށް ވަޑައިގަންނަވާން ފެއްޓެވުން އެއީ ޓެސްޓެކެވެ. މީހުން ހައްޔަރު ކުރާން ރައީސް ނަޝީދު ގޮވާލެއްވުމުން އެކަމާ ޓްރިގާ ނުވުން އެއީ ޓެސްޓެކެވެ.

ސިޔާސީ މައިދާނުގައި "ޕްރިޑިކްޓިބަލް ޕޮލިޓީޝަނުން" އާއި "އަންޕްރިޑިކްޓިބަލް ޕޮލިޓީޝަނުން" ތިބެ އެވެ. ރާއްޖޭގެ ސިޔާސީ ކޭމްޕްތައް ބަލާއިރު އަދިވެސް ރަނގަޅު އަންޕްރިޑިކްޓިބަލް ބޭފުޅުންނަނީ ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ދެބެއިންނެވެ. ރައީސް ނަޝީދަކީ އެފަދަ "އަންޕްރިޑިކްޓިބަލް" ބޭފުކަަށް ނުވާއިރު ރައީސް ސޯލިހު އެއީ ހުރިހާ ހަގީގަތެއް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންވީމާ ވަޑައިގަންނަވާނެ މަގާއި ހައްދަވާނެ ގޮތާއި ވިދާޅުވާނެ އެއްޗެއްސާއި އެ ވިއްކޭނެ ވަރާއި ނުވިކޭނެ ވަރު ވެސް ރައީސް ސޯލިހަށް އެނގި ވަޑައިގަންނަވާނެ އެވެ.

ސަރުކާރުގެ ގޭމްޕްލޭންގައި ތިއްބެވި ބޭފުޅުންނަށް ވެސް ވަރަށް ރަނގަޅަށް ރައީސް ނަޝީދަކީ ކޮން ބޭފުޅެއްކަން އެނގެ އެވެ. އެބޭފުޅުންގެ ޕާޓީގެ ރައީސް، ހަމަ އެ ޕާޓީގެ އިސްލީޑަރުގެ ވެރިކަމެއް ފުރޮޅާލައްވައި އަމިއްލަފުޅަށް ވެރިކަމެއް ގާއިމު ކުރާން ބޭނުންފުޅުވެ ވަޑައިގެން ހުންނެވުމުން ސަރުކާރު ޓީމަށް ވެސް އެއީ އެ މީހުންގެ ތެރެއިންވާ ގޮތް އެނގޭ، ނޫނީ ވިޔަކުރެވޭ "ހަތުރެ" ކެވެ.

މިކަން މިހެން އޮތް ނަމަވެސް މި ސަރުކާރުގެ ވިސްނުން ބައްޓަންކޮށްފައި އޮންނަ ގޮތުން ސަރުކާރުގެ ގިނަ ވެރީން ހީކުރަނީ އެމީހުން ތިބީ ވަރަށް ފުދިފައި ކަމަށެވެ. އެކަމަކު މިހާރުވެސް ސަރުކާރު ހިފަހައްޓަން ތިބި ތަނބުތައް ކަމަށްވާ އެމްޑީޕީގެ މަޖިލީސް މެންބަރުންނަކީ މަގުމަތިވެފައި ތިބި އާރެއްބާރެއް ނެތް ބައެކެވެ. ދާއިރާގެ ކަންކަން ނުވެގެން ހޭބޯނާރާ ދުވެ ނަގާ ބައެކެވެ. ހާލަތު ފުރޮޅިގެން އަންނަ އިރު ސަރުކާރުގެ ކެމްޕޭނަށް ނުކުމެ ކޮނޑު ވިއްދައި ތާއީދު ހޯދައި ދޭނެ ކަމަށް ބަލައިގެން ފުދިފައި ތިބުމަކީ މޮޔައަކު ނުކުރާނެ ކަމެކެވެ.

ސަރުކާރު މީޑިއާއަކީ ފޭލި މީޑިއާއެކެވެ. ސަރުކާރު ޕީއާރަށް ސުމެކެވެ. ހަގީގަތުގައި ސަރުކާރުގެ ސްޓެބިލިޓީ އާއި ރޭވުންތެރި ކަމުގެ ޕްރޮމޯޝަން ކުރިޔަށް ނެރެ ޕަބްލިކް ރިލޭޝަން ދައުރު އެންމެ އެކަށީގެންވާ ގޮތުގައި ކުރިޔަށް ގެންދެވިފައެއް ނުވެއެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ ރައީސް ސޯލިހަށް ރައީސް ނަޝީދު ކަލްކިއުލޭޓް ކުރައްވަން / ވިޔަ ކުރައްވަން އެނގި ވަޑައިގަންނަވާނެ ފަދައިން ރައީސް ނަޝީދަށް ރައީސް ސޯލިހް ވިޔަ ކުރައްވަން އެނގި ވަޑައިގަންނަވާނެތީ، އެ މަނިކުފާނު އަޅުއްވާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރު ކޮށި އަރައި އޭގެ ފައިދާ އިދިކޮޅު ނަގަމުން ދިއުމެވެ.

އާހިރުގައި ވާނެ ގޮތަކީ އެމްޑީޕީއަށް 23 ގެއްލޭނީ އެވެ. އަނެއްކާވެސް ހަރުގެއަށް ދާން މަޖުބޫރު ވާނީ އެވެ. އޭރަށް އޮންނާނީ، ޕީޕީއެމަށް ފުރުސަތެއް ލިބެންދެން ޕީޕީއެމްގެ ހައެއްކަ އަންހެނުން ޕާޓީ އޮފީސް ކުރިމަތީ މިހާރު ދިދަ ހޫރުވާ ގޮތަށް އެމްޑީޕީއަށް ފުރުސަތެއް ލިބެންދެން ޕާޓީ ހަރުގޭގައި ސިޔާސީ ރައިވަރު ކިޔުމެވެ.