ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާ މިހާރު އޮތީ ސާފުކޮށް ފެންނާށެވެ. އިންތިހާބުގައި ފެނިގެން ދިޔައީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި ޕީޕީއެމްގެ ވާދަވެރި ކުރިމަތި ލުމެކެވެ. ކުދި ޕާޓީތަކަށް ފުރުސަތު ދިނުމަށް ރައްޔިތުން ބޭނުން ނުވާކަންވެސް އިންތިހާބުގެ ނަތީޖާ އިން ވަރަށް ސާފްކޮށް ބުނެދިނެވެ.
ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައިފަހުން މި ހޭދަވި 14 ވަރަކަށް އަހަރުގެ ތެރޭގައި ބައެއް ދާއިރާ ތަކަކީ އިންތިހާބު ބޭއްވުމުގެ ކުރިން އެ އިންތިހާބެއް ގެންދާނީ އެމްޑީޕީ ނުވަތަ ޕީޕީއެމްކަން ގާތްގަނޑަކަށް އެނގޭ ދާއިރާތަކެކެވެ. އެގޮތުން މިވޭތުވެ ދިޔަ 14 އަހަރުގެ ތެރޭގައި ބޭއްވި ގުރައިދޫ ދާއިރާގެ އިންތިހާބުތައް އެއީ ޕީޕީއެމް އިން ކަށަވަރުކަމާއެކު އަބަދުވެސް ގެންދާނެ ކަމަށް ބެލެވޭ ދާއިރާ އެކެވެ. ނަމަވެސް އެކަމަށް ނިމުން ގެނެސް ތާރީހު ބަދަލުކޮށް އެމްޑީޕީން މިވަނީ ކ. ގުރައިދޫ ދާއިރާ ރީދޫ ކުލައަށް ބަދަލުކޮށްލާފަ އެވެ.
ނަތީޖާ އިން ދައްކައިދޭ ބައެއް ކަންކަން
އެންމެ ފުރަތަމަ ކަމަކަށް މި އިންތިހާބުން ކުރަހައިދިނީ ރާއްޖޭގެ ސިޔާސީ މަސްރަހުވެސް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ޑޮމިނޭޓް ކުރަމުންދާނީ ދެ ޕާޓީ އެއް ކަމެވެ. އެގޮތުން ޕީޕީއެމާއި އެމްޑީޕީ ފިޔަވައި މިރާއްޖޭގެ ކުދި ޕާޓީތަކަށް ސިޔާސީ މައިދާނުގައި ޖާގަ ނެތް ކަމެވެ. ރައްޔިތުން އެގޮތް ބޭނުން ނުވާކަން މިފަހަރު ތިންވަނަ ޕާޓީއެއްގެ ގޮތުން ނިކުތް އެމްއެންޕީ އަށް ދިން 122 ވޯޓުން އެވަނީ ދައްކައިދީފަ އެވެ.
ދެވަނަ ކަމަކަށް ފާހަގަކޮށްލެވެނީ އެމްޑީޕީ ތެރޭ ރިޔާސީ ޓިކެޓާ ހެދި އުފެދުނު އަރައިރުންތައް ކުރިއަށް ގޮސް ޕްރައިމަރީގައި ބަލިވި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން މި އިންތިހާބަށް ކުރަމުން އައި އެންޓި ކެމްޕޭނެވެ. މި އިންތިހާބުގެ ނަތީޖާއިން ދައްކައިދިނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ކުރި އެއްވެސް އެންޓި ކެމްޕޭނެއްގެ އަސަރު މި އިންތިހާބަށް ކޮށްފައި ނުވާ ކަމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ސިޔާސީ ގޮތުން ނަޝީދު ބަލިކަށިވަމުންދާ މިންވަރު އިންތިހާބުގެ ނަތީޖާއިން ހާމަވެ އެވެ. ފިކުރެއްގެ ދިރުން ނުދިރި ރައްޔިތުންގެ ކުރިމަތީގައި މަރުވަމުންދާ ކަން އެބަ ޔަގީންކޮށްދެ އެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މި އިންތިހާބުގައި ޕީޕީއެމަށް ހިތައްވެސް ނުގެނެވޭ ވަރުގެ ދެރަވުމަކާއި ކުރިމަތިލާން ޖެހުމެވެ. ގުރައިދޫ ދާއިރާ ބައި އިލެކްޝަނަކަށް ދާން މެދުވެރިވީ ޕީޕީއެމްގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެން ކަމަށްވެފައި ފާއިތުވި 14 އަަހަރު ރިޒާއަށް ބޮޑު ތާއީދެއް އޮވެފައި އޭނާގެ ކޮއްކޮ ހުސައިން ރިޒާ ކުރިމަތި ލެއްވުމުން ލިބިނު ނާކާމިޔާބެވެ. ޕީޕީއެމްއަށް ގުރައިދޫ ގޮނޑި ގެއްލުނު ނަމަވެސް ކުރިން ލިބުނު ވޯޓަށް ވުރެ ގިނަ ވޯޓު ނިމިގެން ދިޔަ އިންތިހާބުގައި ކޮއްކޮ ރިޒާ ހޯއްދެވި އެވެ.
މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކުރެވުނުނަމަ ރައީސް ޔާމީން ޖަލުގައި ބާއްވައިގެންވެސް އޮންނާނީ ކާމިޔާބު ހޯދާފައި ކަމަށް ޕީޕީއެމްއަށް ބުނުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް މިހާރު މުޅި ދާއިރާ ފިޔާތޮށިން ނައްޓައިގެން ގޮސް ބަލިވުމުން މިއީ އެ ޕާޓީގެ ލީޑަޝިޕާމެދު މެންބަރުން ކަންބޮޑުވާނެ ކަމެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުވެސް މިފަދަ ގޮތަކަށް ބީވާކަށް ޕީޕީއެމުން ބޭނުމެއް ނުވާނެ އެވެ. އެހެންކަމުން ޕާޓީގެ ލީޑަޝިޕްގެ މިވަގުތުގެ ހާލަތާ ކުރިމަގާ މެދު ޕީޕީއެމުން ފުންކޮށް ވިސްނަންޖެހޭ ކަންވެސް އިންތިހާބުގެ ނަތީޖާ އިން އަންގައިދީފި އެވެ.
ހަތަރުވަނަ ކަމެއްގެ ގޮތުން ފާގަހަކުރެވެނީ ސަރުކާރު ގޯސްވެގެން ޖަވާބުދާރީ ކުރުވުމަށް ޕީޕީއެމް އިން ކުރަމުންދާ އެއްވެސް މަސައްކަތެއްގެ އަސަރު މި އިންތިހާބުން ފެނިގެން ނުދިޔަ ކަމެވެ. ރާއްޖޭގެ މިނިވަންކަން ގެއްލުވާލައިފި ކަމާއި ކޮރަޕްޝަން އާންމުވެއްޖެ ކަމާއި ގައުމުގެ ދަރަނި ބޮޑުވެ ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށް ބުނެ ޕީޕީއެމް އިން ދިޔައީ ރައްޔިތުންނަށް އެކަން ވިސްނައިދެމުންނެވެ. ނަމަވެސް ގުރައިދޫ ދާއިރާގެ ރައްޔިތުން އިދިކޮޅުގެ އެ ކަންބޮޑުވުންތައް އެއީ ހަގީގަތެއް ކަމަށް ބަލައިގެން ކަމަކަށް ނަތީޖާ އަކުން ނުދެއްކި އެވެ.
ޖުމްލަ ގޮތެއްގައި ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުން ދައްކައިދިނީ ރިޔާސީ އިންތިހާބު އައިސް ބޯމަތިވެފައި އޮއްވާ އެ ދާއިރާގެ ރައްޔިތުންގެ ތާއީދު މިސަރުކާރަށް އޮތް މިންވަރެވެ. މީގެ ހަތަރު މަހެއްހާ ދުވަހަށްފަހު ބާއްވާ ރިޔާސީ އިންތިހާބުގެ ބޮޑު މަންޒަރު މި އިންތިހާބުން މިއޮތީ ކޮންމެވެސް މިންވަރަކަށް ކުރަހައި ދީފަ އެވެ. އެކަން ޔަގީނުންވެސް ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ އައުލަބިއްޔަތުން އެއޮތީ ދައްކައިދީފަ އެވެ.